މުޖުތަމަޢުގައި ފެތުރިފައި ހުރި އެތައް ބަލިތަކެއްގެ ނުބައި އަސަރު، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު، އެތައް ގުނައެއް އިތުރުވެފައިވާކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ، ވަޒީފާ ނެތް ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ނަފްސާނީ ބަލީގެ މައްސަލަތަކުގެ ސަބަބުން، ވަކިވަކި ފަރުދުންނާއި ޢާއިލާތައް އުފުލަންޖެހޭ ތަކުލީފުތައްވެސް ވަނީ، އެތައް ގުނައެއް ބޮޑުވެފައިކަމަށެވެ.
”މިކަންކަން ޙައްލުކުރުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގެ ނަތީޖާ ޙާޞިލު ކުރުމަށްޓަކައި، ޢާއިލާގެ ތެރޭގަޔާއި ފަރުދީ ފެންވަރުގައިވެސް، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.“ ރައީސް ޞާލިޙުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. ”ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ، އަޅުގަނޑުމެން ކުރި ހުރިހާ އުންމީދުތަކެއް ޙަޤީޤަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، ރާއްޖޭގެ ޙާލަތާ މެދު ވިސްނައި، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެކެވެ. މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިދާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޤައުމު ފުރަބަންދުކުރަން ޖެހުމުން، އެންމެ ބޮޑަށް އިޙްސާސް ކުރެވުނީ، ރާއްޖޭގެ އިޤްތިޞާދުގެ ނާޒުކު ކަމެވެ. ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމަނުކުރެވި ހުރުމުން، ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކާއި، ރައްޔިތުންގެ ޙައްޤުތައް ގެއްލިގެން ދިޔަ މިންވަރު ވަޒަންކުރެވުނެވެ.“
ރައީސްގެ ޚިޠާބުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
”ކޯވިޑްގެ ވެކްސިނާއެކު، މިބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދު އައުވަމުން އަންނައިރު، ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި، ޤައުމީ އާމްދަނީ އިތުރުކުރުމަށްޓަކައި، މުޅި ޤައުމު އެކުގައި އެއް ޢަޒުމެއްގައި ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި ބައިވެރިވެދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެކެވެ.
ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ، އަޅުގަނޑުމެން ކުރި ހުރިހާ އުންމީދުތަކެއް ޙަޤީޤަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، ރާއްޖޭގެ ޙާލަތާ މެދު ވިސްނައި، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެކެވެ.
މިފެށުނު 2021 ވަނަ އަހަރާ އަޅުގަނޑުމެން މިކުރިމަތިލަނީ، ޤައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައެވެ. ވަކިން ޚާއްޞަކޮށް، އަސާސީ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ ޢަޒުމާ އެކުގައެވެ.
ރައީސް ވިދާޅުވިގޮތުގައި އިޤްތިޞާދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތު މިހާރަށް ވުރެ ފުޅާކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމަކީ، މި އަހަރުގެ އެންމެ ބޮޑު އަމާޒެވެ.
ތަރައްޤީގެ މަޝްރޫޢުތައް ތިމާވެށްޓާ އެއްކީލިކުރުމަކީވެސް، މިއަހަރުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަވަމުން ދާއިރު، އޭގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ، ޤައުމުގައި ހުރި ބޮޑެތި އިޖުތިމާޢީ މައްސަލަތައްވެސް ޙައްލު ކުރެވިގެންކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
”މަސްތުވާތަކެތީގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކާއި ތަފާތު ގަނާތައް ހުއްޓުވުމަށް، ޢަމަލީ ގޮތުން މަސައްކަތްކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ، މިއަހަރުގެ ޢަޒުމްކަމުގައި ކަނޑައަޅަމާތޯއެވެ. މުޖްތަމަޢުގެ އުފާވެރިކަމާއި ހަމަޖެހުން ޤާއިމުކުރެވޭނީ، ކުޑަކުދިންނާއި އަންހެނުންނަކީ، އަޅުގަނޑުމެން އެންމެންގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެންކަން ޔަޤީނެވެ.“ ރައީސްގެ އައު އަހަރުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.