ރައީސް ޓްރަމްޕަށް ދާއިމީ ގޮތެއްގައި ޓްވިޓާ ބޭނުން ނުކުރެވޭގޮތަށް ހަދައިފި

Loading

Facebook
Twitter
WhatsApp

ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެއް ވެބްސައިޓް، ޓްވިޓާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އުމުރުދުވަހަށް ހަނދުމަފުޅު ނުނެތޭވަރުގެ އަދަބެއްދީފިއެވެ. އެ އަދަބަކީ ރައީސް ޓްރަމްޕުގެ ޓްވިޓާ އެކައުންޓް ދާއިމީގޮތެއްގައި ބޭނުން ނުކުރެވޭ ގޮތަށް ބަންދުކުރުމެވެ.

ޓްވިޓާއިން އެ ފިޔަވަޅުއެޅީ ދޮގު މައުލޫމާތު ފަތުރައްވައި ހަމަނުޖެހުމަށް ބާރުލިބޭގޮތަށް ޓްރަމްޕް ޓްވީޓު ކުރައްވާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. އަދި ޓްރަމްޕްގެ ޓްވީޓުތަކުގެ ސަބަބުން އިތުރު ހަމަނުޖެހުމަށް މަގުފަހިވެދާނެކަމަށް ފެންނާތީ އެކަން ހުއްޓުވުމަށެވެ. ޓްރަމްޕްގެ ޓްވީޓުތަކުން ދޮގު މައުލޫމާތު ފަތުރުއްވައި މަސްލަހަތު ގެއްލޭފަދަ ވާހަކަތައް ދައްކަވާތީ އެކަން ނުކުރެއްވުމަށް ޓްވީޓާއިން ވަނީ މީގެ ކުރިން ވެސް ޓްރަމްޕަށް އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ އެތެރެއަށް ޓްރަމްޕަށް ތާއިދުކުރާ މީހުން ބުދަދުވަހު ވަދެ ހިންގި ހަމަނުޖެހުންތަކު

ގައި ބައިވެރިވި ގުންޑާއިންނަށް ހިތްވަރު ލިބޭގޮތަށް ޓްރަމްޕް ވަނީ ޓްވީޓްކުރައްވާފައެވެ. އެކަމާގުޅިގެން އެތައްބަޔަކު ވަނީ ޓްރަމްޕަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕަށް ފިޔަވަޅުއެޅީ އޭނާ ކުރައްވާފައިވާ ޓްވީޓްތައް ދިރާސާކުރުމަށް ފަހު،އެފަދަ އެހެން ޓްވީޓްތަކެއްގެ ސަބަބުން ހަމަނުޖެހުން އިތުރަށް ހިނގާފާނެކަމަށް ބަލައެވެ.

ކެޕިޓޮލް ހިލްއަށް ހަމަލާދީން މީހުންނަކީ ގައުމުދެކެ ލޯބިވާ ބައެއްކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޓްވީޓް ކުރައްވާފައެވެ.

އެމެރިކާގެ ރައީސަކަށް އިންތިޚާބުވެވަޑައިގެންފައިވާ ޖޯ ބައިޑަން ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނާވާނޭކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ތާރީޚަށް ބަލާއިރު ޓްރަމްޕް ހިމެނިވަޑައިގަންނަވާނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ ހަތަރުވަނަ ރައީސަށެވެ. އެންމެ ފަހުން ހުވައިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިނުގެންނެވީ 1869ގައި އެންޑްރޫ ޖޯންސަންއެވެ.

ކޮންގްރެސްގެ އިމާރާތް ކެޕިޓޮލް ހިލް ދޮށަށް ރައީސް ޓްރަމްޕަށް ތާއިދުކުރާ މީހުން އެއްވެ ހިންގި ހަމަނުޖެހުންތަކުގައި އެ އިމާރާތުގެތެރެއަށް ވަދެ ތަނުގެ ހުރުމަތް ކަނޑާލާފައިވެއެވެ. އަދި އެތަނުގައި ހިންގި ހަމަނުޖެހުންތަކުގައި ހަތަރު މީހުން މަރުވިއެވެ. އޭގެތެރޭގައި ފުލުހުންގެ މީހަކުވެސް ހިމެނެއެވެ.

ހަމަނުޖެހުންތައް ހިނގީ ރައީސް ޓްރަމްޕްގެ ސަބަބުން ކަމަށް ބުނެ އޭނާ ރައީސް ކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމެރިކާގެ ގާނޫނުހަދާ މަޖިލީސް ކޮންގްރެސްއިން ކުރަމުން އެބަގެންދެއެވެ.

ކޮންގްރެސްގެ ރައީސާ ނެންސީ ޕެލޯސީ ވަނީ ޓްރަމްޕް އިސްތިއުފާދެއްވުމަށް ގޮވާލައްވާފައެވެ. އަދި އޭނާ އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. ޓްރަމްޕް މަގާމުން ވަކިކުރުމަށް އޭނާގެ ޕާޓީގެ ބައެއް މެންބަރުން ވޯޓުދެއްވާނޭކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ޓްރަޕް ކަންތައް ކުރެއްވިގޮތާމެދު ހިތްޕުޅާނުވެގެން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރިޔާސީ ގަނޑުވަރުގެ ބައެއް އިސްބޭފުޅުންނާއި ބައެއް އެހެން މުއައްސިސާތަކުގެ ވެރިން ވަނީ އިސްތިއުފާދެއްވާފައެވެ.

ރައީސް ޓްރަމްޕަށް ވަގުތީގޮތުން އިންސްޓަރގްރާމާއި ފޭސްބުކު ވެސް ބޭނުންނުކުރެވޭގޮތަށް ވަނީ ހަދާފައެވެ.

ރައީސް ޓްރަމްޕަށް ތާއިދުކުރާމީހުން ހިންގި ހަމަނުޖެހުންތައް ވަރަށް ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުން އެބަގެންދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް