ހައްދުފަހަނައަޅާފައިވާ މީހުންގެ ލިސްޓްގައި ނަން އޮތުމުން ޑރ. މަހާތީރު އެކަމަށް ރައްދުދެއްވައިފި

Loading

Facebook
Twitter
WhatsApp

ޓެރަރިޒަމްގެ ރޮނގުން ހައްދުފަހަނައަޅާފައިވާ އެންމެ ނުރައްކާތެރި 20 މީހުންގެ ލިސްޓުގައި މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރުގެ ޑރ. މަހާތީރު މުޙައްމަދުގެ ނަން ހިމަނާފައިވާތީ އެކަމާ ދެކޮޅުހައްދަވައި މަހާތީރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. މަހާތީރުގެ ވިސްނުމާއި ޚިޔާލުފާޅުކުރައްވާ ގޮތުން އޭނާގެ ނަން ލިސްޓުގައި ހިމެނިގެން ދިޔައިރު، އަނިޔާވެރިކަމާއި ޓެރަރިޒަމްގެ ބޮޑެތި ޢަމަލުތައް ހިންގާފައިވާ އެތައް ބަޔަކު މި ލިސްޓުގައި ހިމަނާފައިނުވާތީ މަހާތީރު އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިލިސްޓު ނެރެފައި ވަނީ ޔޫ.އެސް ގައި ހިންގުނު ކައުންޓަރ އެކްސްޓްރީމިސްޓް ޕްރޮޖެކްޓެއްގެ ވެބްސައިޓެއްގައެވެ. އެމީހުން ހާމަކުރިގޮތުގައި ޑރ. މަހާތިރަކީ ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ވިސްނުން ގެންގުޅުއްވާ އަދި ޔަހޫދީންނާއި އެލް.ޖީ.ބީ.ޓީ ކޮމިއުނިޓީ އާމެދު ހަރުކަށި ބަސްތައް ވިދާޅުވެފައިވާ ބޭފުޅެކެވެ.

ޑރ. މަހާތިރް ވިދާޅުވީ އެވެބްސައިޓުން ވަނީ އޭނާގެ ބަސްތައް އޮޅުވާލައިފައި ކަމަށެވެ. އޭނާ އެކަމާގުޅިގެން ލިޔުއްވި ރިޕޯޓުގައި ބަޔާންކުރައްވާފައި ވަނީ އޭނާ ކުރިންވެސް އަދި މިހާރުވެސް ވިދާޅުވަމުން ގެންދަވާ ހަމައެކަނި ވާހަކައަކީ މުސްލިމުންނަކީ ބަދަލުހިފާ ބައެއް ނޫންކަމެވެ. އަދި އޭނާގެ ބަސްތަކުގައި ހުޅަނގުގެ ގައުމުތަކުން ނުރުހޭފަދަ އިބާރާތެއް އެކުލެވިފައި ވިޔެއްކަމަކު އޭނާ އަކީ ޓެރަރިޒަމްއަށް ތާއީދުކުރާ މީހެއް ނޫންކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ޔޫ.އެސްގެ ކުރީގެ ރައީސް ޖޯޖް ބުޝްއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އިރާގުން ނިއުކްލިއަރ ހަތިޔާރު އުފައްދާކަމަށް ވިދާޅުވެ، އިރާގާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމުގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ގެއްލިގެން ދިޔަކަން ފާހަގަ ކުރައްވައި އެ ދެބޭފުޅުންނަކީ ޓެރަރިސްޓުންތޯ ނުވަތަ ނޫންތޯ މި ރިޕޯޓުގައި ޑރ. މަހާތިރް ސުވާލުކުރެއްވިއެވެ.

މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަށް ވެސް އޭނާގެ ރިޕޯޓުގައި އަލިއަޅުވާލެއްވިއެވެ. މިގޮތުން 2018 ވަނަ އަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހާއި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހާއި ދެމެދުއެކަނިވެސް އިސްރާއީލުގެ ސިފައިން 189 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށް، 5800 މީހުން ޒަހަމުކޮށްފައި ވާކަމަށް ހިއުމަން ރައިޓްސް ވޮޗްއިން މައުލޫމާތު ދީފައިވާކަމަށާއި މީގެ ތެރޭގައި 31 ކުޑަކުދިން ހިމެނޭކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިސްރާއީލް އުފެދުނީއްސުރެ ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ހައްގަކާއި ނުލައި މަރާފައި ވާއިރު އިސްރާއީލުގެ އެއްވެސް ވާހަކައެއް މި ލިސްޓުގައި ހިމަނާފައި ނުވާތީ އެކަމާވެސް މި ލިސްޓަށް ޑރ. މަހާތިރް އާއި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް