ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް: ޑރ. ޖަމީލު

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމުގައި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގެ އިސްބޭފުޅަކަށް ހުންނެވި ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

”މައްސަލައިގެ އިސްތިއުނާފަށް މިއެނބުރިގަންނަނީ. އިސްތިއުނާފުގެ ކަންތައް އަޅުގަނޑުމެން ވަރަށް އަވަސް ކުރާނަން.“ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ޙުކުމް ދަމަހައްޓަން ހައި ކޯޓުން ބުރާސްފަތި ދުވަހުގެރޭ ކުރި ހުކުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން، ކުރިން ޖަސްޓިސް މިނިސްޓަރިކަން ވެސް ކުރައްވާފައިވާ، ތަޖުރިބާކާރު ގާނޫނީ އިލްމުވެރިޔާ ޑރ. ޖަމީލު ވިދާޅުވިއެވެ. ”ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ހިތްވަރު ކުރައްވާށޭ. އަޅުގަނޑުމެން މިޓީމު މިތިބީ ފިސާރި ސާބިތުކަމާއެކީގައޭ. އިސްތިއުނާފުގެ މަސައްކަތް އަޅުގަނޑުމެން މިފަށައިގަތީއޭ.“

ޖަމީލު އިތުރަށް ވިދާޅުވިއެވެ.

”އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ވަރަށް ޔަގީން ކަށަވަރުކަން އެބައޮތް ހައި ކޯޓުގެ ދެ ފަނޑިޔާރުން އިއްވި ހުކުމުގައި ހަދާފައިވާ ބޮޑެތި ގޯސްތައް، ގާނޫނު ތަޠުބީޤް ކުރުމުގައި ހަދާފައިވާ ގޯސްތައް އެ ގަބޫލުކުރުމުގައި ހަދާފައިވާ ގޯސްތައް އަދި މިމައްސަލައިގެ ވާޤިޢާތު އެބޭފުޅުންގެ ނަޒަރިއްޔާތުގައި ބަޔާންކުރައްވާފައި ހަދާފައިވާ ބޮޑެތި މާސިންގާ ގޯސްތަކާއި އައިބުތަކަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިންސާފު ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން.“

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖުރިމާނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައި ކޯޓުން ދެމެހެއްޓީ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ހައި ކޯޓުގައި ބޭއްވި އިސްތިއުނާފު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ނިޔާ އިއްވުމަށް ބޭއްވި އަޑުއެހުމުގައި އެބޭފުޅެއްގެ ރައުޔު ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއްވިއެވެ. ތިން ފަނޑިޔާރުންގެ ތެރެއިން އެއްބޭފުޅެއްގެ ރައުޔަކީ ކްރިމިނަލް ކޯޓުގައި ޔާމީންގެ ޝަރީޢަތް ހިންގާފައިވަނީ ގާނޫނާއި ގަވައިދާއި އިޖުރާޢަތްތަކާ ޚިލާފަށް ކަމަށް ވާތީ ކްރިމިނަލް ކޯޓުގެ ހުކުމް ބާޠިލު ކުރުމަށެވެ. ނަމަވެސް އަނެއް ދެ ފަނޑިޔާރުންގެ ރައުޔަކީ ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ނުގުތާތަކަށް ރިޢާޔަތްކޮށް މައްސަލަ ބާޠިލު ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށެވެ.

ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށް ރައުޔު ދެއްވި ފަނޑިޔާރު ޙުސޭން ޝަހީދުގެ ރައުޔަކީ ރައީސް ޔާމީންގެ ދައުވާ ފޯމު ވެއްދި ހިސާބުން ފެށިގެން، އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން ފަދަ އެތައް ކަމެއް ގާނޫނާއި ގަވައިދާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވިގޮތުގައި އެބޭފުޅުން ހުށަހެޅުއްވި އިސްތިއުނާފީ ނުގުތާތަކުގެތެރޭގައި ރަނގަޅު ރައުޔެއްގެ ގޮތުގައި ފެނިގެން ދިޔައީ ތަފާތު ރައުޔު ދެއްވި ފަނޑިޔާރު ޝަހީދުގެ ރައުޔެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ޙުކުމް ދަމަހައްޓަން ހައި ކޯޓުން ޙުކުމް ކުރެއްވި ދެ ފަނޑިޔާރުން ހައްދަވާފައިވާ ހުރިހާ ގޯހެއް ވަރަށް ތަފުސީލީ ގޮތެއްގައި ފަނޑިޔާރު ޝަހީދުގެ ޙުކުމުގައި ތަފުސީލުކޮށްދެއްވާފައި ވާކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

”އަޅުގަނޑު ގަބޫލުކުރަނީ މިޙުކުމް މިގޮތަށް ދަމަހައްޓައިފިނަމަ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ރާއްޖޭގެ ރައްޔިތުންނަށް ދީފައި އޮތް ރައްކާތެރިކަން ގެއްލިގެންދާނެކަމަށް.“ ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރަން ސްޕްރީމް ކޯޓަށް ހުށަހަޅާނީ ކޮން ދުވަހެއްގައިކަން އަދި ނޭނގެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް