ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގައި ހަމަލާއެއް ދީފާނެކަމުގެ ބިރެއްނެތްކަމުގައި އެމެރިކާގެ ދިފާޢީ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ކްރިސްޓޮފަރ މިލަރ ވިދާޅުވެއްޖެއެވެ.
ކްރިސްޓޮފަރ އެހެން ވިދާޅުވީ، އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދުކުރާ ބަޔަކު ހަމަލާދީފާނެކަމަށް ލަފާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ކްރިސްޓޮފަރ މިލަރ ވިދާޅުވިގޮތުގައި ބައިޑެން ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސަލާމަތީ ސިފައިންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ.
ސަލާމަތީ ބާރުތަކުގެ 25 ހާހަށްވުރެ ގިނަ މީހުން ދަނީ ސަރަހައްދުގައި ހަތިޔާރާއެކު ފޯރީމަރަމުންނެވެ. ސިއްރު ފުލުހުންނާއި ޖާސޫސީ އިދާރާތަކުން ދަނީ ނުރައްކަލެއް ހިނގާފާނެފަދަ ކަމެއް ހިނގާފާނެހެން ހީވާ ހުރިހާ ދޮރުތަކެއް ބަންދުކުރަމުންނެވެ. އަދި ސަލާމަތީ ބާރުތަކުގައި ހިމެނޭ މީހުންގެ ހަރަކާތްތައް ބަލައި އެމީހުންދަނީ ސްކްރީން ކުރެވެމުންނެވެ.
ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާތަނާއި އެ ސަރަހައްދު ސަލާމަތީ ބާރުތަކުން ދަނީ ވަރަށް ބޮޑަށް ބަލަހައްޓަމުންނެވެ. ނުފުރޮޅާ އެންމެ ގައުކޮޅެއްވެސް ނުބާއްވާފަދަގޮތަކަށެވެ.
ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ސަލާމަތީކަންތައްތައް ވަރުގަދަކުރެވުނީ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ސަރަހައްދުގެ އިތުރަށް އެމެރިކާގެ ވަރަށްގިނަ އެހެން ސްޓޭޓުތަކުގައި ރަސްމިއްޔާތާ ދިމާކޮށް ނުރައްކާތެރި ހަމަނުޖެހުންތަކެއް ހިންގަން ރައީސް ޓްރަމްޕަށް ތާއިދުކުރާ މީހުން ރާވަމުންދާކަމުގެ ސިއްރު މައުލޫމާތު ލިބުމާ ގުޅިގެންނެވެ.