އިސްލާމް ދީން ދިރާސާކުރައްވައި ދީނީ ޢިލްމު ފެތުރުއްވުމަށް މަޝްހޫރު ޢިލްމުވެރިޔާ އަޙްމަދު ދީދާތުގެ ދަރިފުޅު، ޔޫސުފް ދީދާތު ނިޔާވެއްޖެއެވެ. އޭނާގެ ގަޔަށް ބަޑި ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގައި ކޯޓުރޫމެއްގެ ބޭރުގައި ހުންނަވަނިކޮށެވެ.
ދީންތަކާބެހޭ މަޢުލޫމާތު ހޯއްދަވައި ދިރާސާ ކުރައްވާ ފަރާތެއްކަމަށްވާ ޔޫސުފް ދީދަތު ނިޔާވީ ޑާބަންގެ ހޮސްޕިޓަލެއްގައި ކޯމާއެއްގައި އޮންނަވަނިކޮށްނެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ބަޔަކު ދިން ބަޑީގެ ޙަމަލާއެއްގައި ޒަޚަމްވުމާ ގުޅިގެންނެވެ. ހަމަލާ ދިނީ ކޮންބައެއްކަމެއް ނޭނގެއެވެ.
”ޔޫސުފް ހަމަހިމޭން އަމާން މަރަކުން ނިޔާވި އިރު އެނދުކައިރީގައި އޭނާގެ ޢާއިލާގެ ބޭކަލުންނާއި ރަޙުމަތްތެރިން ތިއްބެވި.“ ޔޫސުފްގެ ބޭބެ ރައީސް ދީދާތު ބުނުއްވިއެވެ. ”ޢާއިލާގެ އެހެން މެމްބަރުންނާއި ރައްޓެހިންގެ އިތުރުން މުޖުތަމަޢުގެ ފަރާތުން ލިބިގެން ދިޔަ އެހީތެރިކަމަށް ޢާއިލާގެ ފަރާތުން އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. ޔޫސުފްގެ ފުރާނައަށް ރަޙްމަތް ލައްވާށި!“
ވެރުލަމްގައި ހުންނަ އިމާމް ހުޞައިން މިސްކިތުގެ ޗެއާޕާސަން އަޒާން ސީދަތު ވަނީ ޔޫސުފު ދީދާތަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ދީދާތަކީ އެންމެންނާ ގުޅޭ ރަނގަޅު އަޚްލާޤެއްގެ ވެރި އަޅުވެރިއެއްކަމަށެވެ. އަދި އެހީތެރިކަމަށް ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އަބަދުވެސް އެހީވެދެއްވި ބޭކަލެއްކަން ފާހަގަކުރެއްވިއެވެ.
”ދީދަތު ނިޔާވުމުގެ ސަބަބުން ވަރަށް ބޮޑު ސިހުމެއް ލިބިފައިވަނީ.“ އޭނާ ވިދާޅުވިއެވެ.
ޔޫސުފު ދީދާތުގެ ކުރީގެ އަވައްޓެރިއެއް ކަމަށްވާ ޝިއުޝަންކަރު ބުނި ގޮތުގައި ޔޫސުފަކީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރަށް ހުންނަވާ، މަޝްހޫރު ކޮމިޔުނިޓީ އެކްޓިވިސްޓެއްކަމަށެވެ. ”ދުވަހަކުވެސް އެހީއަށް އެދި އޭނާ ގާތަށް ދިޔަ އެއްވެސް މީހަކު ހުސްއަތާ އަނބުރާ ފޮނުވާލާފައެއް ނުވޭ. އޭނާ އަބަދުވެސް ކަންތައް ކޮށްދެއްވަނީ އެންމެ ރަނގަޅަށް.“
އެމެރިކާގެ މުސްލިމް ދީނީ ޢިލްމުވެރިޔެއް ކަމަށްވާ ޔާސިރު ޤާދީ ވިދާޅުވިއެވެ. ”މި ދަށު ދަރަޖައިގެ ޢަމަލު ހިންގި ޤާތިލު ހޯދައި ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދެކުނު އެފްރިކާގެ އިދާރާތަކަށް ގޮވާލަން. އެންމެ ޢަދުލުވެރި އިންސާފްގެ ޤާނޫނު، ހިސާބު ބެއްލެވޭ ދުވަހު (ޤިޔާމަތް ދުވަހު) ތަންފީޒު ކުރެވިގެންދާނެ.“
ﷲ ސުބުޙާނަހޫ ވަތަޢާލާ ޔޫސުފް ދީދާތަށް ޝަހީދެއްގެ ދަރަޖަ ދެއްވައި އޭނާގެ ފާފަތައް ފުއްސަވާނދޭނވެ. އޭނާގެ ދަރަޖަ މަތި ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ. އާމީން.
One Response
އާމީން