ނަމާދުގައި ތިބާ ވަނީ ކޮން ދަރަޖަ އެއްގައި ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

އިބުނު ޤައްޔިމް رحمه الله ވިދާޅުވި އެވެ.

މީހުން ނަމާދުގައި ތަފާތު ދަރަޖަތަކަށް ބެހިގެން ވެއެވެ.

ފުރަތަމައީ :

ނަމާދުގައި އޭނާގެ ނަފްސަށް އަނިޔާވެރިވެ ފަރުވާ ކުޑަކޮށްފައިވާ މީހާއެވެ.

އެއީ އެނަމާދަށް ކުރެވޭ ވުޟޫގައި ވެސް ފަރުވާކުޑަކޮށް އަދި ނަމާދުގެ ވަޤުތުންވެސް ފަސްކުރާ މީހާއެވެ.

އަދި ނަމާދުގެ ޙަރަކާތްތަކާއި އިންތަކާއި ރުކުންތަކުގައި ވެސް ފަރުވާކުޑަކުރާ މީހާއެވެ. މިއީ މުޢާޤަބް (معاقب) މީހެކެވެ. ( ނަމާދަށް ފަރުވާ ކުޑަކުރުމުން އުޤޫބާތް ދެވޭނެ މީހެކެވެ. )

ދެވަނައީ :

އެ ނަމާދުގެ ވުޟޫއާއި ނަމާދުގެ ވަޤުތާއި ނަމާދުގެ ޙަރަކާތްތަކާއި އެންމެހާ އިންތަކަށް ރައްކާތެރިވެ އަދި ބޭރުފުށުން ނަމާދުގެ ރުކުންތަކަށް ރައްކާތެރިވާ މީހާއެވެ. އެހެންނަމަވެސް އޭނާގެ ނަފްސު ވަސްވާސްތަކަށް ދޫކޮށްލައެވެ. ވަސްވާސްތަކާއި ފިކުރުތަކަށް ގެނބިގެން ދިއުމުގެ ސަބަބުން ނަމާދުން އޭނާ ބޭރުވެގެން ދެއެވެ. މިއީ މުޙާސަބު (محاسب) މީހެކެވެ. ( ނަމާދާއި މެދު ހިސާބު ކުރެވޭނެ މީހެކެވެ. )

ތިންވަނައީ :

ނަމާދުގެ ރުކުންތަކަާއި އިންތަކަށް ރައްކާތެރިވެ ، އަދި ވަސްވާސްތަކާއި ފިކުރުތަކާއި ދުރުވުމަށް އޭނާގެ ނަފްސާ ދެކޮޅަށް ޖިހާދު ކުރާ މީހާއެވެ. އެ ނަމާދުގެ ޘަވާބުން ޝައިޠާނާ ވައްކަންކޮށްފާނެތީ ސަމާލުވެ ހުންނަ މީހާއެވެ. ފަހެ އޭނާ އެވަނީ ނަމާދުގައެވެ. އަދި އޭނާ އެވަނީ ޖިހާދެއްގައެވެ.

މިއީ މުކައްފަރް ޢަންހު (مكفر عنه) އެކެވެ. (ނަމާދު އެއީ ކަންފާރާއެއް ކަމުގައިއާއި ދަރުމައާއި ޘަވާބު ލިބޭ އަޅުކަމެއް ކަމުގައި ވާނެއެވެ.)

ހަތަރުވަނައީ :

ނަމާދަށް ތެދުވާ ހިނދު ނަމާދުގެ ރުކުންތަކަާއި ވާޖިބުތަކާއި އެންމެހާ އިންތަކަށް ރައްކާތެރިވުމާއި އެކު، އެކަންކަމަށް ރައްކާތެރިވުމަށް އޭނާގެ ހިތް މަޝްޢޫލުވެފައިވާ މީހާއެވެ. އެ ނަމާދުގެ އެއްވެސް މިންވަރެއްގެ ޘަވާބެއް ގެއްލިނުދިއުމަށް ޓަކައި ، އަދި ކިއެއްތަ އޭނާގެ މުޅި ވިސްނުމާއި ފިކުރު މަޝްޣޫލު ކޮށް ނަފްސުގެ އަމާޒު ހިފާފައި އެވަނީ، އެ ނަމާދު ﷲ ތަޢާލާ ޝަރްޢު ކުރައްވާފައިވާ އެންމެ ފުރިހަމަ އަށް އަދާކުރުމުގައެވެ. އަދި އޭނާގެ ހިތް މަޝްޣޫލުވެފައިވަނީ އޭނާގެ ވެރިރައްބު ﷲ ތަބާރަކަ ވަ ތަޢާލާ އަށް (ލޯތްބާއި ބިރުވެތިކަމާއި ޙުޝޫޢަތްތެރިކަމާއި އެކު) އަޅުވެތި ވުމުގައެވެ. މިއީ މުޘާބުން( مثاب) އެކެވެ. ( އެ ނަމާދުން މަތިވެރި ދަރުމައާއި ޘަވާބު ލިބޭނެ ނަމާދެކެވެ. )

ފަސް ވަނައީ :

އިސްވެ ބަޔާންވެދިޔަ ފަދައިން ނަމާދަށް ތެދުވާ ހިނދު ނަމާދުގެ ރުކުންތަކަާއި ވާޖިބުތަކާއި އެންމެހާ އިންތަކަށް ރައްކާތެރިވުމާއި އެކު، އޭނާގެ ހިތުގެ އީމާންކަމާއި ތަޤްވާއާއި ޚުޝޫޢަތްތެރިކަމުގެ ނަޒަރު ، ދުނިޔޭގެ މާއްދީއްޔަތު ފަހަނައަޅައި ގޮސް ވެރިރައްބުގެ ޙަޟްރަތުގައި ޙާޒިރު ކޮށްފައިވާ މީހާއެވެ. އެ ހިތުން އެ ހިތުގެވެރި ރައްބަށް ސީދާ ބަލާ މީހެއް ފަދައިންނެވެ. މަތިވެރިވަންތަ ރައްބުގެ ދަރުބާރުގެ މަތިވެރި ޤަދަރުގައި އެ ހިތް ޚުޝޫޢަތްތެރި ވެފައިވަނީ، މަތިވެރިވަންތަ ރައްބުގެ ހައިބަތުވަންތަ ކަމާއި މަތިވެރިވަންތަ ރައްބުގެ ލޯބީ ގައެވެ. އޭނާގެ ވެރިރައްބު ގެ ޒާތުފުޅު ސީދާގޮތުގައި އޭނާއަށް ފެންނަ ފަދައިން އޭނާގެ ހިތް އެ ހިސާބަށް ދަތުރު ކުރެއެވެ. އިންސާނުންނަށް މިއަންނަ ހުރިހާ ވަސްވާސްތަކެއް އޭނާގެ ކިބައިންވަނީ ފޭވެ ދުރުވެގެންނެވެ. އެ ހިތާއި އެ ހިތުގެ ވެރިރައްބާއި ދެމެދުގައިވާ ހިޖާބުވަނީ ކަސްފު ވެގެންނެވެ. މިދަރަޖައިގެ މީހުންގެ ނަމާދަކީ އެހެން ދަރަޖަތަކާއި އަޅާބަލާއިރު އުޑާއި ބިމާ ހާ ތަފާތު ނަމާދެކެވެ. އޭނާ އޭނާގެ ނަމާދުގައި އެ ވަނީ އޭނާގެ ވެރި ރައްބާއި (މުޢާމަލާތް ކުރުމުގައި) މަޝްޣޫލު ވެވިގެންނެވެ.

ފަސްވަނަ މީހާއީ އޭނާގެ ވެރި ރަސްކަލާނގެ އާއި ކުންތައް ވެފައިވާ މީހާއެވެ. އެހެނީ ، ނަމާދު އެކަމަށް ޝަރްޢު ކުރެވުނު ލޮލުގެ ފިނިކަން އެ ނަފްސަށް ލިބެމުން އެބަ ދެއެވެ. ދުނިޔޭގެ އޭނާގެ ލޮލަށް އެނަމާދުގެ ސަބަބުން ފިނިކަން ލިބިއްޖެ ކަމުގައި ވާނަމަ އުޚްރަވީ ޙަޔާތުގައި އޭނާގެ ވެރިރައްބާއި ކުށްތައް ވުމުގެ ސަބަބުން ލޮލަށް ފިނިކަން ލިބޭނެއެވެ. އަދި ދުނިޔޭގައި ވެސް އޭނާގެ ލޮލުގެ ފިނިކަން ކަމުގައި ނަމާދު ވެގެން ދާނެއެވެ. ﷲ ތަޢާލާ އަށް އަޅުވެތިވާ އަޅުވެތިވުމުގައި ލޮލުގެ ފިނިކަން ޙާޞިލް ވެގަންނަ މީހާއީ ދުނިޔޭގެ ހުރިހާ އެއްޗެއްގެ ލޯތަކުގެ ފިނިކަން ކަމުގައި ވެއެވެ. (މީހުން އޭނާދެކެ ލޯބިވެ، މީހުން ލޯބިވާ މަތިވެރި ޝަޚްޞިއްޔަތެއް ކަމުގައި އޭނާ ވާނެއެވެ. އަދި އޭނާ ފެނުމުން، ﷲ އާއި އާޚިރަތް ދުވަސް ހަނދާން ކޮށްދޭ މީހެއް ކަމުގައި މީހުން ދެކޭނެވެ. އެހެނީ އޭނާވަނީ އެ ދަރަޖައަށް ދަތުރު ކޮށްފައެވެ.)

ﷲ ތަޢާލާ އާއި ބައްދަލު ވުމާއި މެދުގައި އޭނާގެ ލޮލުގެ ފިނިކަން ކަމުގައި ނުވެއްޖެ މީހާ ދުނިޔޭގެ އެދުންތަކާއި މެދު މާޔޫސްވެފައި މީހެއް ކަމުގައި ވެގެން ދާނެއެވެ.

ابن قيم الجوزية رحمه الله

الوابل الصيب من الكلم الطيب

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް