ޖޯ ބައިޑެން: އެމެރިކާއަށް އައު ރައީސެއް، އައު އުއްމީދެއް، އައު ދައުރެއް

Loading

Facebook
Twitter
WhatsApp

ބުދަ ދުވަހުގެ ރޭ ރާއްޖެގަޑިން 9.48 ގައި ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވައި ކުރައްވައި ދުނިޔޭގެ އެންމެ ތަނަވަސް އަދި އެންމެ ބާރުގަދަ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންފިއެވެ. އަދި އޭނާއަކީ އެމެރިކާ ކޮންމެ ރައްޔިތެއްގެ ރައީސްކަމުގެ ވައުދުވެވަޑައިގެންފިއެވެ.

ބައިޑެން އެމެރިކާގެ 46 ވަނަ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، އެމެރިކާ އޮތީ ކޮރޯނާ ވައިރަހުގައި ޖެހި ހަނާހުނިވެފައެވެ. ހަތަރުލައްކައަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވެއްޖެއެވެ. އަދި ރައީސްކަމުގެ ދައުރު ފުރިހަމަކުރެއްވި ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ދެއުޅިއެއްނުވާ ސިޔާސަތުގެ ސަބަބުން އެމެރިކާ އޮތީ ބައިބައިވެ، ދާޚިލީ ހަނގުރާމައެއްގެ ތުންފަތް މަތީގައެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ބައިޑެން ދެއްކެވި ވާހަކަފުޅުގައި ގައުމުގެ އެތެރޭގެ ބިރުވެރިކަން ނައްތާލައްވާނެކަމަށް ވިދާޅުވިއެވެ.

”މިއީ އެމެރިކާގެ ދުވަސް. ޑިމޮކްރަސީގެ ދުވަސް.“ ބައިޑެންވިދާޅުވިއެވެ. “ މިއަދު އަޅުގަނޑުމެން މި ފާހަގަ ކުރަނީ ޑިމޮކްރަސީގެ ކާމިޔާބީ.“

ރައީސް ބައިޑެންގެ ވާހަކަފުޅުގައި އެމެރިކާއަކީ މަތިވެރި ގައުމެއްކަމަށާއި ރައްޔިތުންނަކީ ރަނގަޅު ބައެއްކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން އެކުވެރިވެ އެއްބައިވަންތަ ވުމަށް އެދިވަޑައިގަތެވެ. ހަމައެޔާއެކު ފާއިތުވެދިޔަ ތާނގައި ކަންތައްތައް ހިނގާފައިވާގޮތުން އެތައް ލައްކަ ބަޔަކު މަރުވެފައިވާކަމަށާއި އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިފައިވާކަމަށާއި އެތައްލައްކަ ވިޔަފާރިއަކަށް ނުބައި އަސަރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ.

ބައިޑެން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްކަމުގެ ދައުރު ހަމަކުރެއްވި ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައެއްނުގަންނަވައެވެ. މިއީ 1869ގެ ފަހުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ދައުރު ހަމަކުރެއްވި ރައީސަކު ބައިވެރިވެވަޑައިނުގެންނެވި ފުރަތަމަ ފަހަރެވެ. އެމެރިކާގެ އެތައް މިލިއަން ބަޔަކު އެކަން ފާހަގަކުރީ ޓްރަމްޕް ކުރެއްވި ”ތާރީޚީ ވަރަށް ހުތުރުކަމެއް“ގެ ގޮތުގައެވެ.

ބައިޑެން ހުވާކުރެއްވުމުގެ ކުރިން ނައިބު ރައީސްކަމުގެ ހުވާކުރައްވައި ކަމަލާ ހަރިސް ތާރީޚުން މަތިވެރި ޖާގައެއް ހޯއްދެވިއެވެ. އޭނާ ހިމެނިވަޑައިގަތީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްކަމުގެ އިތުރަށް އެފްރިކާއާއި ދެކުނު އޭޝިޔާގެ އާއިލާއަކުން ނައިބު ރައީސަކަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާކަމަށެވެ.

ބައިޑެން އެމެރިކާގެ ރައީސްކަމު ހުވާ ކުރެއްވުމުގެ ކުރިން ވަނީ ރައީސް ބަރަކް އޮބާމާގެ ދެ ދައުރުގައި ނާއިބު ރައީސް ކަމުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ.

ބުދަދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ރަސް މިއްޔާތުގައި އެމެރިކާގެ ރައީސް ކަން ކުރައްވާފައިވާ ޖޯޖް ޑަބްލިޔު ބުޝްގެ ދެމަފިރިކަނބަލުންނާއި ބިލް ކްލިންޓަންގެ ދެމަފިރިކަނބަލުންނާއި ބަރަކް އޮބާމާގެ ދެމަފިރިކަނބަލުން ބައިވެރިވެވަޑައިގަތެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާށާއި ދުނިޔެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދެއްވާފައެވެ. ދެން އޮތީ އެގެއްލުންތައް ފޫބެއްދުމެވެ.

”މިއީ ތާރީޚީ ވަގުތެއް“ އެމެރިކާގެ ރައީސްކަން އުމުރުފުޅުން 78 އަހަރުގައި ކުރެއްވި ބައިޑެން ވިދާޅުވިއެވެ.

ބައިޑެންގެ ވާހަކަފުޅުގައި އެމެރިކާ ފޭލު ނުވާނެކަމަށާއި ދުވަހަކުވެސް ފޭލުވެފައި ނެތްކަމުގައި ވިދާޅުވިއެވެ.

ރައީސް ބަޢިޑެންއަކީ އައު އުއްމީދެކެވެ. ހަމައެކަނި އެމެރިކާއަކަށް ނޫނެވެ. މުޅި ދުނިޔެއަށްވެސް މެއެވެ.

ބައިޑެންއަށް މިއީ މުޅިން އައު ފެށުމެކެވެ. ރައީސް ކަމުގެ މި އައު ދައުރުގައި އެމެރިކާއަށާއި މުޅި ދުނިޔެއަށް ސުލްހައާއި ކުރިއެރުން ލިބޭނޭކަމަށް އުއްމީދުކުރެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް