ކޮވިޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ޗައިނާއިން ޕާކިސްތާނަށް ހަދިޔާ ކުރަނީ !

Loading

Facebook
Twitter
WhatsApp

މިމަސް ނިމުމުގެ ކުރިން ޗައިނާއިން ޕާކިސްތާނަށް ކޮވިޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ހަދިޔާ ކުރާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރޭޝީ ވިދާޅުވެއްޖެ އެވެ.

​ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ފޯނުން ވާހަކަ ދެއްކެވުމަށް ފަހު ގުރޭޝީ ވިދާޅުވި ގޮތުގައި އެގައުމުން ވަނީ ޕާކިސްތާނުން މަތިންދާބޯޓެއް ފޮނުވުމާއެކު ވެކްސިންގެ ޑޯޒްތައް ދޭނެ ކަމަށް ބުނެފަ އެވެ.

”ޖެނުއަރީ 31ގެ ކުރިން ޕާކިސްތާނަށް ވެކްސިންގެ 500،000 ޑޯޒް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ވަނީ ދީފައި. އެގައުމުން ވަނީ އަޅުގަނޑުމެންގެ މަތިންދާބޯޓެއް ފޮނުވުމުން ވައިގެ މަގުން ވަގުތުން ވެކްސިން ގެންދެވޭނެ ކަމަށް ބުނެފަ،“ ގުރޭޝީ ވިދާޅުވި އެވެ.

ޤުރޭޝީ އެހެން ވިދާޅުވެފައިވަނީ ޗައިނާގެ ދައުލަތުގެ ކުންފުނި ސައިނޯފާމްގެ ސަބްސިޑަރީއެއް ކަމަށްވާ ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސްއިން އުފެއްދި ކޮވިޑް ވެކްސިން ޕާކިސްތާނުގައި ބޭނުން ކުރަން އެގައުމުން މިދިޔަ ހޯމަ ދުވަހު ހުއްދަ ދީފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ​ޗައިނާ އިން ޕާކިސްތާނަށް ފޯރުކޮށްދޭ ޑޯޒްތަކަށް ޕާކިސްތާނުން ފައިސާ ދައްކަން ނުޖެހޭނެ ކަމަށްވެސް ގުރޭޝީ ވިދާޅުވި އެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ސްޓްރެޓީޖިކް ގުޅުމާ ހެދި ޗައިނާއިން އެންމެ ފުރަތަމަ އެހީވާން ނިންމި ގައުމަކީ ޕާކިސްތާން ކަމަށް މިނިސްޓަރު ވަންގް ވިދާޅުވި ކަމަށް ގުރޭޝީގެ ވީޑިއޯ މެސެޖެއްގައިވެ އެވެ.

ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ސައިނޯފާމްގެ ވެކްސިންގެ އިތުރުން އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންވެސް އެގައުމުގައި ބޭނުން ކުރަން ހުއްދަ ދީފަ އެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް