ކުޅިވަރު ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް ތަރައްގީ ކުރެވިފައި ނެތްކަން ރައީސް ފާހަގަކުރައްވައިފި

Loading

Facebook
Twitter
WhatsApp

ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ކުރެވިފައެއް ނެތްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ޒުވާން ކުޅުންތެރިން، ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދެއްނޫންކަމަށާއި އެހެން ނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްގީ ކުރެވިފައެއްނެތް ކަމަށެވެ.

”މިއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ޚާއްޞަ ތަނެއް ނޫން. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ އާންމު ސިއްހަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. މިއީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް.“ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙު ވިދާޅުވިއެވެ. ”އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން. އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން.“

ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް ޓްރެކަށް މިގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ގައުމީ ކަސްރަތު މުބާރާތްތަކާއި، ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، އެތައް ގުނައަކަށް ރަނގަޅު ވެގެންދާނެ ކަމަށާއި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށްވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”މިއީ ދޮށީ ޢުމުރުގެ ބޭފުޅުންނަށްވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް.“ ރައީސް ވިދާޅުވިއެވެ. ”މިހާތަނަށް ކަސްރަތު ނުފަށްޓަވާ ބޭފުޅުންވެސް މިތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް.“

އެކުވެނި ކުޅިވަރު ސަރަހައްދުގައި އެންމެ ފުރަތަމަ ޓްރެކެއް ހުޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި، 1998 ވަނަ އަހަރުގައެވެ. އޭރުން ފެށިގެން، މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް، އެތަނުގައި އޮތީ ވެލި އަޅައިގެން ހަދާފައި އޮތް ޓްރެކެކެވެ. ކޮންމެފަހަރަކުވެސް ޓްރެކް ހަލާކުވުމުން ވެލިއަޅައިގެން ހަރުކުރުމަށްފަހު އެއްވަރުކޮށް ޓްރަކް ބޭނުންކުރަމުން ދަނީއެވެ.

”އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް، އެ ފެންވަރުގައި ހުރެގެން، ކުޅުންތެރިންނެއް ނުއުފެއްދޭނެ.“ ރައީސް ޞާލިޙު ވިދާޅުވިއެވެ.

ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ޓްރެކްގެ މަސައްކަތަކީ ވަރަށް ދީލަތި ފަރާތްތަކެއްގެ އެހީތެރިކަމާއެކު، ފުރިހަމަކުރެވުނު ވަރަށް ބޮޑު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން އިޖުތިމާޢީ ޒިންމާގެ ދަށުން، ޓްރެކްގެ ބިންގަނޑު އެއްވަރުކޮށް، ސަބް ބޭސް ތައްޔާރުކޮށް، ކޮންކްރީޓްގެ މަސައްކަތްތައް ކޮށްދެއްވީ، އާރު.ކޭ.އެލް ގުރޫޕުން ކަމަށާއި ސިންތެޓިކް އެޅުމުގެ މަސައްކަތް ކޮށްދެއްވީ، ޕޮލިސް ވެލްފެއަރ ކުންފުނިންކަން ފާހަގަކުރެއްވިއެވެ. އަދި އެ މަޝްރޫޢު ފުރިހަމަކުރުމުގައި، އިންޑިއާގެ ވަރަށް ދީލަތި އެހީތެރިކަމެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

”އަޅުގަނޑު ދެކޭގޮތުގައި މިއީ، ދޭދޭ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށް، ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ.“ ރައީސް ވިދާޅުވިއެވެ.

އެކުވެނި ޓްރެކް ދަނޑުގައި ޒަމާނީ ފެންވަރުގެ ޓްރެކެއް އެޅުމުގެ ވިސްނުން ފެށިފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓަރަކަށް ޑރ. މުޙައްމަދު ޒާހިރު ޙުސޭން ހުންނެވި ދުވަސްވަރުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް