ވެކްސިން ދޭން ފެށުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 9 ގައި!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އިން ރައްކާތެރިވުމަށްޖަހާ ވެކްސިން ރާއްޖޭގައި ދޭން ފެށުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 9:00 ޖަހާއިރު ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ 6 ހޮސްޕިޓަލް އެއްގައި ވެކްސިން ޖަހަން ފެށޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފައިވެއެވެ.

​އެޗްއީއޯސީގެ ފަރާތުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މާދަމާ ވެކްސިން ދޭން ފަށަނީ މާލެ ސަރަޙައްދުން އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލު، ވިލިމާލެ ހޮސްޕިޓަލު، އަދި ސެނެހިޔާ ކަމަށެވެ. މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އަދި އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލު ގައި ވެސް މާދަމާ ވެކްސިން ފެށޭނެއެވެ.

”މާދަމާ މިފަށަނީ ސިއްޙީ ދާއިރާގެ ފްރަންޓްލައިންގަ މަސައްކަތްކުރާ ފަރާތްތަކާއި އަދި ސޯޝަލް ކެއާރ ގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ޖެހުމަށް. ކުރިއަށް އޮތްތަނުގައި ރޯލްއައުޓް އިތުރަށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ފެށިގެން ދާނެ. އަދި ސިއްޙީ ދާއިރާއަާއި ސޯޝަލް ކެއާރ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ޖެހި ނިމުމާއެކު އެހެން ގްރޫޕު ތަކަށް ވެސް (އަޅުގަނޑުމެންނަށް ވެކްސިން ލިބިފަ ހުރި މިންވަރަކުން) ވެކްސިން ޖެހުން ކުރިއަށް ދާނެ“ ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްއީއޯސީން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަންވަމުން ޑޮކްޓަރ ނަޒްލާ ވިދާޅުވީ،

ވެކްސިން ޖަހާނީ ކޮނޑު މަސްގަނޑަށް ކަމުން ފަސޭހައިން ވެކްސިން ޖެހޭނެ ގޮތަށް ދޫ އެއްޗެއް ލައިގެން އައުން މުހިންމު ކަމެއް ކަމަށެވެ.

ހަމަ މިއާއެކު ވެކްސިން ޖަހަން އަންނައިރު، ރަނގަޅަށް ކައިގެން އައުން، އަމިއްލަ ފެންފުޅިއެއް ގެނައުން އަދި އައީޑީ ކާޑު ނުވަތަ ޕާސްޕޯޓު ހިފައިގެން އައުން އެއީ މުހިންމު ކަންކަން ކަމުގައި ޑރ. ނަޒްލާ ފާހަގަ ކުރެއްވި ކަންކަމެވެ.

ވެކްސިން ދިނުމަށްޓަކައި ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އެޗްއީއޯސީ އިން ވަނީ ކޮށްފައެވެ. ޢެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 560 ވަރަކަށް މީހުން ވެކްސިނަށް ޓްރެއިން ކުރެވި، އަދި ޓްރެއިންގ އޮފް ޓްރެއިނާސްގެ ސެޝަންތަކުގެ ވެސް ގާތްގަނޑަކަށް 78 ފަރާތެއް މިވަނީ ޓްރެއިން ކުރެވިފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އެއް ލައްކަ ވެކްސިން ޑޯޒް މި މަހުގެ ތެރޭގައި ހަދިޔާ ކޮށްފައި ވީ ނަމަވެސް ވެކްސިން ނުޖަހާ މަޑުކުރީ އެކަމަށް ބޭނުންވާ ހުއްދަ ލިބެންދެނެވެ. އެގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިކަމަށް އަދި ހުއްދަ ދީފައިނުވި ނަމަވެސް، އެފްޑީއޭ އިން ވަނީ މިހާރު އެވެކްސިން ޖަހަން ހުއްދަ ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް