ޙާކިމާގެ ސިފަތައް

Loading

Facebook
Twitter
WhatsApp

މާތްވެގެންވާ އިސްލާމްދީނުގައި، މީސްތަކުންގެ މައްޗައް އިސްކުރެވޭ އެންމެ މަތީ ވެރިޔާގެ ކިބައިގައި އަންނަނިވި ސިފަތައް ހުރުން ވާޖިބު ވެގެންވެއެވެ.

(1) މުސްލިމެއްކަމުގައިވުން:

މާތްވެގެންވާ އިސްލާމްދީނުގައި މުސްލިމްނޫން މީހެއްގެ ވެރިކަމެއް ޞައްޙައެއް ނުވާނެ އެވެ. އެންމެ މަތީވެރިކަމަކީ މުސްލިމުންގެ ކަންތައްތައް ތަންޡީމު ކުރުމާ ގުޅިފައިވާ ޝަރުޢީ ހުކުމްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެންކަމުން، މިޙުކުމްތަކަށް އީމާންނުވާ މީހެއްގެ ވެރިކަމެއް ސައްޙައެއް ނުވާނެއެވެ.

2)ފިރިހެނެއް ކަމުގައިވުން:

މާތްވެގެންވާ އިސްލާމްދީނުގައި އަންހެނެއްގެ ވެރިކަން ޞައްޙައެއް ނުވާނެއެވެ. މިއީ ޝާފިޢީ މަޛުހަބުގައިވެސް މިކަން އޮންނަ ގޮތެވެ. ( ބައްލަވާ ! އަލްމަންހަޖުލް ފިޤުހިއްޔު ޢަލާ މަޛުހަބިއްޝާފިޢިއްޔި)

(3) ބާލިޣުވުމާއި ބުއްދިހުރުން:

ބާލިޣުނުވާ ކުޑަކުއްޖަކާއި ބުއްދިހަމަނުވާ މީހާގެ ވެރިކަމެއް ސައްޙައެއް ނުވާނެއެވެ. އޭނާގެ މުސްތަޝާރުން ކިތަންމެ ގިނަކަމުގައި ވިޔަސްހެވެވެ. މިއީ ޝާފިޢީ މަޛުހަބުގައިވެސް މިކަން އޮންނަ ގޮތެވެ.

(4) ޢަދުލުވެރިއެއްކަމުގައިވުން:

ބަނގުރާބުއިމާއި، މީހުންމެރުމާއި، ޒިނޭކުރުމާއި، ރިބާކެއުންފަދަ ބޮޑު ފާފައަކަށް އަރައިގެން ފައިވާ މީހާ ނުވަތަ ކުދިފާފަކުރުމުގައި ދެމިހުންނަމީހާ ވެރިކަމަށް އިސްކުރުން ޞައްޙަވެގެން ނުވެއެވެ. މިއީ ޝާފީމަޛްހަބުގައި ވެސް މިޙުކުމް އޮންނަ ގޮތެވެ. ފަހެވެރިކަމަށް އިސްކުރުމަށްފަހު ފާފައެއްކުރެވުމާއި، ކާފިރުނުވާ ދަރަޖައިގެ ބިދްޢަ ފަދަ ކަމަކަށް އަރައިގަތުމަކުން ވެރިކަމުން ޢަޒުލްކުރުން ވާޖިބެއްނުވާނެއެވެ. ކާފިރުވެއްޖެނަމަ ވެރިކަމުން ޢަޒުލުކުރުން ވާޖިބުވާނެއެވެ. ޞަޙީޙް މުސްލިމްގެ ޝަރަހައިގައި އަލްއިމާމުއްނަޥަޥީ ވިދާޅުވެފައިވެއެވެ. ޙާކިމާ ފާސިގުކަމަކަށް އަރައިގަތުމަކުން އޭނާގެ ވެރިކަމުން ޢަޒުލުކުރަން ނުޖެހޭނެކަމަށް ސުއްނަތް ޖަމާއަތުގެ އަހުލުވެރިން އިޖްމާޢު ވެފައިވެއެވެ.

(5) ދީނުގެ ޙުކުމް ތަކާއި އެ ޙުކުމް ތަކުގެ ދަލީލުތައް ދަންނަ މީހަކުކަމުގައިވުން:

(6) ޙިއްސުތަކުގެތެރެއިން ފެނުމާއި، އިވުމާއި، ބަސްމޮށުމާއި، މިކަންކަން ސަލާމަތުން ހުންނަ މީހަކު ކަމުގައިވުން.

(7) ދުނިޔޭގައި ހިނގަމުންދާ ކަންތަކާއިމެދު ލޯ ހުޅުވޭ މީހެއްކަމުގައިވުން. މިކަންކަން މިންވަރުކޮށް ކަޑައަޅާނީ މަޝްވަރާގެ އަހުލުވެރިންނެވެ.

(8) އިސްވެދިޔަ ސިފަތައްހުރި މީހުންގެ ތެރޭގައި ނަސަބުގެގޮތުން ޤުރައިޝް ވަންހައިގެ މީހަކު ހުރިނަމަ އޭނާއަށް އިސްކަން ދިނުން. ފަހެ ޞަޙީޙުލް ބުޚާރީގެ ކިތާބުލް އަންބިޔާގައި ރިވާވެގެންވާ ޞައްޙަ ހަދީޘެއްގައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.

“ان هذا الامر في قريش”

މާނައަކީ ހަމަކަށަވަރުން މިއަމުރުވެރިކަން ވާހުށީ ޤުރައިޝް ވަންހައިގެ ތެރޭގައެވެ. މިއެވެ. ދެންފަހެ، އިސްވެދެންނެވި ސިފަތައް ފުރިހަމަ ވެފައިވާމީހަކު ނެތްނަމަ މިސިފަތަކުގެ ގިނަ ސިފަ ހުރި މުސްލިމް ފިރިހެނަކަށް އިސްކަންދޭނީއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް