ބިރުވެރި ކޯވިޑް-19 ގެ ހަގީގަތް ދެނެގަތުމަށް ފެރޑެރަލް ސަރުކާރުންކުރަމުންގެންދިޔަ ތަހްލީލުތަކުގެ ލިއެކިއުންތައް ފޮރުވަން ރޭވިކަމުގައި ގައިންގަޔަށް އަރާ ބަލިތަކާބެހޭ އެމެރިކާ ސަރުކާރުގެ ތަޖުރިބާކާރު ސީނިއަރ އެޑްވައިޒަރ ޑޮކްޓަރ އެންތަނީ ފައުޗީ ގެ ޚާއްސަ މުޝީރު ޑޮކްޓަރ މޯރެންސް އިއުތިރާފް ވެއްޖެއެވެ. އަދި އޭނާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބު 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް މި އަންނަ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ މެރީލޭންޑް ގްރީންބެލްގެ ފަނޑިޔާރު ޕައުލާ ޒިނިސް އިއުލާންކުރައްވާނެއެވެ.
ގައިންގަޔަށް އަރާ ބަލިތަކާބެހޭ ގައުމީ އިދާރާގައި މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ އަމިއްލަ އީމެއިލް ބޭނުންކޮށްގެން ކޯވިޑް-19 ގެ ތަހްލީލުތަކުގެ ލިއެކިއުންތައް ގަސްދުގައި ފޮރުވަން މަސައްކަތް ކޮށްފައެވެ. ނުރައްކާތެރި އެ ވަބާއިން ސަލާމަތްވެވިދާނެގޮތްތަކެއް ހޯދުމަށް އެމެރިކާ ސަރުކާރުން ކުރަމުން ގެންދިޔަ ގިނަ މަސައްކަތްތަކެއްގެ ލިއެކިއުންތައް ޑޮކްޓަރ މޯރެންސް ވަނީ ނަހަމަގޮތްގޮތުން ބޭނުންކޮށްފައިކަމަށް އަދުލު އިންސާފާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.
މޯރެންސްއަށް ދައުވާކުރަން ފެށުނީ ކޯވިޑް-19 ގެ ހަގީގަތް ހޯދުމަށްޓަކައި ރިޕަބްލިކަން މެމްބަރުން ކުރަމުން ގެންދިޔަ މަސައްކަތުގައި އޭނާވަނީ ގަސްދުގައި އެ ބަލީގެ ލިއެކިއުންތަކެއް ފޮރުވާފައިކަން އޭނާގެ އީމެއިލްތަކުން ފަޅާއެރުމުންނެވެ. ކޯވިޑްގެ ލިއެކިއުންތައް ފޮރުވީ ފެޑެރަލް ގާނޫނުގައި ކަނޑައަޅާފައިވާ ދެފުށްފެންނަ ގޮތަށް ހަގީގަތް ހާމަކުރަންޖެހޭ މާއްދާތަކާ ޚިލާފަށް އޭނާކުރިކަމެއް ކަމުގައި ގަބޫލުކުރަން ކޮންގްރެސްގެ ތަހްގީގުގައި އޭނާވަނީ ދެކޮޅު ހަދާފައެވެ. އަދި 5 ވަނަ އެމެންޑްމެންޓަށް ރިޢާޔަތްކޮށް މިދިޔަ ޖުލައިމަހު އެތައް ފަހަރަކު އޭނާވަނީ އޭނާކުރި ކަންތަކުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
މިދިޔަ ހުކުރުދުވަހު ރިޕަބްލިކަން ހޯމްލޭންޑް ސެކިއުރިޓީ ކޮމިޓީގެ ވޯޓުގައި ކޮންގްރެސްގެ އަމުރަށް ފައުޗީ ޚިލާފްވެފައިވާކަން ކަނޑައަޅައި ސެނޭޓުގެ ދެވަނަ އަޑުއެހުމަށް ހާޒިރުވާން އެންގުމުން އެކަމަށް އޭނާވަނީ އިންކާރުކޮށްފައެވެ.
ކޯވިޑް-19 ގެ ހަގީގަތް ފޮރުވިކަމުގެ ތުހުމަތު ފައުޗީގެ ބޮލުގައި އަޅުވާފައިވާއިރު ރައީސް ބައިޑްން ސަރުކާރުންވެސް އިހުމާލު ވެފައިވާކަން ވަނީފާހަގަކޮށްފައެވެ.
![]()
