ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޝިފުލް (40އ) އާއި ސަޖިބް (32އ) އެވެ.
މި ދެމީހުންނަކީ މަސްތުވާތަކެއްޗާއި މަނާބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެމީހުންނެވެ.
މި ދެމީހުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1105 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
![]()
