މިއަދު މެންދުރުފަހުން ރާއްޖެއަށް ލިބޭ ކޮވިޑް ވެކްސިނަކީ ”އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް“ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
”އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.“ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންނާ މުޚާޠަބު ކުރައްވައި މިއަދު މެންދުރު ދޭއްޖެހިއިރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކޯވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، އެބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ވިދާޅުވިއެވެ.
”ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ޤައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ވާނީ ފަށާފައި.“ ރައީސް ވިދާޅުވިއެވެ. ”އެކަން ހާސިލުކުރުމަށްޓަކައި، މިއަދާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައި.“
ރައީސް ވިދާޅުވިގޮތުގައި އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުމެވެ.
ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ 10 މަސްދުވަހަކީ، ކޯވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރި ދުވަސްތަކެއްކަން ފާހަގަކުރެއްވިއެވެ.
”އެތައް ބައެއްގެ ވަޒީފާ ގެއްލުނު. އެތައް ޢާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ. ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި. މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު. ޢާއިލާތަކުގެ މެންބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެންޖެހުނު. ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރި.“ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ”މިއަދު މިލިބޭ އައު އުންމީދާއެކީވެސް، އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. އަޅުގަނޑުގެ މިއަދުގެވެސް އިލްތިމާސަކީ، ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަޅުގަނޑުމެންގެ ޢަމަލުތައް އަދިވެސް ބެހެއްޓެވުން. ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވާލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި، ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވާ.“
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ޖެހުނީ 14,633 މީހުންނަށެވެ.އަދި އެބަލީގައި 49 މީހުން ވަނީ މިދުނިޔެ ދޫކޮށްފައެވެ.
ޚަބަރުލިބިފައިވާ ގޮތުގައި މިއަދު އިންޑިއާއިން ރާއްޖެއަށް ގެންނަނީ ވެކްސިންގެ އެއްލައްކަ ޑޯޒެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި ޚިދުމަތް ދެމުންދާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ.