ދިވެހި ސީމޭނުންގެދުވަސް ހަނދާނަށް އައުމުން..

Loading

Facebook
Twitter
WhatsApp
news

ކޮންމެމީހަކަށްވެސް ދުވަހެއް އަންނާނެޔޭ ބުނެއުޅޭ އުސޫލުން ބޯޓުދަތުރުކުރާ މީހުންނަށްވެސް ދުވަހެއް އައިސް އެމީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިފަހަކަށްއައިސް މީޑިއާގައި ފާޅުކުރެވެމުންދާ ޚިޔާލުތައް ފެނުމުން ވަރަށް ތަފާތު އިޙްސާސް ތަކެއް ކުރެވެމުން ދާން ފަށަައި ފިއެވެ. އުފާވެރި އިޙްސާސް ތަކެކެވެ. އުންމީދުގެ އިޙްސާސްތަކެވެ. ނާއުންމީދާއި ޔަަގީންކަމެއް ނެތުމުގެ އިޙްސާސްތަކެއްވެސްމެއެވެ.

ދިވެހިރާއްޖޭން ބޯޓުދަތުރުކުރަން ގޮސްއުޅުނު ދިވެހިން މަސައްކަތްކުރަމުންދިޔަ ގޮތާއި ވެއްޓާއި އެ މަސައްކަތުގައި ދިމާވަމުންދިޔަ ގިނަގުނަ ގޮއްޖެހުންތަކާއިއެކު އެމީހުން ކުރިއަރައިގެންދިޔަ ގޮތާއި ޙާސިލުކުރެވުނު ލަނޑުދަނޑިތައް ވަރަށްގާތުން އަޅުގަނޑު ދުށީމެވެ.

1960 ގެ ފަހުކޮޅުގެ އަހަރުތަކާއި 1970 ކުރީކޮޅުގެ އަހަރުތަކަކީ ދިވެހިންގެ ޝިޕިންގ ލައިން ކުރިއަަރަން ފެށިދުވަސްވަރެވެ. އެދުވަސްވަރު ބޯޓުފަހަރުގެ އިސް ހުރިހާ މަގާމެއްގައިތިބީ ބިދޭސީންނެވެ. އިންޖީނު ގައި މަސައްކަތްކުރާ ގިނަމީހުންނަކީ ބަނގުލަދޭސް މީހުންނެވެ. ޑެކްގައި މަސައްކަތްކުރާ ފަޅުވެރިންނަކީ ދިވެހިންނޭ ބުނެވިދާނެެވެ. ކޮޅުނބުގައި އެންޖިނިއަރިންގ ކިޔަވަންގޮސްތިބި ހަތަރު ފަސް ދިވެއްސަކު ޖޫނިއަރ އިންޖިނޭރުންގެ ގޮތުގައި 1960 ގެ ފަހުކޮޅު ބޯޓުފަހަރުގެ ފަޒީފާއަށް ގުޅުނެވެ.

1970 ގެ އަހަރުތަކަކީ ދިވެހިންގެ ޝިޕިންގ ލައިން އަށް ބޯޓުފަހަރު ގިނަވަމުން އަދި އޭގެ އިތުރުން ދިވެހިންގެ ޝިޕިންގ ކުންފުނިން މެނޭޖް ކުރަމުންދިޔަ ބޯޓުފަހަރުވެސް އިތުރުވަމުން ދިޔަ ދުވަސްވަރެވެ. 1980 ގެ މެދުތެރެއަށް އައިއިރު ދިވެހި ޝިޕިންގލައިންގައި އަމިއްލަ 48 ބޯޓުގެ އިތުރުން އެތައް ބޯޓެއ މެނޭޖްކުރަމުން ގެންދިޔައެވެ. އަދި އެހާ ހިސާބަށް ދެވުނުއިރު ފަޅުވެރިންގެ ގޮތުގައި ތިބީ މުޅިންކަހަލަގޮތަކަށް ދިވެހިންނެވެ. އަދި ފަޅުވެރިންގެ ގޮތުގައި ބޭރުގެ ގިނަ ކުންފުނިތަކަކުން ވެސް އެދުވަސްވަރު ދިވެހިންނަށް ފުރުސަތު ލިބެމުންދިޔަކަން ފާހަގަކުރަން ޖެހެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދިވެހިންނަކީ އެންމެ ބެސް ސީމަނުންނަށް ވީމައެވެ. އޮފިސަރުންނާއި އިންޖިނޭރުންގެ ގޮތުގައި ހައެއްކަ ދިވެހިން ފިޔަވައި އޭރު ދިވެހި ޝިޕިންގް ލައިންގައި ޢާންމުކޮށް ތިބީ އިންޑިއާ މީހުންނެވެ. ރޭޑިއޯ އޮފިސަރުންގެގޮތުގައި ބަރުމާ މީހުންނެވެ.

1980 އިން 1984 އަށް  ކުންފުނީގެފަރާތުން ފުރަތަމަފަހަރަށް އޮފިސަރުން ބިނާކުުރުމަށް ހިންގި ޕްރޮގްރާމް ގެ ދަށުން ކުންފުނީގެ ހުރިހާ ބޯޓެއްގައި މަސައްކަތް ކުރާނެ ރޭޑިއޯ އޮފިސަރުން ތަމްރީނުކޮށް ބޯޓުފަހަރުގައި މަސައްކަތްކުރަމުންގެންދިޔަ ބިދޭސީ ހުރިހާ ރޭޑިއޯ އޮފިސަރުން ބަދަލު ކުރެވުނެވެ. އިތުރު ބައެއް ރޭޑިއޯއޮފިސަރުން ބޭރުގެ ކުންފުނިތަކުންވެސް ވަޒީފާއަށް ލިބެންފެށިއެވެ. އެއީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވީތީއެވެ. އޮފިސަރުންނާއި އިންޖިނޭރުން ތަމްރީނުކުރަން ހިންގުނު ޕްރޮގްރާމުން ހައެއްކަ މީހުން ތަމްރީނުކުރެވުނެވެ. މާ ބޮޑު ކާމިޔާބެއް ނުހޯދުންނެވެ.

އިރާން އިރާގު ހަނގުރާމައާއި އަދިވެސް ދުނިޔޭގެ އިގްތިސާދަށް 1980 ގެ އަހަރުތަކުގައި ދިމާވި އަރިއަޅާލުންތަކެއްގެ ސަބަބުން ދިވެހި ޝިޕިންގ ލައިނަށްވެސް އުނދަގޫ ދުވަސްވަރެއް ކުރިމަތިވިއެވެ. އަދި ދިމާވި ސަބަބުތަކަކާހުރެ ދިވެހި ޝިޕިންގލައިން ތަފާތު ނަންނަމަށް ބަހާލެވުނުތަންވެސް ފެނުނެވެ. ކަންދިމާވިގޮތުން އެދުވަސްވަރު ކުންފުނީގެ އިންޝުއަރެންސް ޑިޕާޓްމެންޓުގެ އިސްވެރިންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ.

ތަފާސްހިސާބުތަކުން އެގުނުގޮތުގައި 1980 ގެ އަހަރު ތަކުގައި ބޯޓުފަހަރުގައި މަސައްކަތް ކުރަމުންދިޔަ ދިވެހިންގެ އަދަދު 3000 އަށްވުރެން ގިނައެވެ. ނަމަވެސް އެއީ މުޅިންވެސް ފަޅުވެރިންނެވެ. އޮފިސަރުންގެ މަގާމުތައް ލިބޭވަރަށް ތަމްރީނު ލިބިފައިވަނީ ވަރަށް މަދު ބައެކެވެ. މިފަދަ ކާމިޔާބު ގޮތަކަށްް ދިވެހިންގެ މަސައްކަތް ބޭރުގެ ކުންފުނިތަކުންވެސް ބަލައިގަންނަމުން ދަނިކޮށް ބީ. ސީ. ސީ. އައި. ބޭންކު ގެ މައްސަލައާއި ގުޅިގެން ގިނަބޯޓުތަކެއް ދުނިޔޭގެ އެކިއެކި ބަނދަރުތަކުގައި ހިފޭއްޓިގެންދިއުމުގެ ސަބަބުން ހާހެއްހާ ދިވެހިންގެ ވަޒީފާއަށް ނޭދެވޭ އަސަަރު ކުރިއެވެ. ނަމަވެސް ދިވެހިންގެ މަސައްކަތުގެ ފެންވަރާއި ރިވެތި އަޚްލާގުގެ ސަބަބުން ޔޫރަޕްގެ ބައެއް އެހެން ކުންފުނިތަކުން ދިވެހިންނަށްވަޒީފާ ހަމަޖެހިގެންދިޔައެވެ.

ބޯޓުދަތުރުކުރާދިވެހިން އެންމެބޮޑަށް ފާހަގަކުރަންޖެހޭނީ 1990 ގެ އަހަރުތަކެވެ. މާލޭގެ ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ވަރަށް އާދައިގެ ގޮތަކަށް ސަރުކާރުން ހިންގަމުންގެންދިޔަ ތަމްރީނު ޕްރޮގްރާމްތަކަށް  ފުރިހަމަގޮތެއްގައި ސަރުކާރުގެ އެއްބާރުލުން ލިބެންފެށީ 1992 ގައިކަން ފާހަގަކުރަަންޖެހެއެވެ. 1992 ވަނައަހަރު މެދުތެރޭގައި އެއްދުވަހަކު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ނިންމަވާ ލެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން ދިވެހި ސީމޭނުންނަށް ލިބޭ އާމްދަނީއާ ބެހޭގޮތުން އޭރުގެ ޓްރާންސަޕޯރޓް މިނިސްޓަރ އަހްމަދު ޒާހިރު ސުވާލު ކުރެއްވިއެވެ.  އެސުވާލަށް އެރުވުނު ޖަވބު އެމަނިކުފާނަށްވެސް ގަބޫލުފުޅުކުރައްވަން ދަތިފުޅުވިއެވެ. އެހެނަސް އެއީ އެކަމަށް ފުރިހަމަ ކިތާބީ ހެކި ލިބެންހުރި ރެކޯރޑް ތަކެކެވެ. އޭރުގެ ހިސާބުތަކުން ދައްކާގޮތުގައި އަހަރަކު އެމީހުންނަށް ގާތްގަނޑަކަށްް 30 މިލިއަން ޑޮލަރަށްވުރެންގިނަ އާމްދަނީއެއް ލިބެމުންދިޔައެެވެ. އެހާހިސާބުން ފެށިގެން ބޯޓުދަތުރުކުރާމީހުންގެ ކަންތައްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެންފެށިއެވެ. ބޯޓުދަތުރުކުރާމީހުން ތަމްރީނުކުރާނެ އިމާރާތް އަޅަން ވިލިނގިލިން ބިމެއް ދެއްވައިފިއެވެ. ތަމްރީނު ކުރާނެ ދެބުރީގެ އިމާާތެއް އަމިއްލަފަރާތަކުން އެބިމުގައި އަޅުއްވާދެއްވައިފިއެވެ. ޒަމާނީ ފެންވަރުގެ ޓްރޭނިންގ ސެންޓަރެއް އެޅުމަށް ބައިނަލް އަގުވާމީ އިދާާރާއަކުން އެހީ ލިބި ރީތި އިމާރާތެއް ގާއިމް ކުރެވިއްޖެއެވެ. ޝުކުރު ޙައްގުވާ ގިނަ ފަރާތްތަކެއް ވެއެވެ. ޚާއްސަކޮށް އޭރުގެ މިނިސްޓަރ އަހްމަދު ޒާހިރަށް ޚާއްސަ ޝުކުރެއް ދަންނަވަންޖެހެއެވެ. ހަނދާނަށް އަންނަނީ މިނިސްޓްރީގެ އިސް ބޭފުޅުނަށް މިނިސްޓަރ ވިދާޅުވި ބަސްފުޅެކެވެ. “ އަހަރެން މި ހޭލެއްވީ ނިދާފާއޮތް ބޮޑު ސިންގާއެކެވެ. އެ ސޮރު އޮޅުކޮށްގެން ގެންގުޅުމަކީ ތިޔަބޭކަލުންގެ މަސްއޫލިއްޔަތެކެވެ. “  ވަަރަށްބޮޑު ތެދުފުޅެކެވެ. ބޯޓުދަތުރުކުރާމީހުން ތަމްރީނުކޮށް ސަނަދުދީ އަދި އެމީހުން ފޯރިމެރުމުގެ ކަންތައް ހުންނަން ޖެހޭ މިންގަނޑުތައް އޭރުއޮތީ ބައިނަލް އަގްވާމީގޮތުން ކަނޑައަޅާފައެވެ.

އަވަށްޓެރި ގައުމުތަކާގުޅިގެން ސަރަޙައްދީ ދަތުރުތަކަށް ލިބިދާނެ ލުޔެއް ހޯދުމަށް މަސައްކަތްކުރަންއޮތީ ޖެހިފައެވެ. ހުރިހާ އުޅަނދެއްގައިވެސް ބައިނަލް އަގުވާމީގޮތުން ކަނޑައަޅާފައިވާ މިންގަނޑާއެއްގޮތަށް މުވާސަލާތީ ކަންތައްތައް ގާއިމްކުރަން އޮތީ ޖެހިފައެވެ. އަދި ހުރިހާކަމަކަށްވުރެން އުނދަގޫ އައި. އެމް. އޯ. ގެ ވައިޓްލިސްޓަށް ދާންޖެހޭ އެންމެފަހުގެ ތާރީޚް ވެސް އޮތީ ކަނޑައަޅާ ނިންމަފައެވެ. އެއީ ކުރިންބުނެވުނު ކަންތައްތައް މުޅިދުނިޔާގައިވެސް އެއްވަޒަނެއްގައި ބެހެއްޓުމަށްޓަކައި ނިންމަންޖެހޭ ގާނޫނީ އޮނިގަނޑު ތައްޔާރުކުރުމޭވެސް ބުނެވިދާނެއެވެ. މިހުރިހާކަމެއް ތަރުތީބުން ކޮށްނިންމުމަށް މިނިސްޓްރީގައި ތިބީ ހަމައެކަނި ތިން ހަތަރު ބޭފުޅެކެވެ… މިނިކާވަގު ހޭލައިފިއެވެ. އެސޮރު އޮޅުކުރުން ނޫންގޮތެއް އެ ތިން ހަތަރު ބޭފުޅުންނަކަށް ނެތެވެ. ފަހުން ވަޑައިގެންނެވި ދެ މިނިސްޓަރުން ކަމުގައިވާ އިސްމާޢީލް ޝަފީޢު އާއި އިލްޔާސް އިބްރާޙިމް ގެ ކުރިފުޅުމަތީ ގައިވެސް އެހެން މަގެއް ނެތެވެ. އުފާކުރަންޖެހެނީ އެބޭފުޅުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ފުރިހަމަކަމެވެ. ހަމައެއާއެކު ރާއްޖޭގެ ބޯޓުފަހަރު ދުއްވާ ކުންފުނިތަކުންނާއި ތަމްްރީނާ ތަޖްރިބާ ލިބިވަޑައިގެންތިއްބެވި ބައެއް ދިވެހި ކެޕްޓަނުންނާއި ޗީފްއިންޖިނޭރުންގެ ފަރާތުން ހިލޭސާބަހަށް ލިބުނު އެއްބާރުލުމާއި ބެހެއްޓެވި ގާތްކަން ފާހަގަކުރަނީ ހިތްހަޖެހުމާއި އުފަލާއި އެކުގައެވެ. އޭރުގެ ސަރުކާރުންވެސް ޙަގީގީ މާނާއިގާ ބޯޓުދަތުރުކުރާ ދިވެހިންގެ ކަންތައް ވަރަށްގާތުން ބެއްލެވި އެވެ. 1999 ވަނައަހަރުގެ ކަނޑުދަތުރުކުރުން ފާހަގަކުރަން ބޭއްވިޖަލްސާގައި އިންނަވާފައިވެސް ބޯޓުދަތުރު ކުރާ ދިވެހިންގެ ޙާލަތާއި، އަދަދާއި އެމީހުންނަށް ލިބޭ ޢާމްދަނީއާ ބެހޭގޮތުން މިނިސްޓްރީގެ ބޭފުޅުން އަރިހުން   އޭރުގެ ރައީސް މައުމޫންވެސް މައުލޫމާތު ސާފުކުރެއްވިއެވެ. އަދި އޭރުވެސް 2000 ދިވެހިން ބޯޓުދަތުރުކުރަން އުޅޭ ކަމަށާއި މުސާރައިގެގޮތުގައި އަހަރަކު 25 މިލިއަން ޑޮލަރަށްވުރެން ގިނައިން ޢާމުދަނީ ލިބޭކަމަށާއި އަދި އޭރު ދިވެހި ދިދައިގެ ދަށުގައި ދަތުރުކުރާ އެއްވެސް ބޯޓެއްގެ އެއްވެސް ވަޒީފާއެއްގައި ބިދޭސީއަކު ނުހުންނާނެ ވާހަކަ ދެންނެވުމުން މޫނުފުޅުމަތިން ހިތްހަމަޖެހިވަޑައިގަތުން ވަރަށްރީތިކޮށް ފާޅުވެގެންދިޔައެވެ.  އެހެންނަމަވެސް މިއަދު ޙާލަތަކީ ކޮބާހެއްޔެވެ؟ އެވާހަކަދެއްކުމުގެބޭނުމެއްވެސް ނެތެވެ.

ސަރަޙައްދީ ގައުމުތަކަށް ދަތުރުކުރުމާ ބެހޭގޮތުން އައި. އެމް. އޯ. ގެ ބެލެނިވެރިކަމުގެ ދަށުގައި އެގައުމުތަކާއެކުކުރި މަސައްކަތުގައި ވަރަށް ބޮޑު ލުޔެއް ލިބުނެވެ. އަދި ވައިޓްލިސްޓަށް ދިއުމުގެ ލަނޑުދަނޑިވެސްް ފުރަތަމަ ބުރުގައި ކާމިޔާބު ކުރެވުނެވެ. ނަމަވެސް ޝަރުތުތަކާއެކުގައެވެ. އޭގެ ތެރޭހިމެނޭ އެންމެ މުހިންމު ކަމަކީ ބޯޓުދަތުރުކުރާ ދިވެހިން ތަމްރީނު ކުރުމުގެ މިންގަނޑާއި ވަޒީފާގެ ރައްކާތެރިކަމާއި ބޯޓުފަހަރުސާރވޭކޮށް ސަޓިފިކޭޓްދިނުމުގެ އެންމެހާކަންތައް އައި.އެމް.އޯ. ގެ މިންގަނޑަށް ފެތޭގޮތަށް އެކުލަވާލައި އެކަށައަޅާފައިވާ މެރިޓައިމް ގާނޫނެއް އޮތުމެވެ. އޭގެ އިތުރުން މެރިޓައިމް ޑިޕާރޓްމެންޓް އޮޑިޓްކޮށް ބޯޓުދަތުުކުރާ މީހުން އިމްތިޙާންކުރުމުގެ އެންމެހާކަންތައްތައް އައި. އެމް. އޯ.ގެ މިންގަނޑުތަކަށް ފެތޭ ކަމަށް ބައިނަލް އަގްވާމީ ގޮތުން ގަބޫލުކޮށް ސަޓިފައިކުރެވިފައިހުުރުން ހިމެނެއެވެ. މިކަންތައްތައް ފުރިހަމަކުރުމަށް 5 އަހަރުގެ މުއްދަތެއް ލިބުނެވެ.

ބައެއްކަންތައްތައް ފުރިހަމަކުުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދެވުނެވެ. އަނެއްބައި ކަންތައްތައް ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިން ތައްޔާރުކުރެވުނެވެ. ނަމަވެސް ތައްޔާރުކުރެވުނު ލިއެކިއުންތަކަށް ގާނޫނީ ހައިސިއްޔަތު ލިބިގެންމެނުވީ އައި. އެމް. އޯ. އަށް ހުށަ ނޭޅޭނެތީވެ މެރިޓައިމް ގާނުނެއް އެކުލަވާލުމަށްޓަކައި ބަންޑާރަ ނައިބު އޮފީހުގައި ދެ ބައްދަލުމެއް ބޭއްވުނެވެ. އޭގެފަހުން މިވޭތުވެދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި އެއިން އެއްވެސްކަމެއް ފުރިހަމަ ވެފާ އެބަހުރިބާވައެވެ؟ އެކަންތައްތައް ފުރިހަމަނުކޮށް ބޯޓުދަތުރުކުރާމީހުންގެ ކަންތައް ކުރިއަރުވަން މަސައްކަތް ކުަރައްވާނެކަމަށް މިނިސްޓަރ ވިދާޅުވުމަކުން ނުފުދެއެވެ. ބައިނަލްއަގްވާމީ ދަތުުރުތަކަށް ބޯޓުފަހަރު ގަނެ ޝިޕިންގ ލަިނެއް އުފެއްދުމުގެ ކުރިން މިކަންތައްތައް ފުރިހަމަކުރަންޖެހޭކަމާއި ވައިޓްލިސްޓްގައި 5 އަހަރުދުވަހުގެ މުއްދަތެއް ދީފާހުރި ކަންތައްތައް ނުކޮށް ހުރުމުންވެސް 1970 ގެ ދުވަސްވަރުގައި ބޭނުންކުރި އުކުޅު ކޮންމެކަމަކަށްް ސަރުކާރުން ވަގުތީ ލިޔުމެއް ދީގެން މިހާރު ފުއްދާލެވިދާނެކަމަށް ހީކުރުމަކީ ޖޯކެކެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދެވި ނަމަވެސް އާގުބޯޓެއްގެ ކަނާތްފަރާތާއި ވާތްފަރާތަށް އިނގިރޭސިބަހުން ކިޔާނަންވެސް ނޭންގޭ ޕާރޓީގެ ކުދިންކޮޅަކާއެކު އެވަރުގެ ބޮޑުކަންތައްގަނޑެއް ނިންމަންވެފާއޮވެ ބޯޓުދަތުުރުކުާމީހުންގެ ކަންތައް ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވުން ބަލާގަންނާނީ ކޮންފަދައަކުން ހެއްޔެވެ…..ފެންނަ މަންޒަަށްބަލާއިރު ދިވެހި ސީމަނުންނާއި ދިވެހިން ޝިޕިންގްލައިން އަށް އުދަރެސް ވަަރަށް ބަނައެވެ. ދޭތެރެއަކުން މިނިސްޓްރީގެ ނަންބޯޑުވެސް ގެއްލުނުފަދައިން މިނިސްޓަރުގެ ބަޔާންވެސް ގެއްލިދާނެތީއެވެ.

Loading

2 Responses

  1. މެރާ ޖަވާނީ ޔާދު އާގަޔާ! މަނިކު މަހައްތިޔާ އަށާއި ޢަލީދީ (ތައްޓޭ) ފަޚުރުވެރިވަން. ކުރީކޮޅުގައި ގްރީކް އޮފްސަރުން އިންޖިނޭރުން މަލާކާ ޕުސްތީތަށް ގެންގުޅުނަސްމިދަދިވެހިންގެ ފަޚުރު ކަމުގައިވާ މޯލްޑިވް ޝިޕިންގް ލައިންނަކީ ދުޔެއަށް ލާމަސީލު ޝިޕިންގް ލައިންނެއް. ދިވެހިންގެ ލެޔަގުޅިފައިވާ ވިޔާފާރިއެއް އަދި ގައުމަށް ލިބުނު ބޮޑު އިންކަމްއެއް. މިހާރު މިދުަވަސްތައް ހަނދާންހުރީ ކޮންކުދިންކޮޅެއްބައޭ ހިތަށްއަރައެވެ. އެދުވަސް އަސްލުވެސް ދެން މާޒީވީއެވެ. މިހާރުގެ ދުރުވިސްތޭ ބޮޑު މަންޒަރުން ވަޒީފާއެއް އުފެދެނީއަކީ ނޫން އެއްވެސް ކަމެއް ގައުމަށް ފައިދާވާގޮތަކަށް ކުރެވެނީއެއްނޫން، ކަމެއްކޮށްފިތަ އެތަނެއްގައިހުރި މީހާއަށް އޭގެފައިދާކޮށް ރައްޔަތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އަޅުވާފަ އެވެރިން އެދިޔައީ. ދެން އަންނަބަޔަކު ރައްޔިތުން އަތުން އިތުރުޓެކްސްއެއްނުނެގިން އުޅޭނީ އަދި ބޭރުގެފަރާތް ތަކުން ރައްޔަތުން މޯގޭޖްކޮށްފަ ކޮންމެވެސް ލޯނެއްނުނެގެން ނުވަތަ ރައްޔަތުންގެ ނަމުގައި ސަލާމް ޖަހައިގެންވެސް ޕައިސާ ޕައިސާ ފޮއްޗެއްނުލިބިގެން އުޅޭތަން ފެނިގެންދެނީ! ވަރަށް ދެރަވަރު، މިހާރު އުފައްދައިގެން އުފައްދައިގެން އެ އުޅެ ސްޓޭޓް ޝިޕިންގެ ޙާލަތަކީ އެއްމެނަށްވެސް އެނގޭ ބޮޑު ސިއްރެއް. މިހާރުވެސް ދަރަނިވެރިވެއްޖެ. ދެން ދިވެހިންނަކަށް އެވިޔާފާރި އެ ޢާމްދަނީ އެ ބިނާކުރުން ބީލަމެއް. ހަނދާނަށްޓަކައި ލިޔުން ވަރަށް ރަނގަޅު، ޝުކުރިއްޔާ!

  2. މި ލިއުމަކީ ރާއްޖޭގައި ބޯޓުދަތުރު ކުރާ މީހުންގެ ފެށުން އައި ގޮތާއި އަދި އެއަށް ފަހު މެރިޓައިމް ގެ ޤަވާޢިދު ތަކަށް އާއި ބަދަލާއި ގުޅިގެން ރައީސް މައުމޫންގެ ސަރުކާރުން އެކަމަށް ދެއްވެވި ސަމާލު ކަން ވަރަށް ރަނގަޅަށް އިނގި ވަޑާއި ގަންނަވާ ބޭފުޅަކު ލިއުއްވާފައި ވާ ޙަޤީޤީ ވާހަކަ ކޮޅެކެވެ. ސުވާލަކީ މިާރު ރާއްޖޭގައި ވިދަމުންއައި ސީމަނުންގެ ޙާލަތަކީ ކޮބައިބާވައޭ.
    ސަރުކާރުން ސީމަނުން ތަމްރީނު ކުރަން އެކަށީގެން މަސަތްކުރައްވަމުން އެބަ ދޭހޭ.
    ޓްރާންސްޕޯރޓް އޮތޯރިޓީގައި މެރިޓައިމް ދާއިރާގެ އެންމެ ބޭފުޅެއްވެސް މިހާރު އުޅުއްވާތޯއެވެ
    ރާއްޖޭގެ މެރިޓައިމިމް ދާއިރާ މިހާ ދަށު ދަރަޖައަކަށް ވެއްޓނީ ކޮންބަޔެއްގެ އިހްމާލުން ތޯއެވެ.

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް