ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައުލަތް ހިންގުމަށް މާތް ﷲ ގަންދީ ހުވާކުރައްވައި ސަރުކާރާއި ދައުލަތުގެ ވެރިކަމާ ހަވާލުވަނީ، ކޮންކަމެއް ކުރުމަށް ހެއްޔެވެ.؟ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައުލަތްހިންގުމާއި ޙަވާލުވުމަށް ހުވާ ކުރައްވަނީ އަންނަނިވި ޒިންމާތައް އަދާކުރެއްވުމަށެވެ.
ފުރަތަމަ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. ދެވަނައަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށެވެ. މިއީ ގުޅިގެން އަންނަ ދެކަމެކެވެ. ހަތަރުވަނަ ކަމަކަށް ޤައުމަށް އިޙްލާޞްތެރިވުމެވެ. ފަސްވަނަ ކަމަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ރައީސުލްމުހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާ އެކު، އަދާކުރުން މަތީ ދެމިހުރުމަށެވެ. މަޖިލިސްގެ މެމްބަރުން ގަނެގެން ބޭނުންފުޅުވާ ގޮތަކަށް ގާނޫނުތައް ބަދަލުކޮށްގެން ވެރިކަން ދިގުމުއްދަތަކަށް ދެމެހެއްޓުމަށްޓަކައެއް ނޫނެވެ. ކުރެއްވި ހުވަޔަށް ބަލާލަމާތޯއެވެ!ރައީސުލްޖުމްހޫރިއްޔާގެ ހުވާ : އަހުރެން، މާފަންނު ދިމްޔާތު، މުހައްމަދު މުޢިއްޒު، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ޙައްގުތައް ރައްކާތެރި ކުރުމަށާއި ދިވެހި ގައުމަށް އިޚްލާސްތެރި ވުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ރައީސުލްމުހޫރިއްޔާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާ އެކު، އަދާކުރުން މަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާ ކުރަމަވެ.
”ފުރަތަމަ ސުވާލަކީ، ރައީސް މުޢިއްޒު ވެރިކަމުގެ ޒިންމާތައް އަދާކުރައްވަނީ ކުރެއްވި ހުވަ އާއި އެއްގޮތައް ހެއްޔެވެ؟ޖަވާބަކީ : ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަވަނީ ، އަމިއްލަ ވިސްނުން ފުޅަށް ފެނިލައްވާ ގޮތަށެވެ. ޤާނޫނު އަސާސީގެ 3/2( ތިންބައިކުޅަ ދެބަޔަށް) ޢަމަލެއް ނުކުރެއެވެ.
* ވެރިކަމަށް އައުމަށް ބޭނުންކުރާ އުކުޅުތަކަކީ ނުވަތަ ވަޢުދުތަކަކީ ކޮބާ؟ކޮންމެ ބަޔަކުވެސް ވެރިކަމުގެ ދަހިވެތި ކަމުގައި ވެރިކަން ބަދަލުކުރުމަށް ކުރާ ކެމްޕޭނުގައި، ދައްކާ މައިގަނޑު ވާހަކައަކީ ކުރީ ސަރުކާރުން ވައްކަންކުރި ވާހަކައާއި ކުރި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ދިން އަނިޔާ ހުއްޓުވާނެ ވާހަކައެވެ. ތައްޔަތުމީހާގެ ޙައްގުތައް ހޯދަދެވޭނޭ ވަޢުދު ތަކެވެ. ރައްޔިތުންނަށް ޢަދުލުއިންސާފް ހޯދައިދޭނެ ވާހަކައެވެ. ފުދުންތެރި ދުޅަހެޔޮ ރައްޔިތުން ދިރިއުޅޭ ތަރައްޤީވެފައިވާ ޤައުމަކަށް ހަދައިދޭނެ ވާހަކައެވެ.
ސުވާލަކީ : ވެރިކަމަށް އައުމަށް ފަހު ދައުލަތުން އެއްވެސް އިރެއްގައި ގެއްލުނު އެއްވެސް ފައިސާއެއް ދައުލަތުގެ ބައިތުލްމާލަށް ވެއްދުނު ތޯއެވެ. އަދި ޚިޔާނާތްތެރިވި ކިތައް މީހުން ގެ ތަޙުޤީޤު ފުރިހަމަކޮށް ޝަރީޢަތަށް ފޮނުވުނު ތޯއެވެ؟ މި ސުވާލަށް ޖަވާބު ލިބުމަށް ރައްޔިތުން ބޭނުންވެއެވެ. ދައުލަތުގެ މުދަލާއި ފައިސާ އަކީ އެއްވެސް ޕާޓީއެއްގެ އެއްޗެއް ނޫނެވެ. ސަރުކާރުގެ އެއްޗެއް ވެސް ނޫނެވެ. އަދި ނުފޫޛު ފޯރުވޭ ފަދަ މަޤާމެއްގައި ހުންނަ މީހެއްގެ ވެސް އެއްޗެއް ނޫނެވެ. ކޮންމެ ބަޔަކު ވެސް ދައުލަތް ހިންގުމާއި ޙަވާލުވަނީ ޤާނޫނު އަސާސީ އާއި އެއްގޮތައް ސަރުކާރު ހިންގުމަށް މާތްﷲ ގަންދީ ހުވާކޮށްގެނެވެ. އެހެންކަމުން ދައުލަތު (ރައްޔަތުންގެ) މުދަލާއި ފައިސާ އާއި އެދަައުލަތުގައި ހިމެނޭ، ރައްޔިތުންގެ މައްޗަށް އަމާނާތްތެރިވެ ރައްކާތެރިކަން ކަށަވަރުކޮށްދީ ނަފްސާނީ ގޮތުންނާއި ޞިއްޙީގޮތުން ފުދުންތެރި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ނިޔަތާއި ޢަޒުމު އަދި އެޤާބިލުކަން ވެރިކަމުގައި ހުންނަށްޖެހެއެވެ. ނަމަވެސް ރައްޔިތުންގެ ފަރާތުން އިވޭ ޝަކުވާތަކަށް ބަލާއިރު، ފެންނަނީ ކޮންމެ ސަރުކާރަކުން ވެސް ދައުލަތް ހިންގުމުގައި ޕާޓީގެ ސިޔާސަތު އިސްކޮށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކަށް ވުރެ ބޮޑަށް އަމިއްލަ މަޞްލަޙަތު އިސްކުރާތަނެވެ. ކުށުގެ ވެށި ޙިމާޔަތްކުރުމަށް ދައުލަތުގެ (ރައްޔަތުން ޚަޒާނާ އިން) އެއް ޚިޔާނާތްތެރިވެ އެ ފައިސާއިން އެކްޓިވިސްޓުން އުފައްދައި ކުށުގެ ވެށި ބާރުވެރި ކުރުވާތަނެވެ. ސިޔާސީ މަޤުޞަދުތައް ޙާޞިލްކުރުމަށް ލިމިޓެއް ނެތި ދައުލަތުގެ މުދަލާއި ފައިސާ އަދި ނުފޫޒު ބޭނުންކުރާ ތަނެވެ. ދައުލަތް ރައްކާތެރިކޮށް ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ސިވިލްސަރވެންޓުން ތިބި ނަމަވެސް، މަސައްކަތެއް ނެތް ޒިންމާއެއް ނެތް ބޮޑެތި މަޤާމުތައް އުފައްދައި ،ބޮޑެތި މުސާރަ އާއެކު އެކްޓިވިސްޓުން ނަށް 35000 ( ތިރީސް ފަސްހާސް މަގަކުން, 40000 ) ސާޅީސްހާހުން މުސާރަޔާއި ޢިނާޔަތްތައް އަދި ރީލޯޑް ވެސް ދެމުންދާ ތަނެވެ.
ތަޢުލީމީ ޝަރުޠެއް، ތަޖުރިބާއެއް ބޭނުމެއް ނުވެއެވެ. ފުލުހުންގެ އޮފީހުން ކުރިމިނަލް ރެކޯޑެއް ބަލާލުމެއްވެސް ނެތެވެ. ޝަރުތަކީ ޕާޓީއަށް ސޮއިކޮށް ޕާޓީގެ ބޮޑުން ބުނާ މަސައްކަތެެއް ކޮށްދިނުމެވެ. ޕާޓީ ޕްރޮމޯޓު ކޮށްދިނުމެވެ. ވެރިމީހާ ޕްރޮމޯޓުކޮށް ދިނުމެވެ. ޕާޓީ ގެ ނުފޫޒުހުރި މީހެއްގެ ޚިދުމަތުގައި ހުރުމެވެ. މިޤައުމުގައި ކޮންމެ އަހަރަކު ސްކޫލް ތަކުން ނިމޭ އެތައް ސަތޭކަ ދަރިވަރުން މަތީ ތަޢުލީމް ޙާޞިލްކުރަން ޖެހޭނެކަމާއި މިޤައުމަށް ފުދޭ ވަރަށް ޑޮކްޓަރުންނާއި އިންޖިނޭރުންނާއި ސައިންޓިސްޓުންނާއި ޓެކްނިކަލް މީހުން ނެތްކަމަށް ދަނެގެން އަމާނާތްތެރި ވެރިކަމެއް ކުރުމުގެ އަޒުމާއި އެފަދަނިޔަތެއް އޮތް ނަމަ މާތްﷲ ހެކިކޮށް ކުރާ ހުވަޔަށް ތެދުވެރި ވާނެކަމަށް ކޮންމެ ރައްޔިތަކުމެ ދެކެންޖެހެއެވެ. މި ދަންނަވާ އެއްޗަކީ، ޑރ. މުއިއްޒުގެ ވެރިކަމުގައި ރަނގަޅު ކޮންމެވެސް ކަމެއް ނުކޮށްދެއްއްވާ ވާހަކައެއް ނޫނެވެ. ކުރެއްވި ރަނގަޅު އެތައްކަމެއް ހުރެދާނެ ފަދައިން ސިޔާސަތުގެ ތެރޭގައި ރަނގަޅު ކުރަން ހުރި ކިތަމެ ކަމެއް ވެސް ހުރިވާހަކައެވެ. ރަނގަޅަށް ކޮށްދެއްވި ކަންކަން ރަނގަޅަށް ކޮށްދެއްވި ކަމުގެ އިޙްސާސް ކުރެވޭނީ އެކަންކަމަށް ހުރަސް އެޅިފައިހުރި ކަންކަން ވެސް ރަނގަޅުވެގެން ކަމުގެ ވާހަކައެވެ.
![]()
