އެމެރިކާގައި ދިރިއުޅެމުން ގެންދިޔަ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދޮށީ ދަރިފުޅު ޔައިރު ނަތަންޔާހޫގެ ފުރާނަޔަށް ބަޔަކު ގެއްލުން ދޭން އުޅޭ ކަމަށް ބަލާ ސިއްރު އޮޕަރޭޝަނެއް ހިންގާ ކުއްލިގޮތަކަށް އަނބުރާ އިޒްރޭލަށް ގެންދިޔަކަން އިޒްރޭލުގެ ސެކިއުރިޓީ އޭޖެންސީ ޝިންބެއިތުން ޔަގީން ކޮށްދީފިއެވެ. އޭގެ ދެތިން ދުވަސް ކުރިން ބެންޖަމީން ނަތަންޔާހޫވެސް ވަނީ އީރާނުން އޭނާގެ ދަރިއަކު މަރާލަން އުޅޭކަމަށް ވިދާޅުވެފައެވެ.
ޔައިރު ނަތަންޔާހޫ މަރާލަން ރާވަމުންދާކަން ހާމަވެފައިވާ ކަމަށާ އެކަމާ ގުޅިގެން ހާލަތު ވަޒަން ކުރުމަށްފަހު ޔައިރުއާއި އޭނާގެ ސެކިއުރިޓީ ޓީމް ކުއްލި ގޮތަކަށް އަނބުރާ ގެންދިޔަކަން ޔަގީން ކޮށް ދިން ނަމަވެސް ޔައިރު މަރަން ރާވާފައިވަނީ ކޮން ގޮތަކަށް ކޮންފަރާތަކުން ކަމެއް ޝިންބެއިތުން ހާމަ ކޮށްފަ އެއް ނުވެއެވެ. އެމެރިކާގެ މިއާމީގައި މިވަގުތު ދިރިއުޅުއްވަމުން ގެންދެވި ޔައިރަށް އެނބުރި ގައުމަށް ދާން ޖެހުނީ އޭނާގެ އަމިއްލަ ސާމާނުތައްވެސް ގެންދާނެ ފުރުސަތު ނުލިބި ކަމަށް ވެއެވެ.
އިޒްރޭލުގެ ޗެނަލް 14 އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއޮޕަރޭޝަން ކުރިޔަށް ގެންދިއުމަށްޓަކައި ޝިން ބޭތުން ވަނީ އެވަގުތު ނިއުޔޯކްގައި ހުންނެވި އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް ގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދިޔަ ޓީމުގެ އޭޖެންޓުންވެސް ޔައިރު ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ބައިވެރި ކުރުމަށް މިއާމީ އަށް ބަދަލުކޮށްފައެވެ.
އެމެރިކާގެ މަސްދަރަކާ ހަވާލާދީ ލިބޭ ރިޕޯޓްތައް ބުނާ ގޮތުގައި ޔައިރު ނަތަންޔާހޫ މަރަން ރާވާ އޭނާޔަށް ފާރަލަމުން ދާކަން މިދިޔަ އަހަރުގެ ޑިސެމްބަރާ ހަމައިންވެސް އިޒްރޭލުގެ ޖާސޫސީ އިދާރާ އަށް ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ޔައިރު ދިރިއުޅޭ ތަންތަނާއި އޭނާގެ ހަރަކާތްތައް އީރާނުގެ ޖާސޫސުން ބަލަމުން ދިޔަކަން ވަނީ ހާމަވެފައެވެ. އޭރު ޔައިރު އުޅެމުން ގެންދިޔައީ އެމެރިކާގެ ފްލޮރިޑާގައެވެ.
ޝިންބޭތުން ހީބްރޫ ބަހުން ނެރުނު ބަޔާނުގައި، ޔައިރު މަރަން އީރާނުން ރޭވީ ސީދާ ކޮން ގޮތަކަށް ކަމެއް ބުނެފައެއްނުވެއެވެ.ނަމަވެސް އެމެރިކާގެ ނިއުސް އައުޓްލެޓް ”ނިއުސްމެކްސް“ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާނުގެ އޭޖެންޓުން އޭރުތިބީ މިއާމީ އަށް ގޮހެވެ.އަދި އެތަނުގައި ތިބެގެން ގާތުން ޔައިރު އުޅޭ ނޫޅޭ ގޮތް ބަލަމުން ދިޔަކަން އިންޓެލިޖަންސް އޭޖެންސީ ތަކަށް ވަނީ ޔަގީން ކުރެވިފައެވެ.
އިސްރާއީލުން ހަނގުރާމައެއްގައި އޮއްވައި ސަރުކާރުން ބޮޑު ޚަރަދު ކޮށްގެން، ސެކިއުރިޓީ ފޯރުކޮށްދީގެން ޔައިރު އެމެރިކާގައި އާދަޔާޚިލާފް ތަނަވަސް ދިރިއުޅުމެއް އުޅޭތީ އިސްރާއީލުގެ އާންމުންގެ ހިތްހަމަ ނުޖެހުން ބޮޑުވެ، ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ހަނގުރާމައިގައި ބައިވެރިވުމަށް އާންމު ޒުވާނުންނަށް މަޖްބޫރު ކުރަމުންދާއިރު ނަތަންޔާހޫގެ ދަރިފުޅު އަރާމުގައި ގައުމުން ބޭރުގައި އުޅޭތީ އާންމުން ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ.
މިދިޔަ ޖުލައިމަހު ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ އާއި އެދެމަފިރިންގެ ދެދަރިންނަށް ދައުލަތުގެ ޚަރަދުގައިދޭ ސަލާމަތީ ރައްކާތެރިކަން އިތުރު ކުރުމާއި ގުޅިގެންވެސް އާންމުންގެ މެދުގައި އަދި ސިޔާސީ މައިދާނުގައިވެސް ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
ޔައިރު ސަލާމަތް ކޮށްގެން ގެންގޮސްފައި މިވަނީ އީރާން ހަނގުރާމަވެސް ހުއްޓުމަކަށް ނައިސް ދިގުލައިގެން ގޮސް ނަތަންޔާހޫގެ އަމިއްލަ ކޮއެލިޝަން ސަރުކާރުތެރޭގައިވެސް ބޮޑެތި މައްސަލަ ތަކެއް އުފެދިފައިވާ ވަގުތެއްގައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާން އަށް ދިން ހަމަލާތަކެއްގައި އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި އޭނާގެ އާއިލާ 4 ބޭފުޅުން އަވަހާރަ ވެފައި ވެއެވެ.އޭގެ ތެރޭގައި ޚާމަނާއީ ގެ އަނބިކަނބަލުންނާއި ކާފަ ދަރިކަނބަލަކު ހިމެނެއެވެ.ޚާމަނާއި އަވަހާރަ ވުމުން އެންމެ މަތީ ވެރިޔާގެ މަގާމަށް އައްޔަން ކުރެވުނު ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވަނީ ބައްޕާފުޅުގެ މަރަށް ބަދަލު ހިފާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ނަމަވެސް ނަތަންޔާހޫގެ ދަރިއަކު މަރާލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ތެހްރާނުން އަދި އެއްޗެއް ނުބުނާ ކަމަށް ވެއެވެ.
![]()
