ދޮގު ވައުދުން އައްޑޫ ތަރައްގީއެއް ނުކުރެވޭނެ

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހެއް ސ. ހިތަދޫ އަރާއިރުގައި ހަދައި ނަންބޯޑެއް ހަރުކޮށްފައި ހުރެއެވެ. އެތަނަށް މަހަކު އެއްފަހަރު ނަޝީދު ވަޑައިގަންނަވާނޭކަމަށް ވިދާޅުވުމަށް ފަހު އެތަނަށް ވަޑަނުގަތަސް ހިތަދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުންނަށް މައްސަލައެއް ނެތް ކަހަލައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕޭނު ދުވަސްވަރު ދުނިޔޭގެ ފަސް މަންޒިލަކުން ދުވާލަކު ފަސް ފްލައިޓް އައްޑުއަށް ދާނޭކަމަށް ވިދާޅުވެފައި އެއިން ފްލައިޓެއް ގަމަށް ނުޖެއްސިޔަސް އައްޑޫ ރައްޔިތުންގެ ޝަކުވާއެއް ނޯންނާނެއެވެ. އެހެންވާންޖެހޭ އެއްސަބަބަކީ ކަނު ލޯތްބެވެ. އެމްޑީޕީން އައްޑުއަށް ކަމެއް ކުރިޔަސް ނުކުރިޔަސް ވަރިހަމަކަމެވެ. ހަމަ ކަނު ލޯތްބެވެ.

ރައީސް މައުމޫން 11 ނޮވެމްބަރ 1978ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އައްޑޫގެ ތަރައްގީއަށް ”ރައީސަކު“ ކުރެއްވި ކަމެއް ނެތެވެ.

އިނގިރޭސީންނަށް ގަން ކުއްޔަށް ދެއްވީ ރައީސް އިބްރާހީމް ނާސިރެއްނޫނެވެ. ގަން 100 އަހަރަށް އިނގިރޭސީންނަށް ދެއްވީ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. ރައީސެއްގެ ހައިސިއްޔަތުން ފުރަތަމަ ޖުމްހޫރިއްޔާގެ ބާނީ މުޙައްމަދު އަމީނު ވެސް އަދި ދެވަނަ ޖުމްހޫރިއްޔާގެ ބާނީ އިބްރާހީމް ނާސިރު ވެސް އައްޑުއަށް ކޮށްދެއްވި ބޮޑު ޚިދުމަތްތަކެއް ނެތެވެ.

ރައީސް މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެން އައްޑުއަށް އިސްކަންދެއްވިއެވެ. ދެވަނަ ބޮޑުހަނގުރާމާއިގެ ދުވަސްވަރު އިނގިރޭސީންގެ ވައިގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު 1976ގެ މާޗުމަހުގެ 29 ވަނަ ދުވަހުން ފެށިގެން ފަޅުކޮށްލި އައްޑޫ ގަން ހިންގޭތޯ އުޅުއްވިއެވެ. އެކަމެއް ނުވިއެވެ. އެކަމަކު ރައީސް މައުމޫން އައްޑުއަކީ ތައުލީމީ މަރުކަޒަކަށް ހެއްދެވިއެވެ. ހުރިހާ ރަށެއްގައި ސްކޫލްތައް އެޅުއްވިއެވެ. ހުރިހާ ރަށެއްގައި ރަށު އޮފީސްތަކާއި ސިއްހީ މަރުކަޒުތައް އެޅުއްވިއެވެ. ވޯލްޑް ބޭންކުން ރާއްޖެއަށް ނެގި ފުރަތަމަ ލޯނުން ހިތަދޫގައި ޔުނިވަރސިޓީއެއް ފަދަ ސަދަން ސެކެންޑްރީ ސްކޫލެއް ބިނާކުރެއްވިއެވެ. އެތަނުގައި ކިޔަވައިދޭނޭ ޓީޗަރުން ތަމްރީނު ކުރުމަށް އިނގިރޭސިވިލާތަށާއި އޮސްޓްރޭލިއާއަށް ދިވެހި ކިޔަވާކުދިން ފޮނުވިއެވެ. ކިޔެވި މީހުން ކިޔެވިއެވެ. ނުކިޔެވި މީހުން ނުކިއެވުމަކީ މައުމޫންގެ ކުށެއްނޫނެވެ.

މައުމޫންގެ ވެރިކަމުގައި އައްޑޫގައި ސަރަހައްދީ ބަނދަރެއް ހެއްދެވިއެވެ. ބޭރުގައުމުތަކުން އެބަނދަރަށް މުދާ ގެނެސްހެދިއެވެ. ބަނދަރަށް ބޭރުން ގެންނަ މުދާ، ގުޅިފައިވާ ރަށްރަށަށް ގެންދިއުމަށާއި ދަތުރުފަތުރުގެ ފަސޭއަށްޓަކައި ލިންކު ރޯޑެއް ހެއްދެވިއެވެ.

ސަރަހައްދީ ބަނދަރު ބޭނުންކުރަން ފެށުމުން އެނގުނީ މުހިންމު ބަދަލުތަކެއް ބަނދަރަށް ގެންނަން ޖެހިފައިވާކަމެވެ. އެކަމާގުޅޭ ދިރާސާތަކެއް ކުރެވުނަސް، އަދި މައުމޫންގެ ވެރިކަން ނިމުނުފަހުން 10 އަހަރު ފާއިތުވެގެން ދިޔަޔަސް ބަނދަރަށް ބަދަލުތަކެއް ނުގެނެވެއެވެ. އެއީ ކުރަން ޖެހިފައިވާ ކަމެކެވެ.

އައްޑޫގެ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރާނެ ފުރުސަތު ނުލިބިގެން ކުރަމުން ދިޔަ ޝަކުވާތަކަށް ނިމުމެއް ގެންނެވުމަށް ރައީސް މައުމޫންގެ ވެރިކަމުގައި ވިލިގިއްޔާއި ހެރެތެރޭގައި ސަރުކާރުގެ ހިއްސާ ވެސް އޮންނަގޮތަށް ރިސޯޓު ތަރައްގީ ކުރެއްވިއެވެ. އަދި ހަންކެޑެ ރިސޯޓަކަށް ހަދަން ބަޔަކަށް ދިނެވެ. ނަމަވެސް އެރިސޯޓެއް އަދިވެސް ނެހެދެއެވެ. ވިލިގިލީގައި ހެދި ރިސޯޓާއި ހަންކެޑެ ރިސޯޓު މިދިޔަ އަހަރު ވަނީ ބަންދުކޮށްފައެވެ. އެކަމުގައި ރައީސް މައުމޫނުގެ ކުށެއް ނެތެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވައުދުތައް ގިނަ ތިން އަހަރުގެ ވެރިކަމުގައި ވެސް އަދި ވަޢުދެއް ނުކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ވެސް އަދި ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް އައްޑުއަށް ޚިދުމަތްތަކެއް ކުރެއްވިއެވެ. އެއީ ބަހުސަކަށް ދާންޖެހޭ ކަމެއް ނޫނެވެ.

ކުރީގެ ރައީސް ނަޝީދަކީ ވައުދުތައް ގިނަ ބޭފުޅެކެވެ. ތެދާއި ދޮގުގެ ތިލަފަތަކަށް ލައިފިނަމަ ބަރުވާނީ ކޮންކޮޅަކަށް ކަން އެނގޭނީ ހަމަ ކިރާލީމައެވެ.

ދާދި ފަހުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ”އެމްޑީޕީ މޭޔަ ކެންޑިޑޭޓާ ކައުންސިލް ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން.“ ކަމަށެވެ.

ރައީސް ނަޝީދުގެ ޓްވިޓާ ގުޅިގެން އައްޑޫގެ އެތައް ހާސް ބައެއްގެ ހިތުގައި އުފެދިފައިވާ ސުއާލަކީ އެމްޑީޕީގެ މޭޔަރ އާއި ސިޓީ ކައުންސިލްގެ މެންބަރުންނާއެކު، މިހާރު އަދި ފާއިތުވެ ދިޔަ ތާނގައި އައްޑޫ ސިޓީ ދުނިޔެއަށް ހުޅުވިގެން ނުދިޔައީ ކީއްވެގެން ބާވައެވެ! މިހާރުވެސް ހުންނެވީ އަދި ކުރީން ވެސް ހުންނެވީ އެމްޑީޕީގެ މޭޔަރެކެވެ. ކުރީން ވެސް ތިއްބެވީ އަދި މިހާރުވެސް ތިއްބެވީ އެމްޑީޕީގެ ކައުންސިލް މެންބަރުނެވެ. އަލަށް ހޮވާ މޭޔަރާއި މެންބަރުން އައްޑޫ ދުނިޔެއަށް ހުޅުވަން ޖާދޫގެ ތަޅުދަނޑިއެއް ހޯދާނީ އިންޑިއާއިން ހެއްޔެވެ؟

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދުދެއްވައި ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއްލަވައެއް ކަމަށާއި އެކަމަކު ފާއިތުވެދިޔަ ދެއަހަރު ގައުމުވީ ފަގީރުކަމަށެވެ.

ޕާޓީގެ ބޮޑުން މަޖިލީހުގެ އެންމެ މަގާމެއް ވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާއްމު މީހަކަށް ދުލެއް ނުކުރި ކަމަށާއި އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުންކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން އަނެއްކާވެސް އައްޑޫ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަސައްކަތް ފަށައިފިކަމުގައެވެ. އަދި އެމްޑީޕީން އުޅެނީ މޮޅު ހުވަފެން ދައްކައި ރައްޔިތުން ވައު ވައްދަންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެމްޑީޕީން އައްޑުއަށް ވެފައިވާ ވައުދުތައް ގިނަގުނައެވެ. ކުރަންހުރި ކަންތައްތައް އިންތިހާއަށް ގިނައެވެ. އެނގޭހާވެސް އެއްޗަކީ ސ. ހިތަދޫ އަރާއިރުގައި ހަދާފައި ހުރި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް ހުޅުވައިގެން އައްޑޫ ތަރައްގީ ނުކުރެވޭނޭކަމެވެ. ދޮގު ވައުދުން އައްޑޫ ތަރައްގީ ނުވާނޭކަމެވެ. އައްޑޫގެ ތަރައްގީއަށް، ގައުމުގެ ތަރައްގީއަށް ސްޕީޑު ދޭންޖެހޭކަމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް