މެރިޑް ވިސާގައި ރާއްޖޭގައި އުޅޭބިދޭސީންނަށް ހިލޭ ބޭސްފަރުވާ ލިބެންޖެހޭ.

Loading

Facebook
Twitter
WhatsApp

ދިވެހި ފިރިހެނުންނާ، ދިވެހި އަންހެނުންނާއި ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ނިސްބަތުން ވަރަށް ގިނައެވެ. ބޮޑު ރަށެއްގެ އާބާދީއަށް ވުރެން ބިދޭސީ ފިރިހެނުންނާއި ކައިވެނި ކޮށް ދަރިންލިބި ދަރިން ބޮޑުވެ މީހުންނާ ކައިވެނި ކުރާ ޢުމުރަށް ގޮސް ކާފަ މާމަ ކިޔާފައި ވާއިރު މި އެންމެންގެ ތެރެއިން މަދު ބަޔަކު ފިޔަވާ ރާއްޖޭގައި ދިރިއުޅެނީ ކައިވެނި ވިސާގައި އަމިއްލަ އަށް ޚަރަދު ކޮއްގެން ބޭސްފަރުވާވެސް އަމިއްލަ ޚަރަދުކޮށްގެންނެވެ.

ދިވެއްސަކަށް ވާން އޭ.ޖީ އޮފީހުންނާ، އެޑިއުކޭޝަން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީންދޭ އިމްތިޙާން ތަކުން ފާސްވެ އެބިދޭސީއަކު ނިސްބަތްވާ އެންބަސީއެއްގެ ރުހުން ހޯދަން ވެސް ޖެހެއެވެ.

މިދެންނެވި އިމްތިޙާންތަކުން ދިވެއްސަކުވެސް ފާހެއްނުވާނެ އެވެ. ގާނޫނު އަސާސީގެ މާއްދާތަކުން ކުރާ ސުވާލުތައް އަމުދުން ނޭންގޭނެ އެވެ. އެހެންކަމުން މިދެންނެވި އިމްތިޙާން ތަކުން ގިނަ މީހުން ފާސްވެފައި އޮތީ ބޮޑު އަދަދުން ރިޝްވަތު ހުށައަޅައިގެންކަމީ ލަދުވެތި ވާންޖެހޭ ހުތުރު ބޮޑު ޢަމަލަކަށް ވާއިރު މިކަމަށް ފަސޭހަ ގޮތްތަކެއް ރޭވުމުގެ އެއްވެސް ވިސްނުމެއް ކަމާއި ބެހޭ ފަރާތްތަކުން ގެންގުޅުއްވާނޭ ކަމަށް އުއްމީދުކުރާމީހުންވެސް މަދެއްނޫނެވެ.

މާލެ ނޫން އެހެން ތާކުން މި ޓެސްޓު ނުހެދެ އެވެ. ގިނަ މީހުން ދިރިއުޅެނީ ރާއްޖެތެރޭގެ އެކި އެކި ރަށުގައެވެ. ގިނަމީހުން ބޭރުގައުމުތަކުން ކައިވެނިކޮށްގެންވެސް އާދެއެވެ. އެހެންކަމުން އާއަިލާ އެއްކޮން މާލެ އައިސް ވިއްސަކަށް ދުވަހު މާލޭގައި ތިބެންޖެހޭގޮތް ދިމާވެއެވެ. ކޮޓަރި ފީއާއި ކެއިން ބުއިމަށް ދުވާލަކު މަދުވެގެން ހާހެއްހާ ރުފިޔާ ހަރަދުކުރަން މަޖުބޫރުވާކަމީ ޝައްކެއްނެތި މިފަދަ އުނދަގޫ ގަވާޢިދުތައް ހަދާ ވެރިންނަށްވެސް ރަނގަޅަށް އެނގޭނޭކަމެކެވެ. އެއީ ފުލައިޓުގެ ދެކޮޅު ޓިކެޓުގެ އިތުރުން ޚަރަދު ކުރަން ޖެހޭ ނިސްބަތެވެ. މިހާ ޚަރަދުކޮށްގެން މާލެ އައިސް އިސްވެދެންނެވުނު އިމްތިހާނުން ފާސް ނުވެގެން އަންބުރާ ރަށަށް ދާންޖެހޭތީ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދޭގޮތްވެ ފިތުނަ އުފެދޭގޮތް ވަނީ މެދުވެރިވެފައެވެ. ފާސް ނުވެއްޖެ ނަމަ އަލުން އެ އިމްތިޙާން ދެއްވަނީ ތިން މަސް ފަހުންނެވެ. ރައްޔަތުންނަށްޓަކައި އުފެދޭ ސަރުކާރުތަކުން ރައްޔަތުންގެ ޙާލާމެދު ވިސްނާލަން ވިސްނުމަށްނާންނަނީ ކީއްވެބާވައޭ ހިތައްއަރައިގެން ޝަކުވާކުރާ މިފަދަ މީހުންތައް މަދެއްނޫނެވެ.

މި ދިވެހިންނާއި ކައިވެނި ކޮއްގެން ބާވީސް އަހަރެވެސް ގިނަދުވަސް ވެފައިވާ ބިދޭސީ އާބާދީއެއް މި ދިވެހި ރާއްޖޭގައި އޮތްއިރު ސްޕޯސްގެ ވިސާފީ ދެއްކުމާއި ބޭސްފަރުވާ ކުރުމަށް ބޮޑެތި ޙަރަދުތައް ކުރަންޖެހެނީ އެމީހާގެ ފިރި ނުވަތަ އަނބިމީހާއަށް ލިބޭ ފައިސާކޮޅުންނެވެ. ގައުމުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންގޮސް ގިނަމީހުންގެ އަނގަޔާއި އަތާ ދިމަލެއްނުވާކަން ހަމަ ޔަގީނުންވެސް އެނގޭމެއެވެ.

ބިދޭސީ މީހާ ދިވެހި ރަތްޔިތަކަށް ވުމުގެ ގަވައިދުތަށް މިހާ ވަރުގަދަކޮށް އޮންނަ ހިނދަކު އަދި މާލެ ނޫން އެހެން އަތޮޅު ތަކުން މިފަދަ ޚިދުމަތްތައް ޙާސިލްް ނުވާނަމަ ހަމަހަމަ ކަމެއް އެބައޮތް ނެތެވެ. މާލޭގައި މީހަކާއި ކައިވެނި ކޮއްގެން އުޅޭ މީހާއާއި ރާއްޖޭގަައި އުޅޭ ބިދޭސީ މީހާއަށް ހަމަހަމަ ކުރާނަމަ އެބަޔަކު ތިބި ތަނަކުން ޓެސްޓު ލިބިދޭންޖެހެއެވެ. ލާމަރުކަޒީ އުސޫލޭކިޔެއްކަމަކު ލާމަރުކަޒީ އެއްނުވާނެއެވެ. ލާމަރުކަޒީ ވާންޖެހެނީ ީޚިދުމަތުގެ ފެންވަރާ އާއި އެރަށްތަކުގައި ދިރިއުޅޭ ރައްޔަތުމީހާއަށް ދައުލަތުން ހަމަހަމަގޮތެއްގައި ޚިދުމަތްފޯކޮށް ދީގެނެވެ. ގިނަ ޒަމާންތަކެއް ވެފައިވާ މިމައްސަލައަށް ޙައްލެއް ނުފެނި ބިދޭސީންނާ ކައިވެނި ކޮއްގެން އުޅޭ ޢާއިލާތަކަށް އިގްތިސޯދީ މާލީ ބޮޑެތި ގެއްލުން ވަމުންދާނޭކަން ސަރުކާރުން ވިސްނަވަން ނުޖެހޭނެބާއޭ ހިތަށްއަރާވަރުން މިވާހަކަ ލިޔުންތެރިއާ ކިޔުންތެރީންނާއި ވެރިންނަށް ޙިއްސާކޮށްލަން މިޖުބޫރުކުރުވީއެވެ. މުއްސަނދި އާއިލާއެއްނަމަ ބޭރުން ކައިވެނިކޮށްގެން އަންނަނީވެސް މިދެންނެވި ޓެސްޓުތަކުން ފާސްވެ ދިވެހި ރައްޔިތަކަށްވާވަރަށްވެސް ފައްކާވާވަރުވެގެނެވެ. ބިދޭސީންގެ ތެރެއިން މަދު މީހަކަށް މެނުވީ އަސާސީ ފެންވަރަށް ދިވެހި ބަސް ލިޔަން ކިޔަން ނޭންގެއެވެ. ނުހަނު ފަރިތަކޮށް ދިވެހިބަހުން ބިދޭސީމީހާ ރާއްޖޭގައި ފަނަރަ ސޯޅަ އަހަރު އުޅޭއިޅު ވާހަކަ ދައްކާލާނެއެވެ. އެހެނަސް ގާނޫނީ ސުވާލުތަކަށް ޖަވާބުދޭ ފެންވަރަށް ދިވެހި ދަންނަ ސަތޭކައިން މީހަކުވެސް ނުހުންނާނެއެވެ. މިފަދަ ކުރިއެރުންތަށް ގައުމީފެންވަރެއްގައި ފޯރުކޮށްދީ އެފަދަ ސްޕޮއުސުން ނަކީ ދިވެހި މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ދެކެންޖެހެއެވެ.

އަނެއްކޮޅުން ދިރިއުޅުމަށްޓަކައި ދެމަފިރިން މަރުކަށި ކެޑެންދެން މަސައްކަތް ކުރަން މަޖުބޫރުވެފައިވާއިރު ޝަރީޢާއިން ލޯ ކިޔަވާނެ ފުރުސަތު ހޯދާނީ ކިހިނެއްތޯއެވެ. ޝަރީޢާއިން ލޯ ކިޔަވައިގެން މެނުވީ ދިވެހިރަތްޔިތަކަށް ވުމުގެ ފުރުސަތެއް ނެތެވެ. ނޫނީ ފަންސާހަކަށް ހާސް ރުފިޔާ އިމްތިޙާނު ކުރާފަރާތަށް ”ހަދިޔާ“ ދީގެން ދިވެހިރައްޔިތަކަށް ވާން އެބަ މަޖުބޫރުކުރެއެވެ. މިއީ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި މިކަން އޮވެގެންވާނޭ ގޮތް ކަމަށް ގަބޫލެއްނުކުރެވެއެވެ.

ރާއްޖޭގައި އުޅޭ ބިދެސީ ފިރިންނާއި ބިދޭސީ އަނބިންގެ މައްސަލައަކީ ވިސާ އާއި ބޭސްފަރުވާ ހިލޭ ނުލިބުމެވެ. ވިސާވެސް އަހަރަކު އެއްފަހަރު ފައިސާދީނގެ ރިނިވް ކުރަންޖެހުމެވެ. ދިވެހި އައިޑީ ކާޑެއް ނެތަސް މެރީޑްވިސާކާޑަށްވެސް އާސަންދައިން ހިލޭބޭސް ފަރުވާ ކުރެވޭގޮތް ހަމަޖެހިގެން ހިގައްޖެނަމަ ދިވެއްސަކަށްވީތީ ދިވެހިމީހާ ފަޚުރުވެރިވާނެއެވެ. މިބުނި އުނދަގޫ ތަކަކީ ދިވެހި ޢާއިލާތަކުން ތަހަންމަލް ކުރަންޖެހިފައިވާ ޚަރަދުބޮޑު ވަރަށް އުނދަގޫ މައްސަލައެކެވެ.

ކަންމިހެން ހުރުމާއެކު ދިވެހިންނާއި ކައިވެނިކޮށްގެން ރާއްޖޭގައި އުފެދިފައިވާ އާއިލާތަކަށް އެބައެއް ތިބެންބޭނުންވާ މުއްދަތަކަށް ތިބެވޭނެ ވިސާ ލިބިދިނުމާއި ބޭސްފަރުވާ ހިލޭލިބޭނެ ގޮތަކަށް ވިސްނާ ވަޑައިގެން ގާވައިދާ އުސޫލުތަކަށް ހެޔޮ ބަދަލުގެނެސްގެން މިއުދަގޫތަކުންނާއި މިބޮޑެތި ޚަރަދުތަކުން ރައްޔިތުމީހާ ސަލާމަތް ކޮށްދެއްވުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއްކަމުގައި ދެކެމެވެ. އެންމެފަހުން ގާނޫނަށް ގެނެވުނު ބަދަލުގެ ދަށުން ލަސްނުކޮށް ބޭރުމީނާއި ކައިވެނިކޮށްގެން އުޅޭ ދިވެހިންގެ ހައްގުތަށް އަވަހަށް ޙިމާޔަތްކޮށްދެއްވުން ވަރަށް މުހިއްމެވެ.

 

Loading

2 Responses

  1. އަސްލުވެސް ޑިފެންސްގައިވެސް އެބަތިބެ ބައިވަރު އެފަދަ މިކްސް މީހުންގެ ދަރިން. އެއީ ހަމަ ދިވެހިންނެވެ. އިރާދަކުރެއްވިއްޔާ ތިކަމަށް ޙައްލެއްލިބޭނެއެވެ. މިހާރުވެސް ވިސާ އެފަދަ މީހުންގެ ޕާސްޕޯޓުގެ މުއްދަތަށް ދޫކުރަން ފަށައިފިކަމަށް ޚަބަރު ލިބެއެވެ.

  2. އިމިގްރޭޝަން ގަނޫނަށް މަޖިލީހުގައި ބަހުސްކުރިއިރު ވިސާދިނުމަގައި ސަރުކާރުން ބުރައެއް އުފުލަން ނުޖެހޭގޮތަކަށް ގާނޫނު އިސްލާހް ކުރަން ވާހަކަ ދެއްކެވި އަޑު އިވުނު ހަނދާނެއް ވެއެވެ. އަޅުގަނޑުގެ މެމްބަރުންގެ ވިސްނުންފުޅު މިގޮތަށް ހުރެއްޖެނަމަ ލިއުމުގައި އަލިއަޅުވާލައްވާފައިވާ ގޮތަށް މައްސަލައަށް ރަނގަޅު ހައްލެއް ލިބިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެ ބޭފުޅުންގެ އަނބިދަރިންނަށް ސަރުކާރުގެ ޚަރަދުގައި ލިބިލިބި ހުންނަ ޚާއްސަ އިމްތިޔާޒުތަކުން ދަވްލަތުގެ ބަޖެޓަށް ބުރައެއް ނުވާނެއެވެ.

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް