އޭރު އަޅުގަނޑުގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް: ޝިދާތާ

Loading

Facebook
Twitter
WhatsApp

ޝިދާތާގެ މިނިސްޓަރު ކަމުގައި އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތްކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައަށް އިޝާރާތްކުރައްވާ ޝިދާތާ ފޭސްބުކްގައި ލިޔުއްވާފައިވަނީ ”އެފަދަ އެތައް މައްސަލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ،“ ކަމަށާއި ”ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ވެސް ފެންނަނީ މިސްރާބު ގޯހުންދާތަން“ ކަމަށެވެ.

”މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު ފުނޑާލަން ނުވަތަ ސިޔާސީގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަކު ހަގީގީ ހެޔޮ ބަދަލެއް ނާންނާނެ.“ ޝިދާތާ އިތުރަށް ވިދާޅުވި އެވެ.

ޝިދާތާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓުގައި ވަނީ ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ. ޝިދާތާ ވިދާޅުވީ ޝިދާތާގެ މިނިސްޓަރުކަމުގައި ހުންނެވިއިރު ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތަށް ގުޅުންހުރި މައްސަލަތަކުގައި ޖަވާބުދާރީކުރުވުމަށް މެމްބަރު ޖީހާން މަހުމޫދު ”ދެފައި އެއްތާ ނުޖަހާ“ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް