އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން ރައްކާތެރިތަ؟

Loading

Facebook
Twitter
WhatsApp

އިންޑިއާއިން އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކުރުމުން ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެކަކު އަނެކަކާ ސުއާލު ކުރަމުންދިޔައެވެ.

”މިއީ ރައްކާތެރި ވެކްސިނެއްތަ؟

މިއީ ޑަބްލިޔުއެޗްއޯއިން ގަބޫލުކުރާ ފެންވަރުގެ ވެކްސިނެއްތަ؟

މިއީ ޑަބްލިޔުއެޗްއޯއިން ހުއްދަ ދީފައިވާ ވެކްސިނެއްތަ؟“

މިފަދަ ސުއާލުތައް އުފައްދަނީ އަދި އުފެދެނީ ގައުމީ މަސްލަހަތަށް ގެއްލުމެއް ދޭކަށް ނޫނެވެ. ކޮރޯނާ ވައިރަސްއިން ގައުމު ސަލާމަށް ކުރުމަށް މަސައްކަތްކުރަންޖެހޭ ފަރާތްތަކުގެ ހިތްވަރު ބަލިކުރާކަށްވެސް ނޫނެވެ. ވެކްސިން ޖަހަނީ ރައްޔިތު މީހާގެ ގަޔަށް ކަމަށްވާތީ ގަޔަށް ޖަހަނީ ރައްކާތެރި އެއްޗެއްކަން ރައްޔިތުން ޔަގީން ކުރަން ބޭނުންވާތީއެވެ. އަދި އެމެރިކާއާއި ޔޫރަޕާއި އިންޑިއާގައި ވެކްސިން ޖަހާ ބައެއް މީހުންނަށް ތަފާތު ސިއްހީ އުނދަގޫތަކާ ކުރިމަތިވެ، އަދި ބައެއް މީހުން މަރުވަމުންދާ ކަމުގެ ޚަބަރުވެސް ލިބެމުންދާތީއެވެ. ވެކްސިން ދިނަސް ނުދިނަސް މަރުވާނެއެވެ. އެކަމަކު ވެކްސިން ޖެހި މީހަކު ހަފުތާއެއް ނުވަނީސް މަރުވުމުން ޖެހިގެން ހުރި ގޭގެ މީހުން ވެކްސިނާ ކުރިމަތިލާން ޖެހިލުންވެ ބިރުގަންނާނެއެވެ.

ޝާހިދުގެ ޝުކުރު އިންޑިއާއަށް

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ރާއްޖެ ގެނައުން ފާހަގަ ކުރުމަށް ބުދަދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންޑިއާއަށް ވަރަށް ތާރީފުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ޝާހިދަކީ މުޅިދުނިޔެއަށް ބަލާއިރުވެސް އިންޑިއާއަށް އެންމެބޮޑަށް ތާރީފު ކުރައްވައި ޝުކުރު އަދާކުރައްވާ އެއް ޚާރިޖީ ވަޒީރެވެ. އިންޑިއާގެ ކުންފުންޏަކުން އުފެއްދި ވެކްސިން ”ކޮވިޝީލްޑް“ ލިބޭ ފުރަތަމަ ގައުމަކީ ރާއްޖެކަމަށްވީތީ އެކަން ވަރަށް ބޮޑަށް ޝާހިދު ފާހަގަކުރެއްވިއެވެ. އެކަމަކު އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ އެއްކަމަކީ ”ކޮވިޝީލްޑް“ އިންޑިއާއިން ހަދިޔާކުރީ ދިވެހިރާއްޖެއަށް އެކަނި ނޫންކަމެވެ. ”ސާކު“ގެ ވަރަށް ގިނަ ގައުމުތަކަށް ވެސް ”ކޮވިޝީލްޑް“ ބަހަން އިންޑިއާއިން ވަނީ ނިންމާފައެވެ. އަދި ސީޝެލްސްއަށް ވެސް ހަދިޔާކުރަން ވަނީ ކަނޑައަޅާފައެވެ.

”ކޮވިޝީލްޑް“ ވަރަށް ގަދަ؟

އިންޑިއާގެ ކުންފުންޏަކުން ވިއްކަން އުފައްދާ ”ކޮވިޝީލްޑް“އަކީ ކޮރޯނާ ވައިރަސް ނައްތާލަން ވަރަށް ގަދަ ވެކްސިނެއް ކަމަށް ޑަބްލިޔުއެޗްއޯއިން އަދި ސިއްހީ އެހެން އިދާރާއަކުން ވެސް ބުނެ އިއުލާނުކޮށްފައެއް ނެތެވެ. އަދި ރާއްޖޭގެ ސިއްހީ އިދާރާއަކުން ވިޔަސް ސިޔާސީ ޕާޓީއަކުން ވިޔަސް އެކްޓިވިސްޓުން ތަކެއްވިޔަސް ބުނެ އަންގާފައެއްނެތެވެ.

ވެލާނާ އެއާޕޯޓުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވެސް ބޮޑަށް ފާހަގަކުރެއްވީ ”ކޮވިޝީލްޑް“ އުފެއްދި ކުންފުނީގެ ގަދަ ވާހަކައެވެ. އެތަނުން އަހަރަކު އުފައްދާ ވެކްސިންގެ އަދަދެވެ. އެ ކުންފުންޏާމެދު ބަޔަކު ސުއާލެއް ނުއުފައްދައެވެ. ސުއާލު އުފައްދަނީ ވެކްސިންގެ ރައްކާތެރިކަމާ ބެހޭ ގޮތުންނެވެ.

ޑރ. ނަޒުލާގެ ވާހަކަ ވަރަށް ފައްކާ

ކޯވިޑް-19ގެ މައުލޫމާތު މީޑިއާތަކަށް ގެނެސްދެއްވާ ޑރ. ނަޒުލާ ރަފީގު ވިދާޅުވިގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާނީ، އެ ވެކްސިންއެއް ރައްކާތެރިކަމުގެ މިންގަނޑުތަކަކަށް ފެތޭކަމުގެ ޔަގީންކަން ލިބުމުންނެވެ.

”ރައްކާތެރިކަމުގެ މިންގަނޑުތަކަކަށް ފެތޭކަން ޔަގީން ކުރުމަށްފަހު އަޅުގަނޑުމެން ވެކްސިން ޖަހަން ފަށާނީ.“ ޑރ. ނަޒުލާ ވިދާޅުވިއެވެ.

ޚަބަރުލިބިފައިވާ ގޮތުގައި އިންޑިއާއިން އެކި ގައުމުތަކަށް ބަހަމުންދާ ”ކޮވިޝީލްޑް“ ވެކްސިން ރާއްޖެއަށް ލިބުނުއިރު، އިތުބާރުކުރެވޭ ވެކްސިންއެއް ހޯދުމަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ދިވެހި ސަރުކާރުން ވަނީ ކޮށް ނިންމާފައެވެ.

 

Loading

4 Responses

  1. ދެން އެންމެރަނގަޅު. ވެކްސިން މޮޅުކަމަށް ގަބޫލުކުރަމާހިނގާށެވެ. އެހެނަސް ޓެސްޓު ފެއްޓުމުގައި ގިނަ ދިވެހިން ބޭނުންވާގޮތަށް ޝާހިދުއާއި ރައީސް ސޯލިހު އަދި އިންޑިޔާ – މޯލްޑިވެސްގެ ބޮސް މަޖިލިސްގެ ރައީސް ނަޝީދު ހައްދަވަނިކޮށް އޯކޭ ވޭނެއެވެ. ރަށުތެރޭތައި ބުރެއްޖަހާލައި ސައިހޮޓާތަކުގަޔާއި މަސް މާރުކޭޓުގައި މަޑުކޮށްލީމާ ގިނަބަޔަކު އެދޭގޮތުގެ އަޑު އިވުނީމާ ދަންނަވާލަނީއެވެ. އެގޮތަކީ ފުރަތަމަ ބާހރަތު މޯޑީ ވެކްސިން އެހާ ރަނގަޅުކަމަށް ބުނާ ބޮޑުން، ޝާހިދު. ރައީސް ސޯލިހު. ނަޝީދު އެ ވެމްސިން ލައިވްކޮށް ފެންނާނެހެން ޖައްސެވުން. ދެން ރައީސް ސޯލިޙުގެ ހުރިހާވަޒީރުންނާއި ވަޒީރުގެންވަރުގެ އެންމެންނަށް ވެކްސިން ޖެހުން. ދެން ރައްޔަތުންގެ ހުރުހާ މަމްދޫން ( މަޖިލިސް މެމްރުންނަށް) ޖެހުން. އޭގެފަހުން 10 ދުވަސް ބަލާފައި ހެލްތު ސެކްޓަރުގެ ބޭފުޅުންނަށް ޖެއްސެވުން. އޭރުން ނަތީޖާ ރަނގަޅުނަމަ ދެން ރައްޔަތުންގެ ބަރޯސާލިބުނީއެވެ. ދެން ހަމަ ބޭނުން އެންމެނަށް ޖަހާނީއެވެ. ފުރަތަމަ މި ދެންނެވި އޮޑަރުން ޖަހަން އެބޭފުޅުން އިންކާރު ކުރަންޏާ ބަހރަތު މީޑީ ވެކްސިން ޑަބުލިޔޫއެޗްއޯ އެބުނާހެން ފައިނަލް ޓެސްޓް ނިމި އެންމެންގަޔަށް ޖެހުމަށް ހުއްދަލިބެންދެން ރައްޔަތުންގަޔަށް ނުތަޅާނީއެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. މިއީ ދިވެހިން މި ވެކްސިން ޖެހުމާއި މެދު ދެކޭގޮތެވެ.

  2. ކޮބާތަ ސިންގަޕޫރު ކުންފުންޏެއް މެދުވެރިކޮށް ގެންނަށް ކީ ކޮވިޑް19 ވެކްސިން. ކިހިނެއްވީބާ؟ ނޫނީ މި އަށް ސިންގަޕޫރުކޮންފުނި މެދުވެރިކޮށް ބިލްކުރާނީ؟

  3. ރައިސް ގައި ކޮޅަށާއި ކެބިނެޓް ހުރިހާ މިނިސްޓަރުންނާއި ޕާލިމެންޓް އެންމެނަށް އަދި އިންޑިޔާގެ އެޖެންޓް ނަޝީދަށް ތިވެކްސިން ޖެހުމަށްފަހު ދެން ވާގޮތްބަލާފާ އެޗްޕީއޭ އިން ހުއްދަދިނުން ތިބުނިހެން ބުއްދިވެރިއެވެ. މޯލްޑިވެސް ފަސްޓް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް