ޖަޕާންގެ އެންމެ ދެކުނުގެ ރަށެއްކަމަށްވާ ބެއްޕޫގައި ހުންނަ 4ފަންގިފިލާގެ މިސްކިތަކަށް ކޮންމެ ހުކުރުދުވަހަކު އެތައް ބައިވަރު މުސްލިމުންނެއް ވަންނަމުން އެބަދެއެވެ.
މީގެ ތެރޭގައި ރިޓްސުމެއިކަން އޭޝިޔާ-ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ) ގައި ކިޔަވަމުންދާ ދަރިވަރުންނާއި ކައިރި ހޮޓާ ތަކުގައި ޕާޓް ޓައިމް ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަށް ހިމެނެއެވެ.
މީގެ އިތުރުން ގިނަ ދުވަސްވެ ލޯކަލް އާބަދީގެތެރެއިން ބޭނުންވާ މިންވަރަށް މުވައްޒަފުން ލިބެމުންނުދާ މަސް ބޯޓުތަކަށާއި ބޯޓުޔާޑުތަކުގައި ވަޒީފާ އަދާކުރަން ގޮސްފައިވާ ފަރާތްތަށްވެސް މީގެ ތެރޭގައި ގިނަ އަދަދަކަށް ހިމެނެއެވެ.
ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަޅުކަންކުރަމުންދާ ފަރާތްތަކުގެ ދަރަޖަވަނީ އިތުރުވެފައެވެ. ސަބަބަކީ ސަރުކާރުން އިތުރު ބިދޭސީ މަސައްކަތްތެރިންނާއި ދަރިވަރުން އެ ގައުމަށް ހިތް ޖެއްސުމަށް މަސައްކަތް ކުރަމުން ދިޔުމެވެ.
ނިސްބަތުން ކުޑަ ނަމަވެސް ޖަޕާނުގައި ދިރިއުޅެމުންދާ މުސްލިމުންގެ އަދަދު ވޭތުވެދިޔަ 10އަހަރު ދުވަހުގެ ތެރޭގައި ދެގުނަ އަށް އިތުރު ވެފައިވާކަމަށް ވަސޭޑާ ޔުނިވަރސިޓީގެ ޓަންޑާ ހިރޮފުމީ މަޢުލޫމާތު ދީފައިވެއެވެ. އެއީ 2010ގައި 110,000ން 2019ގެ ފަހުކޮޅު 230,000އަށެވެ. މީގެ ތެރޭގައި އިސްލާމްދީން އަލަށް ޤަބޫލްކުރި ޖަޕާންގެ 50,000 ރައްޔިތުން ހިމެނެއެވެ.
ޖަޕާންގައި މިހާރު 110އަށް ވުރެ ގިނަ މިސްކިތް ހުރެއެވެ. ބެއްޕު މުސްލިމް އެސޯސިއޭޝަން (ބީއެމްއޭ) ގެ ހެޑް އަދި އޭޕީޔޫގެ ޕްރޮފެސަރެއް ކަމަށްވާ މުހައްމަދު ތާހިރް އައްބާސް ޚާން ފާހަގަކުރެއްވި ގޮތުގައި މިއަކީ މަރުހަބާ ކިޔާނެ ބަދަލެކެވެ.