ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ: ހުކުން އިއްވުން މިމަހު 14ގައި

15

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ، މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ޖޫރިމަނާ ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުން އިއްވުން މި ޖެނުއަރީ މަހުގެ 14 ވާ ބުރާސްފަތި ދުވަހު ބާއްވާގޮތަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުން ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރިފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުން މިދިޔަ ސެޕްޓެމްބަރު މަހު ނިންމިކަމަށް ވިޔަސް އަދި މިހާތަނަށް އޮތީ ހުކުން ނީއްވައެވެ.

އިސްތިއުނާފު އަޑުއެހުންތައް ނިމުނުތާ އެތައް މަހެއް ފާއިތުވެގެން ދިޔައިރުވެސް ހުކުން ނުކޮށް ލަސްކުރަމުންދާތީ ޕީޕީއެމް، ޕީއެންސީ، ކޯލިޝަނުންނާއި މަޖިލިސްގެ ބައެއް މެންބަރުންނާއި ރައީސް ޔާމީންގެ ވަކީލުން އެކަމާ ހިތް ހަމަނުޖެހިގެން އަޑުއުފުލަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ޚުލާޞާ ބަޔާން ހުށަހެޅުމަށް ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުން ސާބިތުނުވާނެކަމަށް ބާރުލިބޭ ވަރަށް ގިނަ ޕޮއިންޓުތަކެއް ހައި ކޯޓުގައި ބަޔާންކޮށްދެއްވާފައެވެ. އަދި ތަހުގީގު ނުކުރާ މައްސަލައެއްގެ ޝަރީޢަތް ޔާމީންގެ މައްޗަށް ކޮށް ހުކުން ކޮށްފައިވާކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރ ޖަމާކުރި އެސްއޯއެފް ކުންފުންޏަކީ ގާނޫނާ ޚިލާފު ވިޔަފާރިއެއް ކުރާ ކުންފުންޏެއްކަމަށާއި އެކުންފުނިން ގެންގުޅޭ ފައިސާއަކީ ގާނޫނާޚިލާފު ވަގު ފައިސާތަކެއް ކަމަށް މިހާތަނަށް އެއްވެސް ކޯޓަކުން އަދި ސަރުކާރުގެ އެއްވެސް މުއައްސިސާއަކުން ބުނެފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި އެސްއޯއެފުން ފައިސާ ޖަމާކުރި އެއްވެސް އެކައުންޓެއްގެ ވެރިފަރާތާ ދެކޮޅަށް ދައުވާއެއްކޮށް ހުކުމެއް އިއްވާފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. ކަން އެހެން އޮތްއިރު ރައީސް ޔާމީނުގެ މައްޗަށް ދައުވާ އުފުލައި ހުކުމެއް ކުރަންޖެހުނު ސަބަބާމެދު ވަކީލުން ގެންދަނީ ސުއާލު އުފައްދަމުންނެވެ. އޭގެއިތުރަށް ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ޒިޔަތަކީ ރައީސް ޔާމީންގެ އަދުއްވުން ކަމަށްވާތީ އެމީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށްވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ޕަބްލިކް ޕްރޮސިކުއުޓަރ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރަކީ ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓަށްވާ ފައިސާ ކަމަށާއި އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުވާފައިވަނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ