އިންސާފު ކޮބާ؟: މިއަދު ހަވީރު މުޅި ރާއްޖޭގައި ބޮޑު އިހުތިޖާޖެއް

Loading

Facebook
Twitter
WhatsApp

މިއަދު ހަވީރު ”އިންސާފު ކޮބާ؟“ މިނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އިހުތިޖާޖެއް ބާއްވާނެކަމުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހާމަކުރިގޮތުގައި ވެރިރަށް މާލޭގައި އިހުތިޖާޖު ހަވީރު 4.30ގައި ފަށާނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލު ވިދާޅުވިގޮތުގައި މި އިހުތިޖާޖުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަށް އަދުލު އިންސާފު ނުލިބޭތީ، އަދުލު އިންސާފު ހޯދުމަށް ބާރުއެޅުމާއި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމެވެ.

”މިއީ މާތްވެގެންވާ އިސްލާމްދީނާއި އަދުލު އިންސާފުގެ ހައްގުގައި ކުރާ އިހުތިޖާޖެއް.“ އޭނާ ވިދާޅުވިއެވެ. ”އިހުތިޖާޖު މި ބާއްވަނީ ގައުމުގެ ހައްގުގައި، ރައްޔިތުންގެ ހައްގުގައި. މި އިހުތިޖާޖު ބާއްވަނީ ސަރުކާރުގެ އަނިޔާވެރިކަން ހާމަކުރުމަށް. އެއްވެސް ކުށެއްނެތި ޖަލަށްލެވިފައި ތިބި މީހުންގެ ހައްގުގައި. ޚިޔާލުފާޅުކުރުމާއި މިނިވަންކަމުގެ ހައްގުގައި.“

ޕީޕީއެމް އޮފީސް ދޮރުމަތީގައި ރޭ ބޭއްވި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން މުޙައްމަދު އިސްމާޢީލު ވިދާޅުވީ ގައުމުގައި އަދުދުލު އިންސާފެއް ނެތްކަމަށާއި މިނިވަންކަމެއް ވެސް ނެތްކަމަށެވެ.

”ސުލްހަވެރި މުޒާހަރާއަށް ހަމަ ނިކުންނަތަނުން އެބަ ހައްޔަރުކުރޭ.“ އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ދޮރުމަތީގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިފަރުދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ މުޒާހަރާއަށް ނިކުތުމުން ބަންދުކުރުމަށްފަހު ދޫކޮށްލާއިރަށް ހަމަ މުޒާހަރާއަށް ނިކުންނަވާނޭކަމަށެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ފަރެސް މާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސޭން މުޙައްމަދު ލަޠީފު ވިދާޅުވީ، ސަރުކާރުން ގެންދަނީ ދިވެހިރައްޔިތުން އަޅުވެތި ކުރަމުންކަމަށެވެ.

”ދިވެހިރައްޔިތުން ނިކަމެތިވަމުންދަނީ. ވިޔަފާރިތައް ބަނގުރޫޓުވަމުން ދަނީ.“ އޭނާ ވިދާޅުވިއެވެ. ”ބޭރު ގައުމުތަކުން ކޮވިޑުގެ އެހީގެ ގޮތުގައި ދިން އެތައް މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގުނު. ސަރުކާރުން ގެންދަނީ ފުލުހުން ނެރެގެން އަޅުގަނޑުމެންނަށް ރައްޔިތުންނަށް އަނިޔާކުރުވަމުން.“

ޕީޕީއެމްއިން ބުނިގޮތުގައި މޮނިޓަރުންގެ ހާލަތުގައި ނެތް ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ހަވީރު ބާއްވާ އިހުތިޖާޖު ފަށާގަޑިއާއި ނިންމާ ގަޑި ކަނޑައަޅާނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީއިންކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް