ރާއްޖެއިން ޤަތަރާއެކު އޮތް ގުޅުންތައް އިޔާދަކޮށްފި! ކީއްވެ މިހާރު؟

Loading

Facebook
Twitter
WhatsApp

ގިނަ އަދަދެއްގެ ނޫސްތަކުން ހާމަ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސަރުކާރުން މިހާރު ވަނީ އަނެއްކާވެސް ޤަތަރާއެކު ފުރިހަމަ ގުޅުންތަކެެއް ޤާއިމް ކޮށްފައެވެ. ނަމަވެސް، ސަޢުދި ޢަރަބިއްޔާގެ ވެރިން ނުރުހިދަާނެ ކަމުގެ ބިރަށްޓަކާއި އެންމެހާ ފަރާތްތަކުންވެސް އަޅާނުލާ ދޫކޮށްލަމުންދާ ކަމެއް އެބައޮތެވެ. މިކަމަކީ ރާއްޖޭގެ ސިޔާސީ މަޞްރަހަށް ބޮޑު ނުފޫޒެއް ފޯރުވަމުންދާ ކަމެކެވެ.

މުސްލިމް ޤައުމްތަކުގައި ’މުސްލިމް ބްރަދަރހުޑް‘ ފަދަ ސިޔާސީ ޕާޓީތަކަށް އެހީ ފޯރުކޮށްދިނުމުގެ ސަބަބުން ކަމަށް ބުނެ ސަޢުދި ޢަރަބިއްޔާއިންވަނީ ޤަތަރާއެކު އޮތް ގުޅުންތައް ކަނޑާލާފައެވެ. މީގެ އިތުރުން ސަޢުދި ޢަރަބިއްޔާއިން މިޞްރުގެ ’މިލިޓަރީ ޑިކްޓޭޓަރޝިޕް‘ އަށް އެއްބާރުލުން ދީފައިވީއިރު ޤަތަރުން ވަނީ ތުރުކީ ފަދަ ޤައުމުތަކާއެކު މިޞްރުގައި ’ މުސްލިމް ބްރަދަރހުޑް‘ އަށް އެހީވެދީފައެވެ.

ސަޢުދީގެ ވެރިކަމަށް ވެރިން އައްޔަން ކުރުމުގައި، މުސްލިމުން އެބައިމީހުންގެ ވެރިން ހޮވުމުގެ ޚިޔާލު ވެގެން ގޮސްފައިވަނީ މި ވެރިންނަށާއި އެމީހުންނަށް ލިބިފައިވާ ބާރުތަކަށް އޮތް ބިރެއް ކަމުގައެވެ. އެހެންކަމުން އެއްވެސް ބަޔަކު މިވެރިންގެ ނުފޫޒާއި ބާރުތަކަށް ގޮންނުޖަހާނެކަން ކަށަވަރު ކުރުމަށްޓަކައި މުސްލިމް ދުނިޔޭގައި މިވެރިންގެ ތެލުގެ ފައިސާއާއި ދީނީގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކޮށްފައިވެއެވެ.

ސަޢުދި ޢަރަބިއްޔާއިން ޤަތަރާއެކު އޮތް ގުޅުންތައް ކަނޑާލިކަން ހާމަކުރުމާއެކު ރާއްޖެފަދަ ނިކަމެތި މުސްލިމް ޤައުމްތަކަށް މަޖުބޫރު ވެގެން ދިޔައީ ސަޢުދީގެ ސިޔާސަތު ތަކާއި އެއްގޮތަށް ޢަމަލު ކުރުމަށެވެ. ޓްރަމްޕު އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ވެގެންދިޔައީ ސަޢުދީއަށްވެސް ލިބުނު މޮޅަކަށެވެ. ސަބަބަކަށްވީ އިންސާނީ ޙައްޤުތަކާއި ދިރިއުޅުމުގެ އުޞޫލުތަކުގެ މައްޗަށް ފައިސާ އިސް ކުރާ ވެރިޔަކާއި ސަރުކާރަކާއެކު މުޢާމަލާތުތައް ހިންގަން ސަޢުދީއަށް ފުރުޞަތު ލިބިގެން ދިއުމެވެ. ސަޢުދީ އިން ވަނީ ބިމުގެ ބާރުތައް ބޭނުންކޮށްގެން ޤަތަރުގެ ކުދި ޤައުމުތަށް ހިފުމަށް ރާވާފައެވެ. ނަމަވެސް އޭރު ތުރުކީއިން ވަނީ ސަޢުދީގެ ފަރާތުން ކުރިމަތިވެދާނެ ހަމަލާއަކުން ރައްކާތެރި ކޮށްދިނުމުގެ ގޮތުން ތުރުކީ ސިފައިން ޤަތަރަށް ފޮނުވާފައެވެ. ޤަތަރު ހިފުމަށް ސަޢުދީއިން ރާވަމުންއައި ރޭވުންތައް ފުރަތަމަ ނާކާމިޔާބު ވެގެން ދިޔައީ އެފަހަރުއެވެ. އޭގެފަހުންސަޢުދީއިންވަނީ ޓްރަމްޕުގެ އެހީއާއި އެކު ޤަތަރަށް ފިއްތުންތައް ކުރިމަތި ކުރުވަން މަސައްކަތް ކޮށްފައެވެ. މިމީހުން މަސައްކަތް ކުރީ ގައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ އަހުލުވެރިންނަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދެމުން ދިޔަ ޖަމިއްޔާތަކާ ދިމާކޮށްލައިގެން ޤަތަރު ”ކުޑަ ކަކޫ މައްޗަށް ތިރިކޮށްލުމަށެވެ“.

ޖޯއީ ބިޑެން އާއި ’ލެފްޓް ވިންގ‘ ޑިމޮކްރެޓިކް ޕާޓީއަކުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ސަޢުދި ޢަރަބިއްޔާގެ ’ގެޓް އައުޓް އޮފް ޖެއިލް ފްރީ ކާޑް‘ ގެ ނިމުުން އައެވެ. އިންތިޚާބު ކާމިޔާބު ކުރި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއިން ވަނީ ސަޢުދީ ޕްރިންސް މުޙައްމަދު ބިން ސަލްމާނާއި އޭނާގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވަޢުދު ވެފައެވެ. ޕްރިންސް ސަލްމާންގެ މައްސަލައަކީ ހަމައެކަނި ޤަތަރު ހިފުމަށްޓަކައި ކުރިމަތި ކުރުވި ހަމަލާތައް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އޭނާ ވަނީ ސަޢުދީ އާއި ޤަތަރުގެ ދެމެދު އޮތް ގުޅުން، ޣައިރު ޤާނޫނީ އުޞޫލަކުން ކަނޑާލާފައެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށް ވެގެންދިޔައީ ބަނޑުހައި ހޫނުކަމުގެ ސަބަބުން އެތައް ހާސް ކުޑަކުދިން މަރުވެގެން ދިއުމެވެ. ހަމައެއާއެކު ’ދަ ވަށިންގ ޕޯސްޓް ނިއުސް‘ ގެ ނޫސްވެރިޔާ ޖަމާލް ކަޝޯއްގި މަރާލުމުގައި މުޙައްމަދު ބިން ސަލްމާންގެ އަތެއް ވާތީ އެމައްސަލަ ބެލުމަށް އެ ޕާޓީއިން ވަނީ ވަޢުދު ވެފައެވެ.

Saudi Airstrikes on Yemen civilian population

މި ކަންކަމުގެ ސަބަބުން ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ސަޢުދީއަށް އަމާޒުވެފައި ވާތީ، ދިވެހި ރާއްޖެއާއި އިންޑިއާގެ އިތުރުންސަޢުދީއާއި ގުޅުން އޮންނަ މިނޫންވެސް ’ރައިޓް ވިންގ‘ ސަރުކާރުތައް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ސަޢުދީގެ އައު ޑިމޮކްރެޓިކް ޕާޓީއިން ދިނުމަށް ރާވާފައިވާ އަދަބުތަކުން ބަރީޢަވެގަނެ އެކަންކަމުން ސަލާމަތްވުމުގެ އުއްމީދުގައި މުޙައްމަދު ބިން ސަލްމާން އަންނަނީ އޭނާއަށް ކުރެވެން ހުރި ކަމެއްވިއްޔާ ކުރަމުންނެވެ.

މީގެ ކުރީގެ އަހަރުތަކުގައި ޤަތަރާއި އެ ޤައުމުގެ މީހުންނާއި މެދު ޓީވީތަކުގައި ނަފްރަތު ފަތުރަމުންގޮސް މިހާރު ކިޔަމުން ދިޔަ ލަވަ ބަދަލުކޮށްލާ ޤަތަރު އަލުން އަނބުރާ ’ޖީ.ސީ.ސީ'(ގަލްފް ކޯޕަރޭޝަން ކައުންސިލް) އަށް އައުމަށް ސަޢުދީއިން ދަޢުވަތު ދެމުންދާ ސަބަބީވެސް މިއީ އެވެ. ޤަތަރާއެކު އަލުން ސަޢުދީގެ ސަރުކާރުން ގުޅުންތައް އިޔާދަކުރުމަށް މަސައްކަތް ކުރަމުންދަނީ ޔަޤީނުންވެސް އަވައްޓެރި މުސްލިމުން ކަމުގައި ވާތީ އޮންނަ ލޯބީގެ ސަބަބުންނެއް ނޫނެވެ. ސަޢުދީއިން މި ގޮތަށް ނިންމާފައިވަނީ ޕްރިންސް މުޙައްމަދު ބިން ސަލްމާނާއި އޭނާގެ ގާތް ފަރާތްތަކާއި ދެކޮޅަށް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއިން ރާވާފައިވާ ކަންތައްތަުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާއި ބިރުގެ ސަބަބުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް