ދިވެހި ސިފައިންނަކީ އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއް: ރައީސް ޞާލިޙު

Loading

Facebook
Twitter
WhatsApp

ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”އެއީ ޢަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން.“ ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ހޯމަދުވަހު މެންދުރުކުރީގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ މައި މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

”ދިވެހި ސިފައިންނަކީ ޤާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަ ކުރަން. ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި ޢަސްކަރީ އާލާތްތައް ހޯދައި، ޒަމާނީ ވަސީލަތްތައްވެސް މި އަންނަނީ ޤާއިމުކުރަމުން.“ ރައީސް ވިދާޅުވިއެވެ. ”ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް، ކުރިއަށްވުރެ މިހާރުވަނީ އިތުރުވެފައި.“

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައިވެސް، ޒަމާނީ ޢަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މަޤާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތަޢުލީމީ ފެންވަރަށާއި، އެމީހެއްގެ ސިފަވަންތަ އަޚްލާޤަށާއި، ނަތީޖާ ނެރެދޭ މިންވަރަށާއި، ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މިހާރު ދިވެހި ޢަސްކަރިއްޔާއަކީ، ކުރިއަށްވުރެވެސް ބޮޑަށް ޢަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއްކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ކަނޑުމަތީގެ 667 ހާދިސާއެއްގައި، 1880 މީހަކަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ވިދާޅުވިއެވެ. އަދި ޙާލު ބޮޑުވި ބަލިމީހުންގެ ތެރެއިން 4886 މީހަކު، ސީ-އެމްބިއުލާންސްގަޔާއި ހެލިކޮޕްޓަރުގައި އެއްތަނުން އަނެއްތަނަށް ގެންގޮސްދީފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ރާއްޖޭގެ ޢަސްކަރިއްޔާގެ ތަރައްޤީއަށް، ވަރަށް ގިނަ ޤައުމުތަކެއްގެ އެހީތެރިކަން، މިދިޔަ ދެ އަހަރުގެ ތެރޭގައި ލިބިފައިވާކަމަށާއި މިފަދަ އެހީތައް ރާއްޖެއަށް ލިބެނީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު، ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރެވި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައަށް ރާއްޖެއިން ދޭ ސަމާލުކަމާއި އެކަމަށްޓަކައި ކުރާ މަސައްކަތް، ބޭރު ދުނިޔެއިން ބަލައިގަންނާތީ ކަމަށް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތް އެޅުމަށް، އިންޑިއާ ސަރުކާރުން ވަނީ، 5.08 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ. އަދި ޖަޕާން ސަރުކާރުގެ އެހީގައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރުގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިފާޢީ މުއައްސަސާގެ ކޮންމެ ޕްރޮމޯޝަނެއް، ކޮންމެ މެޑައްޔެއް، ކޮންމެ ކުލައެއް އަދި ކޮންމެ ޝަރަފަކީ، އެކަމަށް އޮންނަ އުޞޫލުގެ ތެރެއިން ސިފައިން ހާސިލު ކުރާ އެއްޗެއް ކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް މިނިސްޓަރުގެ ހެޔޮފުޅުކަމުން، ނުވަތަ ވަކި އަތޮޅަކަށް، ރަށަކަށް، ފިކުރަކަށް ނުވަތަ އާއިލާއަކަށް ނިސްބަތްވާތީ، ދޭ ހަދިޔާއެއް އަދި އިނާމެއް ނޫން ކަމަށް ވެސް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް