ހޮނިހިރު ދުވަހު އިންޑިއާގައި ވެކްސިން ދޭން ފަށަނީ

Loading

Facebook
Twitter
WhatsApp

އަންނަ ހޮނިހިރު ދުވަހު އިންޑިއާގައި ކޮރޯނާ ވައިރަސްގެ ވެކްސިން ދޭން ފަށާނެ ކަމަށް އެޤައުމުގެ ސަރުކާރުން އިޢްލާނުކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ވެކްސިން ޕްރޮގްރާމް ފެށުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށެވެ.

އިންޑިއާގައި ވެކްސިންގެ ޑޯޒް ފުރަތަމަ ދޭ މީހުންގެ ތެރޭގައި ހެލްތްކެއާ ސްޓާފުންނާއި ފްރަންޓްލައިން މަސައްކަތްތެރިން ހިމެނެ އެވެ.

އެޤައުމުގެ ސަރުކާރުން ބުނެފައި ވަނީ އޭގެ ފަހުން ވެކްސިން ދޭނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި 50 އަހަރު ފުރިފައި ނުވި ނަމަވެސް ބޮޑު ބައްޔެއްގައި އުޅެމުންދާ މީހުންނަށް ކަމަށެވެ. އަދި ވެކްސިން ދިނުމުގެ ކުރިން މިހާރު ވަނީ 700 ޑިސްޓްރިކްޓުގެ 150،000 ސްޓާފުންނަށް ތަމްރީނު ދީފައިވާކަމަށްވެސް ސަރުކާރުން ބުނެއެވެ.

ފުރަތަމަ ފޭސް އަމާޒުކޮށްފައި ވަނީ ހެލްތު ވޯކަރުންނާއި ފްރަންޓްލައިން ސްޓާފުންގެ 30 މިލިއަން މީހުންނާއި 50 އަހަރުން މަތީގެ 270 މިލިއަން މީހުންނަށެވެ.

ދުނިޔެއިން ކޮރޯނާވައިރަހަށް ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 10.3 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 150،000 މީހުން ވަނީ މަރުވެފަ އެވެ.

.

އިންޑިއާ އިން ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ކޮވިޝީލްޑާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިނެވެ. އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން ވަނީ އޮކްސްފޯޑުގެ ވެކްސިންގެ 50 މިލިއަން ޑޯޒް އުފައްދައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް