“ކޮވިޝީލްޑް” ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމްއެފްޑީއޭ އިން ދީފި!

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ރާއްޖެ ގެނައި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.

އެމްއެފްޑީއޭއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދީފައި ވީނަމަވެސް އެ ހުއްދަ ދީފައި ވަނީ ”ރިސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން“ ނުވަތަ ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ކަމަށެވެ.

ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްއެފްޑީއޭއިން ހުއްދަ ދީފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމަށް ހުއްދަ ދޫކޯށްފައި ނުވެއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ ”ކޮވިޝީލްޑް“ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އޮކްސްފޯރޑް-އެސްޓްރަޒެނަކާ ވެކްސިނާއި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއާއި ގުޅޭގޮތުން އެކި ޤައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކުޔުންތައް ދިރާސާކިށްފައިވާކަމަށެވެ. އަދި އެ ބެލި ބެލުމުން އެ ދެ ވެކްސިނަކީވެސް އެއް ކޮމްޕޮޒިޝަން އަދި ފޯމިއުލޭޝަނެއްގެ މައްޗަށް ބިނާކޮށް އެފައްދާފައިވާ އެއްޗެއްކަން ޔަގީން ކުރެވުނު ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

​މި ވެކްސިން ފުރަތަމަ ދޭން ފަށާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް