ރައީސް ޓްރަމްޕް ބަލި ގަބޫލު ނުކުރެއްވިޔަސް ވެރިކަން ބަދަލުކުރުމުގެ ކަންތައް ކުރިއަށްދާނެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރެއްވިޔަސް ވެރިކަން ބަދަލުކުރުމުގެ ކަންތައް ޖެނުއަރީ 20 ގައި ކުރިއަށްދާނެކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑެން ކާމިޔާބު ހޯއްދަވާފައިވާކަމަށް ކޮންގްރެސްއިން ނިންމުމުން ރައީސް ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާކަމަށާއި ކޮންގްރެސްގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅުކަމަށް ވިދާޅުވެފައެވެ.

ބައިޑެން އެމެރިކާގެ 46 ވަނަ ރައީސް

އެމެރިކާގެ ކޮންގްރެސްއިން މިއަދު ވަނީ ޖޯ ބައިޑަން އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ތަސްދީގުކުރައްވާފައެވެ. އަދި ބައިޑެންއަކީ އެމެރިކާގެ 46 ވަނަ ރައީސްކަމަށް ކަނޑައަޅާފައެވެ. ހުވައި ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ މި މަހު 20 ވަނަ ދުވަހުގައެވެ. ރައްޔިތުންގެ ވޯޓުން ވެސް ކުރި ހޯއްދެވީ ބައިޑެންއެވެ. އެމެރިކާގެ ރައީސަކަށް ހޮވޭނީ އެލެކްޓޯރަލް ކޮލެޖް ވޯޓުގެ އަޣުލަބިއްޔަތުންނެވެ. އެ ވޯޓުން ބައިޑަންއަށް 306 ވޯޓު ލިބިވަޑައިގެންނެވި އިރު ޓްރަމްޕަށް ލިބިވަޑައިގަތީ 232 ވޯޓެވެ.

ބައިޑެންއަކީ ކުރިއަށް އޮތް ދައުރު އެމެރިކާގެ ރައީސްކަމަށް ކަނޑައެޅުމުން އެމެރިކާގައި ބޮޑެތި ހަމަނުޖެހުންތައް މިއަދު ހިންގާފައިވެއެވެ.

ވޮޝިންޓަންގެ ފުލުހުންގެ ވެރިޔާ ރޮބަޓް ކެންޓީ ވިދާޅުވިގޮތުގައި އެމެރިކާގެ ޕާލަމެންޓު (ކޮންގްރެސް) އިމާރާތް ކެޕިޓޮލް ހިލް ދޮށަށް އެއްވެ، ޓްރަމްޕަށް ތާއިދުކުރާ މީހުން ވަނީ ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިންގާފައެވެ. އެކަންތައްގަނޑުގެ ތެރޭގައި ހަތަރު މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

ފުލުހުންގެ ވެރިޔާ ވިދާޅުވިގޮތުގައި އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގި 52 މީހުން ވަނީ ބަންދުކޮށްފައެވެ. އެމީހުންގެ މައްޗަށް ކާފިއުއާއި ދެކޮޅަށް ނިކުތުމާއި ގާނޫނާއި ޚިލާފު ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ކުރެވޭނެއެވެ.

ޖަރުމަނުގެ ޗާންސެލަރގެ ހިތާމަ

މިއަދު އެމެރިކާގައި ހިނގި ހަމަނުޖެހުމާ ގުޅޭ ގޮތުން ޖާމަންގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވީ ރައީސް ޓްރަމްޕް ބަލި ގަބޫލު ނުކުރެއްވިކަމާމެދު އެކަމަނާ ހިތާމަފުޅު ކުރައްވާކަމަށެވެ. އަދި ކެޕިޓޮލް ހިލްގައި ހިނގި ހަމަނުޖެހުންތަކާމެދު ވަރަށް ކަންބޮޑުވެ ހިތާމަކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި ޕާލަމެންޓަށް ހަމަލާ ދިން މީހުންނަށްވުރެ އެމެރިކާގެ ޖުމްހޫރިއްޔާގެ ބާރު މާގަދަވާނެކަމަށް ވެސް ވިދާޅުވިއެވެ.

ޓްރަމްޕަށް ސޯޝަލް މީޑިއާގެ އަދަބު

ވޮޝިންޓަންގައި ހަމަނުޖެހުންތައް ހިންގި މީހުންގެ ދިފާއުގައި ރައީސް ޓްރަމްޕް ސޯޝަލް މީޑިއާ ބޭނުންކުރެއްވުމުން ޓްރަމްޕްގެ ސޯޝަލް މީޑިއާގެ ހުރިހާ އެކަންޓެއް މިއަދު ބްލޮކް ކުރެވުނެވެ. ޓްވިޓާ 12 ގަޑިއިރަށް ބްލޮކް ކުރިއެވެ. އަދި ޓްވިޓާއިން ވަނީ ޓްރަމްޕްގެ އެކައުންޓްތައް ދާއިމީ ގޮތެއްގައި ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ. ފޭސްބުކުން ޓްރަމްޕްގެ އެކައުންޓް ބްލޮކް ކުރީ 24 ގަޑިއިރަށެވެ.

ކެނެޑާއިން ހިތާމަކޮށްފި

އެމެރިކާއާ އަވަށްޓެރި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެމެރިކާގެ ޕާލަމެންޓަށް ދިން ހަމަލާ ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާގައި ޖުމްހޫރިއްޔަތު ދެމިއޮންނަންޖެހޭކަމަށެވެ. އަދި އެމެރިކާގެ ޖުމްހޫރިއްޔަތަށް ދިން ހަމަލާއާ ގުޅިގެން ކެނެޑާ މީހުން ތިބީ ވަރަށް ކަންބޮޑުވެ ހިތާމައިގައި ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޕާލަމެންޓް އިމާރާތަށް ޓްރަމްޕަށް ތާއިދުކުރާ ގުންޑާއިންތައް ވަނުމާ ގުޅިގެން ވޮޝިންޓަން ޑީސީގައި މިއަދު ކާފިއު ހިންގަންޖެހުނެވެ.

ނޮވެމްބަރ މަހު ބޭއްވި އިންތިޚާބު ބައިޑެން ވަގަށް ނެންގެވީކަމާށާއި ނަތީޖާ ގަބޫލު ނުކުރައްވާނެކަމަށް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ބާރާއި ނުފޫޒުން އިންތިޚާބު ދަމައިގަތީކަމަށް އިންތިޚާބު ނިމުނީއްސުރެ ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އޭނާއަށް ތާއިދުކުރާ މީހުން ލޭކެކޭ ފަދަ ވާހަކަތައް ޓްރަމްޕް ގެންދަވަނީ ދައްކަވަމުންނެވެ. މިއަދު އެމެރިކާއިން ފެނިގެންދިޔައީ އޭގެ ހިތި ނަތީޖާކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއަދަކީ އެމެރިކާގެ ތާރީޚުގައި ކުރިމަތިވި ކަޅުދުވަހެއް ކަމަށް ވެސް ސިފަކުރެވެމުން އެބަދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް