ޝަކުވާ ބޮޑުވެ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ލަސްކޮށްފި

Loading

Facebook
Twitter
WhatsApp

ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި އިއުލާން ނުކުރެވި ދިގުލައިގެން ދަނީ، ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހުމުން ކަމަށް ފްލެޓު ކޮމިޓީން އިއްޔެ ވިދާޅުވެއްޖެއެވެ.

އެ ކޮމިޓީން ކުރިން ވިދާޅުވެފައި ވަނީ ހުރިހާ ކެޓަގަރީއެއްގެ ވެސް ދާއިމީ ލިސްޓު މި ޑިސެމްބަރ މަހު ނެރޭނެ ކަމަށެވެ. ނަމަވެސް. ދިރާސާކޮށްފައިވާ ދާއިމީ ލިސްޓުތައް ދެން ނެރޭނީ ހުރިހާ ޝަކުވާތަކެއް ބަލައި ލިއުމުން ޖަވާބު ދިނުމަށް ފަހު ކަމަށް ކޮމިޓީން އިއްޔެ ވިދާޅުވިއެވެ.

ދިރިއުޅުމުގެ ހާލަތަށް ކަނޑައެޅި 30 ޕޮއިންޓް ދިން މިންގަނޑު އާއްމުކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުންނެވެ. މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރުމުން ޝަކުވާއަށް ހަފުތާއެއްގެ މުއްދަތު އިއްޔެ ވަނީ ދީފަ އެވެ.

ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑާއި ގުޅޭ ޝަކުވާއެއް އޮތް ނަމަ އަންނަ މަހުގެ 5 އާ ހަމައަށް ހުށަހެޅޭނެ ކަމަށް ފްލެޓް ކޮމޮޓީއިން ހާމަކުރެއެވެ.

ހުޅުމާލޭގައި އިމާރާތްކޮށް މިހާރު ނިމިފައިވާ ފްލެޓްތަކަށް 25،000 އަށް ވުރެ ގިނަ މީހުން ފޯމު ލި އެވެ. މީގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓުތައް އިއުލާންކޮށް ފްލެޓު ކަށަވަރުވި ކަމުގެ ލިއުން ވެސް ކުރީގެ ސަރުކާރުގެ ބަދަލުވުމުގެ މަރުހަލާގައި ބައެއް މީހުންނަށް ދޫކުރި އެވެ. އެކަމަކު ފްލެޓްތައް ދޫކުރީ ދިރިއުޅުމުގެ ހާލަތު ވެސް ނުބަލައި ބޭނުން ބަޔަކަށް ކަމަށް ބުނެ އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ބޮޑުވިއެވެ.

އެ ޝަކުވާތައް ބަލަން މި ސަރުކާރުން ފްލެޓު ކޮމިޓީއެއް އެކުލަވާލައި ހުރިހާ ފޯމެއް އަލުން އިވެލުއޭޓްކުރީ އެވެ. މިހާރުގެ ޝަކުވާއަކީ ދެ އަހަރުވި އިރު ވެސް ކޮމިޓީގެ މަސައްކަތަށް ނުނިމިގެން ފްލެޓް ހަވާލުކުރުން ލަސްވުމެވެ.

އެޗްޑީސީން ވިދާޅުވެފައި ވަނީ، އަންނަ މާޗް މަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމައި ފްލެޓްތައް ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް