ތާރީޚުން ފިލާވަޅެއް: ފަނޑިޔާރު ރާމާމަކުނުގެ އިންސާފަށް ބިރުވެތިވުން

Loading

Facebook
Twitter
WhatsApp
maldives news

ރާމާމަކުނުގެ އިންސާފުގެ ވާހަކައަކީ އަޅުގަނޑުމެން މަޖީދިއްޔާ އިސްކޫލުގެ ދަށުކިލާސްތަކުގައި ކިޔަވަން އުޅުނު އިރު، ދިވެހި ކިޔަވަން ބޭނުންކުރި ’ކިޔުމުގެ ފޮތެއް’ކަމުގައިވާ ކުޑަކުދިންގެ ބަގީޗާގައި އޮންނަ ވާހަކައެކެވެ. މިވާހަކައަށް ދެވިފައި އޮތް ނަމަކީ ’ދެ ބުޅަލުގެ އަރާރުން‘ މިއެވެ. މިފަހަރުގެ ތާރީޚީ ފިލާވަޅު ގުޅެނީ މިވާހަކައާއެވެ.

އެންމެ ފުރަތަމަ ވާހަކައިގެ ޚުލާސާއެއް ލިޔެލާނަމަވެ. އެއްދުވަހަކު ދެ ބުޅާވެގެން، ކޮންމެވެސް ތަނަކުން، ބޯކިބަލެއް ނެގިއެވެ. ދެން، ދެބުޅަލުގެ މެދުގައި ބޯކިބާ ބެހުމުގެ މައްސަލަ ޖެހިއްޖެއެވެ. އެއް ބުޅާ، ބޯކިބާ ފަޅާލައި ދެފަޅިކޮށްފައި އެއްފަޅި، އަނެއް ބުޅަލަށް ދިނުމުން، އޭނާ ބުނީ އޭނާއަށް ލިބުނު ފަޅި ކުޑަކަމެވެ. އަދި އޭނާގެ އަޚާގެ ފަޅި މާ ބޮޑުކަމެވެ. މައްސަލަ ހައްލު ނުކުރެވިގެން، ދެބުޅާ ނިންމީ އަވައްޓެރި ރާމާމަކުނު ފަނޑިޔާރު މަނިކުފާނު އަރިހަށް ދާށެވެ. ފަނިޑިޔާރު ރާމާމަކުނު އަރިހަށް ގޮސް ބޯކިބަލުގެ މައްސަލަ ހުށަހެޅުމުން، އިންސާފުގެ ތިލަފަތުގެ ދެކިބަ މަތީގައި ދެފަޅި ބޯކިބާ ބާއްވަވާފައި ފަނޑިޔާރު މަކުނު ވިދާޅުވިއެވެ. ”މައްސަލަ ޖެއްސި ބުޅާ އެ ބުނަނީ ރަނގަޅަށެވެ. ބޯކިބާގެ ދެފަޅި ދެވަރެވެ. އެއް ފަޅި ތަންފުކެއް ބޮޑެވެ.“ މިހެން ވިދާޅުވެފައި، ބޯކިބާގެ ބޮޑުކަމަށް ދެކެވަޑައިގެންނެވި ފަޅިން، ފަނޑިޔާރު މަކުނު މަނިކުފާނު  ހެޔޮވަރުގެ ބައެއް ނަންގަވައި އަނގަފުޅައް ލައްވަވައި ދިރުވާލެއްވިއެވެ. ދެން އަނެއްކާ ވެސް ދެފަޅި ކިރާލެއްވިއެވެ. އަދި ފަނޑިޔާރު މަކުނު މަނިކުފާނު ވިދާޅުވިއެވެ. ”އަހާނ! މިހާރު އަނެއް ފަޅި މާ ބޮޑުވެއްޖެދޯއެވެ؟“ ދެން އަނެއްކާވެސް އެފަޅި ކުޑަކޮށްލެއްވުމުގެ ގޮތުން، އެފަޅިން އެތިކޮޅެއް ނަންގަވައި، މަކުނު ފަނޑިޔާރު މަނިކުފާނު ފަރިއްކުޅުއްވިއެވެ. ދެން، އަނެއްކާވެސް ދެފަޅި ކިރާލައްވައި، އެއްފަޅި ބޮޑުވުމުން، އެ ފަޅިން އެތިކޮޅެއް ނަންގަވައި  މަކުނު ފަނޑިޔާރު މަނިކުފާނު ފަރިއްކުޅުއްވިއެވެ. މިހެން، ބޯކިބާގެ ދެ ފަޅިން ފަހަރަކު އެތިކޮޅެއް، ފަނޑިޔާރު މަކުނު މަނިކުފާނު ފަރިއްކުޅުވަމުން ގެންދަވާތަން ދެ ބުޅަލަށް ފެނުމުން، ވާނުވާ ރޭކާލާ ގޮތް ވިއެވެ. ބޯކިބާގެ ދެފަޅި އެއްވަރުކުރައްވަނީއޭ ވިދާޅުވެ، ހީލަތްތެރިކަމާއެކު، ފަނޑިޔާރު މަކުނު މަނިކުފާނުގެ ބޭނުންފުޅަކީ ބޯކިބާ ފަރިއްކުޅުވާލުންކަން ދެބުޅަލަށް ވެސް ވިސްނުނެވެ. ދެން، ވަރަށް އަދަބުވެރިކަމާއެކު، ދެބުޅާ އެއްފަހަރާ ހެން، ފަނޑިޔާރު މަކުނު މަނިކުފާނަށް ދެންނެވިއެވެ. ”އިއްޒަތެރި ފަނޑިޔާރު މަކުނު މަނިކުފާނެވެ! ބޯކިބާގެ ދެން އޮތްބައި އަޅުގަނޑުމެންނަށް ދެއްވާށެވެ! އެއްބައި ތަންފުކެއް ކުޑަ ވިޔަސް އެންމެ ރަނގަޅެވެ.“ ޖަވާބުގައި، ފަނޑިޔާރު މަކުނު މަނިކުފާނު ވިދާޅުވިއެވެ. ”އެހެންވާނީ ކިހިނެއް ހެއްޔެވެ؟ އަހުރެން ކުރި މަސައްކަތުގެ އަގު ކޮބާ ހެއްޔެވެ؟“ މިހެން ވިދާޅުވެ، ފަނޑިޔާރު މަކުނު މަނިކުފާނު އަނގަފުޅު އޮތް މިނަށް ހުޅުއްވާލައްވައި، ބޯކިބާގެ ދެން ބާކީ އޮތް އެއްޗެއް އަނގަފުޅަށް ލައްވައި، ދިރުވާލެއްވިއެވެ. ދެން، ކައިރީގައި ހުރި ގަހަކަށް އަރުއްވައި ފިއްލެވިއެވެ.

ފަނޑިޔާރު މަކުނު މަނިފާނުގެ އިންސާފުގެ ވާހަކައިން ލިބިގަނެވޭ ދަރުހަކީ، ފިލާވަޅަކީ، ކޮބައި ހެއްޔެވެ؟ ތިމާމެންގެ ދާޚިލީ ކަންތައްތައް، ތިމާމެންގެ އަމިއްލަ މައްސަލަތައް، ހައްލުކުރަންވާނީ އަމިއްލައަށް ކަމެވެ. ތިމާގެ ދަހިވެތިކަން އިންތިހާއަށް ގޮސް، ’ބޯކިބާގެ ބޮޑުބައި‘ ހޯދުމުގެ ބޭހަޔާއީ އަމިއްލަ އެދުމުގައި، ތިމާމެންގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރު މީސްމީހުން ވެއްދުމަކީ ބޮޑެތި ގެއްލުން ލިބޭ ކަމެއްކަމެވެ. މީގެ ބައެއް ހަގީގީ މިސާލުތައް، ބަލާލުމަށްޓަކައި، ތާރީޚުގެ ބައެއް ސަފުހާތައް އުކާލަމާ އަންނާށެވެ.

ތަންކޮޅެއް ކުރީގެ ތާރީޚީ މިސާލެއް ބަލާލާކަމަށް ވަންޏާ، އަންދަލުސްގެ ވާހަކަ ކިޔާލާށެވެ. އަންދަލުސްއަކީ ’އިސްލާމީ އިސްޕޭނަށް‘ ދެވުނު ނަމަވެ. އަދުގެ އިސްޕޭން އާއި ޕޯޗުގަލް، މިދެގައުމު އޮތް ބައްރުކަމުގައިވާ އައިބީރިޔާގެ ޖަޒީރާ އެއްކޮންހެން މުސްލިމުން ވެރިކަން ކުރިއިރު، އެ ޖަޒީރާ އަށް މުސްލިމުން ދީފައިވާ ނަމެވެ. އަންދަލުސްގައި މުސްލިމުންގެ ވެރިކަން، ގާތްގަނޑަކަށް، 800 އަހަރު ވަންދެން ދެމިއޮތެވެ. މިލާދީ ސަނަތުން 711 އިން ފެށިގެން 1492ވަނަ އަހަރާއި ހަމައަށެވެ. މީގެ ތެރެއިން، ގާތްގަނޑަކަށް، ފުރަތަމަ 300 އަހަރު މުޅި އައިބީރިޔާގެ ޖަޒީރާގައިހެން  މުސްލިމުންގެ ވެރިކަން  އޮތެވެ. އެއަށްފަހު، މުސްލިމުންގެ މެދުގައި، ސިޔާސީ ދެބަސްވުންތައް އުފެދި، އެކަން ކޯޅުންތަކަށް ބަދަލުވެ، ދާޚިލީ މައްސަލަތަކުގެ ތެރެއަށް މަކުނު ފަނޑިޔާރު ފަދަ ބޭރު މީސްމީހުން ގެނައުމުގެ ސަބަބަކަށްވީ، ދެބުޅަލަށް ބޯކިބާ ގެއްލިދިޔަ ފަދައިން، މަޑުމަޑުން، މުސްލިމުންގެ ބާރުގެ ދަށުގައި އޮތް އަންދަލުސްގެ ސަރަހައްދު، އުނިވަމުން ދިޔުމެވެ. އެސަރަހައްދު، ބަޔަކަށްފަހު ބަޔެއް، މުސްލިމުން އަތުން ގެއްލި، އެންމެ ފަހުން އާޚިރުގައި، 1492ވަނަ އަހަރު، އެންމެ ފަހުން އޮތް ބައި، ޣަރުނާތާ، (ގްރެނާޑާ) ގެއްލުނީއެވެ. ދެން، މުސްލިމުންނަށް، ނަސާރާ ދީނާ ވަންނަން މަޖުބޫރުކުރެވުނެވެ. އެކަން ގަބޫލުނުކުރި ބައެއް މުސްލިމުން މެރުނެވެ. އަނެއް ބަޔަކު ފުރާނައާއިގެން ރަށުން ބޭރުވެ، އުތުރު އެފްރިކާގައި ވަޒަންވެރިވިއެވެ. މިއަދުގެ އަލްޖީރިޔާއާއި ތޫނިސާއި މަޣުރިބު ކަރައިގެ ރާއްޖެތަކުގެ ބައެއް މީހުންގެ އާއިލީ ނަންތަކަށް ބަލައިލުމުން، އެމީހުންނަކީ 1492ގައި އަންދަލުސްއިން ބޭރުކޮށްލެވުނު މުސްލިމު އިސްޕޭނުގެ ދަރިކޮޅުގެ މީހުންކަން ފާހަގަކުރެވޭނެއެވެ.

އަންދަލުސްގައި މަކުނު ފަނޑިޔާރު މަނިކުފާނުގެ ބައި ކުޅުއްވީ އިސްޕޭނުގެ އެންމެ އުތުރުގައި އޮތް ނަސާރާއިންގެ ވެރިކަމުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި އަމީރުންނެވެ. އެ އަމީރުންނަށް އެކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ މުސްލިމުންގެ ސިޔާސީ ކޯޅުންތަކުގެ ސަބަބުންނެވެ. އަދި، ކޮންމެ ސިޔާސީ ލީޑަރެއްގެ ވެސް އެންމެ މުހިއްމު އެދުމަކަށް، އޭނާގެ އަމިއްލަ ވެރިކަން ގާއިމުކުރުން ވެގެންދިޔައީމައެވެ. ނަތީޖާއަކަށްވީ ހަމަ ދެބުޅަލަށް ޖެހުނު ދަތުރެވެ. ދެބުޅާ އަތުން، މުޅި ބޯކިބާ ބީވެގެން ދިޔަފަދައިން، މުސްލިމުންގެ އަތުން، މުޅި އަންދަލުސް ބީވެގެން ދިޔުމެވެ.

މިޒަމާނުގެ ތާރީޚުން ވެސް މިފަދަ މަންޒަރުތައް ފެނެއެވެ. ސިޔާސީ ބުޅާތަކުގެ ކޯޅުންތަކާއި އަދި އެކަމުގެ ސަބަބުން ގައުމުތައް ހަލާކުވެ ނެތިދާ މަންޒަރުތަކެވެ. ދެތިން މިސާލު ލިޔެލާނަމެވެ. އެންމެ ފުރަތަމަ، މިޒަމާނުގައި، 20ވަނަ ގަރުނުގައި، މަކުނު ފަނޑިޔާރުގެ ދައުރު، އެންމެ ގިނައިން އަދާކުރި އެއްބަޔަކީ އިނގިރޭސިންނެވެ. 1920 ވަނަ އަހަރު، ފަލަސްތީނު، މަހުމިއްޔާއެއްގެ ގޮތުގައި (ޕޮރޮޓެކްޓަރޭޓެއްގެ ގޮތުގައި)، އިނގިރޭސީންގެ އަތްދަށަށް ގެނެވުނު ގޮތް ބަލާށެވެ. އަރަބިންގެ ސިޔާސީ ’ބުޅަލަކަށް’، މިނިވަންކަމުގެ ބޯކިބާގެ ދަޅަ ދައްކައި، އުޘްމާނީންނާ އިދިކޮޅުވެ، އުޘްމާނީ ދައުލަތް ވައްޓާލުމަށް އެހީވެދޭން ހިތްވަރު ދިނެވެ. އަދި އުޘްމާނީ ދައުލަތް ވެއްޓުމުން، އަރަބި މަމްލަކާއެއް އުފައްދައި، އެ މަމްލަކާގެ ރަސްކަލަކަށް މިނަންގަތް ސިޔާސީ ބުޅާ އިސްކުރެވޭނެ ހޮޅި އުއްމީދު ދިނެވެ. ދެން، ފުރަތަމަ ބޮޑު ހަނގުރާމައިގައި އުޘްމާނީ ދައުލަތް ހިމެނުނު، މިހްވަރީ ބާރުތައް (އެކްސިސް ޕަވާރސް) ބަލިވުމުން، ސިއްރު ގޮތެއްގައި، އިނގިރޭސިންނާއި ފަރަންސޭސީން، ސައިކްސް-ޕީކޯގެ ނަމުން ނަންދެވުނު އެއްބަސްވުން އެއްބަސްވެ، ގާތްގަނޑަކަށް މުޅި އަރަބި މެދުއިރުމަތި އެއްކޮށް، (މިއިން އިސްތިސްނާވި މައިގަނޑު ރާއްޖެއަކީ އަދުގެ ސައުދީ އަރަބިޔާއެވެ)، ފަރަންސާސީންނާއި އިނގިރޭސީންގެ ދެމެދުގައި ބަހާލެވުނެވެ. މިއެއްބަސްވުމުގައިވާ ގޮތުން، އިރާގާއި ފަލަސްތީނު އިނގިރޭސީންގެ އަތް ދަށަށް ގެނެވުނެވެ. އިނގިރޭސިންގެ އަތްދަށަށް އިރާގު ގެނެވުނީ، އޭރު، އެތަނުން ތެޔޮ ފެނިފައި އޮތީމައެވެ. އިނގިރޭސިންގެ އަތްދަށަށް ފަލަސްތީނު ގެނެވުނީ، 1917ވަނަ އަހަރު، ޔަހޫދީންގެ ވެރިކަމެއް ފަލަސްތީނުގައި ގާއިމުކުރުމައްޓަކައި އެހީވެދޭނޭކަމަށް އިނގިރޭސިން، ވައުދުވެފައި އޮންނަ ވައުދު ނެރެވިފައި އޮތުމެވެ. އަދި، އެހެންވެ، އެކަމަށް މަސައްކަތްކޮށްދިނުމުގެ ގޮތުންނެވެ. ދެން އައި 25ހަކަށް އަހަރު ދުވަހުގެ ތެރޭގައި މިކަން ކުރެވުނެވެ. ޔޫރަޕުގެ ޔަހޫދީން ފަލަސްތީނަށް ހިޖުރުކުރެވޭ ގޮތް ހަދައިދީގެންނެވެ. ކޮންމެއަކަސް، އަރަބީން އަތުން ފަލަސްތީނު ގެއްލުމުގެ އަސްލަކަށްވީ، ވެރިކަމުގެ ދަހިވެތިކަމުގައި، ގައުމީ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު މީހުން ވެއްދުމުގެ ސަބަބުންނެވެ. އަދި، މީގެ އިތުރުން، ހޭލުންތެރި ރައްޔިތެއް ވެސް ނެތުމުންނެވެ. މިވާހަކަތަކުގެ އިތުރު ތަފްސީލު، އިރާދަކުރެއްވިއްޔާ، އެހެން ފުރުސަތެއް ލިބިއްޖެ ނަމަ، ފަހުން ގެނެސްދޭނަމެވެ.

މިފަދަ އެހެން މިސާލުތައް ވެސް 20ވަނަ ގަރުނުގެ ތާރީޚުން ފެނެއެވެ. ކިޔުބާގެ ތާރީޚުން ވެސް މިކަން ފެނިގެންދެއެވެ. އިސްޕޭނުގެ އިސްތިއުމާރީ ބާރުގެ ދަށުން ކިޔުބާ މިނިވަންކުރަން އެމެރިކާގެ އެހީވުންވީ ހަމަ މަކުނު ފަނޑިޔާރު މަނިކުފާނުގެ ބޯކިބާ ބަހައިދިނުން ކަހަލަ ކަމަކަށެވެ. 1908ގައި، އިސްޕޭނުގެ އަތްދަށުން، އެމެރިކާގެ އެހީގައި ކިޔުބާއި މިނިވަން ވުމުގެ ނަތީޖާއަކަށްވީ އެމެރިކާގެ ބާރުގެ ދަށަށް ކިޔުބާ ދިޔުމެވެ. ދެން، 1959ގައި ފިޑެލް ކާސްޓުރޯގެ ޒައާމަތުގައި، ކިޔުބާއަށް އިންގިލާބު ގެނައުމަށްދާންދެން، ކިޔުބާ އޮތީ ބައެއް ލިޔުންތެރިން ސިފަކުރާ ގޮތުގައި އެމެރިކާގެ ’ބޮޑު ނާސިގެ’އެއްގެ ގޮތުގައެވެ.

  • ނުނިމޭ……

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް