ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ރައްޔިތުން އަޑުއުފުލަންޖެހޭ: ޑރ. ޖަމީލު

Loading

Facebook
Twitter
WhatsApp

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ރައްޔިތުން އަޑުއުފުލަންޖެހޭ ކަމުގައި ރާއްޖޭގެ ނައިބު ރައީސްކަން ކުރީން ކުރައްވާފައިވާ މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

”ދި ޓީވ.“ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު ވިދާޅުވީ އެމްޑީޕީގެ ދިރާސާތަކަށްބަލާއިރު އެޕާޓީއަށް އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެއެވެ. އެހެންވެ އިންތިޚާބު ލަސްކުރުމަށް އެޕާޓީން ދަނީ މަސައްކަތްކުރަމުންނެވެ.

ޑރ. ޖަމީލު ވިދާޅުވިގޮތުގައި އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވާތީ އެމްޑީޕީން ދަނީ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އިންތިޚާބު ލަސްކޮށް އިންތިޚާބު ނުބޭއްވޭނެ ހުރިހާގޮތެއް ހަދަމުންނެވެ.

ލޯކައުލް ކައުންސިލް އިންތިޚާބާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފާއިތުވި 2020 ގެ މާރިޗު މަހު ބާއްވަން ކުރިން ކަނޑައަޅާފައި އޮތަސް ކޮވިޑް-19 އާ ގުޅިގެން އިންތިޚާބު ބޭއްވުން ފަސްކުރުމަށް ގާނޫނަށް ބަދަލުގެނެސްގެން ވަނީ ކަނޑައަޅާފައެވެ.

ޚަބަރު ލިބިފައިވާގޮތުގައި އިލެކްޝަން ކޮމިޝަން (އީސީ)އިން މިހާރު މަސައްކަތްކުރަމުންދަނީ ކުއްލި ނުރައްކަލުގެ ގާނޫނު ހިންގާފައި އޮތަސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅައި އިންތިޚާބު ބޭއްވުމަށެވެ. އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް އީސީން ދަނީ ކުރަމުންނެވެ. މިދިޔަ އަހަރު ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މިއަހަރުގެ މޭމަހުގެ 10ގެ ކުރިން އިންތިޚާބު ބާއްވަންޖެހެއެވެ.

ގާނޫނު އިސްލާހުކޮށްގެން އިންތިޚާބު ބޭއްވުމާ ގުޅޭ ވާހަކަ ދެކެވެމުންދާއިރު، ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ތިއްބެވީ ޗުއްޓީގައެވެ. މަޖިލިސްގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެތެރޭގައެވެ. ނަމަވެސް ކޮންމެހެން ޖަލްސާއެއް ބާއްވަން ޖެހިއްޖެނަމަ މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތީން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އެ އިސްލާހު ފާސް ކުރެވިދާނެއެވެ.

މިއަހަރުގެ މާރިޗު މަހުގެ ހަވަނަ ދުވަހު ބާއްވަން ކަނޑައަޅާފައި އޮތް ކައުންސިލް އިންތިޚާބު މާޗު މަހުގެ 6 ވަނަ ދުވަހު ނުބޭއްވޭނެ ސަބަބެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ އިއުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދިގުދެމިގެން ދިއުމެވެ. އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚަށް ނުބޭއްވޭނެކަމަށް އެލެކްޝަން ކޮމިޝަނުން އެންގުމުން ވަރަށް ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ، އިންތިޚާބު ފަސްކުރުމަކީ ސަރުކާރުން ރާވައިގެން ގަސްތުގައި ކުރަމުންދާ ކަމެއްކަމަށެވެ. އަދި އެއީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވެދާނެތީ ކުރާކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ރައްޔިތުން މިހާރު ތިބީ ސަރުކާރާމެދު މާޔޫސްވެފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ގާއިމުކޮށްފައި އޮތަސް ގައުމުގައި ފުރަބަންދު ގާއިމުކޮށްފައި ނެތުމުން އިންތިޚާބު ބާއްވަން ނުޖެހޭ ހާލަތެއް ނެތްކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް