އަދާލަތު ޕާޓީގެ މަޝްވަރާމަޖިލީހުން ދުސްތޫރަށް ގެނައި ބަދަލުތައް ކޯޓަށް!

73

އަދާލަތު ޕާޓީގެ ދުސްތޫރަށް މިދިޔަ ހަފުތާގައި ގެނެވުނު ބަދަލުތަކާބެހޭގޮތުން އެޕާޓީގެ ގިނަ މެމްބަރުންގެ ކަންބޮޑުވުންތަކެއް އިލެކްޝަން ކަމީޝަނާރއަށް ލިބި ބަލަމުންދާކަމަށް އިލެކްޝަނުން ބުނެފިއެވެ.

އީސީގެ ކަމިޝަނަރު ޝަރީފު ވިދާޅުވި ގޮތުގައި އެމެންބަރުންގެ ހިތްހަމަނުޖެހޭ މައިގަނޑު ޝަކުވާއަކީ ވަކި މީހަކަށް ބާރުތައް ލިބޭ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ޕާޓީގެ ތެރޭގައި ކުރިޔަށް ދިއުމެވެ. ޕާޓީގެ ކޮންގްރެސް މިއަންނަ ފެބްރުއަރީގައި ބާއްވާނެކަމަށް ނިންމާފައި ކުއްލިގޮތަކަށް ކޮންގްރެސްގެ ކުރިން ޕާޓީގެ ލީޑަރޝިޕްގެ ބާރު އޮތް މަޝްވަރާމަޖިލީހަކުން ޕާޓީގެ ދުސްތޫރަށް މިގެންނަ ބޮޑެތި ބަދަލުތަކަކީ ގަބޫލުކުރެވޭނެ ބަދަލެއް ނޫންކަމުގެ ޝަކުވާތަކެވެ. އެގޮތުން ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކަށް ގެނައި ބަދަލު، މެދުނުކެނޑި ދެ އަހަރު ޕާޓީގެ ކޮމެޓީއެއްގެ މެމްބަރަކަށް ވުމާއި ޕާޓީގެ ރައީސްގެ ރުހުންލިބި ނަން ހުށަހެޅޭ މެމްބަރަކަށް ނޫނީ ޕާޓީގެ ނައިބުރައީސްކަމަށް ނާދެވޭގޮތަށް ބަދަލުގެނައުން ހިމެނޭކަމަށްވެސް، ޝަކުވާ ހުށައެޅި ބައެއް މެމްބަރުން ބުނެފައިވެއެވެ.

“މައިގަނޑު ޝަކުވާއެއް އޮތީ ވަކިމީހަކު ބޭނުންވާގޮތަށް ހުރިހާކަމެއް ދާގޮތަށް ދުސްތޫރު ބަދަލު ކުރަަމުންދާ ކަމަށް. އެކެއްގެ މުށުތެރޭގައި ހުރިހާ މަގާމްތަކެއް ބެހެއްޓުމަށް ދުސްތޫރު ބަދަލުކުރަމުން ދިއުން،” ޝަރީފް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ ޝަކުވާތަކަށް އީސީއިން ވަކިޖަވާބެއް ނުދެއެވެ. ސަބަބަކީ އަދާލަތު ޕާޓީގެ އަސާސީ ގަވައިދަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަން އެ ޕާޓީން އީސީއަށް ހުށަހަޅާފައި ނުވާތީ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އަދާލަތު ޕާޓީ އުފެއްދުމުގައި ފުރަތަމަ 30 މެމްބަރުންގެ ތެރޭގައި ހިމެނޭ ސީނިއަރ މެމްބަރަކު ސަންދާނަށް ކިޔައިދެމުން ބުނީ މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއްކަމަށެވެ. އެހެނީ މިގޮތަށް ވަކިބަޔަކު ޕާޓީ ހިސޯރުކޮށްގެން ޕާޓީހިންގަން މަސައްކަތެއްނުކޮށް ޕާޓީ ބޭނުންކޮށްގެން ކޯލިޝަންހެދޭ ކޮންމެ ސަރުކާރަކުން އިއްސަފުގައި ތިބޭ 20އަކަށް ބޭފުޅުންނަށް ބޮޑެތި ވަޒީފާ ލިބުމުން އެނިމުނީކަމުގައި ދެކޭތީއެވެ. އަދިވެސް އިތުރަށް ބުނީ މިހާރު މިޕާޓީ އޮންނަތާ 16 ވަރަކަށް އަހަރުވާއިރު ދިހަހާސްމީހުން ހަމަނުކުރެވި އޮންނައޮތުމަކީވެސް ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އުސޫލުތައް ނެތުންކަމަށެވެ.

މިހެން ޚުދުމުޚުތާރުގޮތަކަށް ޕާޓީހިންގުމަކީ ޕާޓީގެ ޢާންމުމެމްބަރު ބޭނުންވާގޮތެއްނޫންކަމާއި، ޕާޓީގެ ރައީސް އިމްރާނު މޭޑޭގެ މުޒާހަރާއާއި ގުޅިގެން ޖަލަށްލުމުން އަޚުވަތްތެރިކަމުގައި ޝަކުވާތަކެއްނެތި ތިބީކަމާއި އެހެނަސް މިހާރު ލީޑަރޝިޕް ޒިންމާދާރުކުރުވަން ޖެހިއްޖެކަމުގައި އޭނާދެކެއެވެ. އިތަރަށް އޭނާގެ އިޙުސާސުތައް ޙިއްސާކުރަމުން ކިޔައިދިންގޮތުގައި މިހާރު ގިނަކަންތަކެއް އޮޅުވާލުމެއްގެތެރޭގައި ލީޑަރ ޝިޕުން ކުރެއެވެ. އެގޮތުން މިހާރު އޮތް ލީޑަރޝިޕަކީ ޕާޓީގެ އަސާސީ ބުނާގޮތުން ޙައިސިއްޔަތު ގެއްލިފައިވާ ލީޑަރޝިޕެކެވެ. އެހެނީ ލިޑަރޝިޕްގެ ދައުރަކީ 5 އަހަަރު ދުވަސްކަމަށްވާއިރު 17 ޖުލައި 2016 ގައި ދައުރުވަނީ ނިމުމަކަށް އައިސްފައެވެ. ނަމަވެސް 16 އޮގަސްޓް 2016 ގައި މަޝްވަރާ މަޖިލީސްގެ 101 ވަނަ ބައްދަލުވުމުގައި ގައުމީމަޖިލިސް ލަސްކުރަން ނިންމީ. މިއަދާހަމައަށްވެސް ޕާޓީ ހިނގަމުން ގެންދަވަނީ ޕާޓީގެ ދުސްތޫރާއި ޚިލާފަށްކަމުގައި ބުނެއެވެ. “ދައުރު ނިމުނީމާ އެނިމުނީ. ދެން ހަމައެކަނި އޮންނާނީ ޢިލްމުވެރީންގެ މަޖީލީސް. އެހެނީ އިލްމުވެރިން މަޖިލީހަކީ އެބޭފުޅެއްގެ ޢުމުރަށް ނުވަތަ ޕާޓީގެޢުމުރަށް އައްޔަންކުރެވޭ މަޖިލިސްއެއްކަމުގައި ދުސްތޫރުގައި ބަޔާންކުރެވިފައިވާތީއެވެ.

މިވަގުތު ނަންހާމަކުރަން ބޭނުންނޫންކަމުގައި ބުނެ އޭނާ ބުނީ އީސީއިން މިކަމުގައި ޕާޓީގެ އަސާސްގައިވާގޮތަށް ނުނިމިއްޖެނަމަ ޝަރިއަތުގެ މަރުޙަލާއަށް ގޮސްގެންނަމަވެސް މިހިންގާ ޣައިރު ދުސްތޫރީ ކަންތަށް ހުއްޓުވާނެކަމުގައެވެ. މިކަމާބެހޭގޮތަުން ބަހެއްހޯދުމަށް ޢަދަލަތުޕާޓީގެ އޮފީހާގުޅުމުން ބުނީ އެފަދަކަމެއް، އެޝަކުވާތަކަކީ އަސާސްއެއްނެތް ވާހަކަތަކެއްކަމުގައެވެ.

 

3 ހިޔާލުތައް

  1. މިވަނީ ކިހިނެއްތޯއެވެ. ޢަދާލަތަކި ދިވެހިރާއްޖޭގައި ދީނީ ޕާޓީއެއްގެ ގޮތުގައި މީހުން ދެކުނު ޕާޓީއެކެވެ. ދެން މިފަދަ ގޮތަކަށް ޕާޓީގެ އެތެރޭގެ ހާލަތު އޮތުމުންކަމަށް މިހާރު އެބަ ގަބޫލުކުރެވޭ މިދިޔަ މަޖިލިސް އިލެކްޝަންގައި އެންމެ ގޮނޑިއެއްވެސް ނުލިބި ބޮޑުތަނުން ފޭލްވީ. އަނާރާ ގޮނޑީސަލާމަތްކޮށްނުދެވުނު ލީޑަރ ޝިޕްއެއް ޒިންމާ ވެސް ނުނަގާ ގޭމްޖައްސާ ލީޑަރޝިޕަކަށް ވީމަ ވަރަށް ދެރަވަރެވެ. އަދާލަތަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.

  2. ބޭނުންހާ ސަކަރާތެއް ޖަހައިގެން ފުނޑާލަންދެން ކުޅިބަލަންތިބެނީތަ؟ޕާޓީގެ އޮފީސް މެމްބަރުންގެ ބާރުދށައް ގެންނަންވީނު!!

  3. ކޮންމެ ބޭފުޅެއްވެސް ޕާޓީގެ ވެރިކަން ލިބުނީމާ އެބޭފުޅެއްގެ ހަރުމުދާގަޑަކަށް ހައްދަވާތީ އެކިޔާ ޑިމޮކްރަސީ އާލާނުވަނީ. ބާރަކީ ވަރަށް ޚަރާބު އެއްޗެކެވެ. ހަމަ ވަރަށް ފޮނި އެއްޗެކެވެ. ދެކެބަލަ އަނެއްދިވެހި ރާއްޖެ ގެނެސްދޭން އުޅުއްވި ސޮރަށްވެސް ވެރިކަމުގައި ހޭކިލަން ލިބުނީމާ އަދިވެސް އެއުޅުއްވަނީ އެކަމާހެދި ނިދިނައިސްގެން. ދެރައީ ޝެއިޚު އިމްރާނަށްވެސް އެހެންވިކަން. އަދާލަތުގެ އަދާލަތުކަމާއިމެދު ރައްޔަތުން ސުވާލުއުފަށްދައިފިއެވެ. ދެރަކަމެއް!!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ