ގަލްފް ސަމިޓްގެ ދަޢުވަތު ގަތަރަށް އަރުވައިފި

Loading

Facebook
Twitter
WhatsApp

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އިން ސައުދީ އަރަބިއާގައި ބާއްވާ ގަލްފް ސަމިޓަށް ވަޑައިގަންނަވަން ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ޘާނީއަށް ދައުވަތު އަރުވައިފި އެވެ.

މިކަން އިޢުލާނު ކޮށް ޖީސީސީން ކުރި ޓުވީޓެއްގައިވާ ގޮތުން އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނާޔިފް ފަލާހް އަލް ހަޖުރަފް ވަނީ ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތެއް ޝޭހް ތަމީމަށް އަރުވާފަ އެވެ.

ޝޭހް ތަމީމް އެ ސަމިޓަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އަދި ދެއްވައިފައެއްނުވެއެވެ. ނަމަވެސް މިދިޔަ އަހަރުވެސް އެ ދައުވަތު އެރުވުމުން އަމީރުގެ ބަދަލުގައި ވަޑައިގެންނެވީ އޭރުގެ ބޮޑުވަޒީރު އަބްދުﷲ ބިން ނާސިރު ބިން ޚަލީފާ އަލް ޘާނީ އެވެ.

ޖީސީސީގައި ސައުދީ އަރަބިއާ އާއި ގަތަރުގެ އިތުރުން ބަހްރައިން، އޮމާން، ކުވައިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެ އެވެ.

2017ވަނަ އަހަރުގެ ޖޫންމަހު ސައުދީ އަރަބިއްޔާއާއި، ޔޫއޭއީ، މިސްރު އަދި ބަހްރެއިން އިން ވަނީ ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލައި، އެގައުމަށް ކަނޑުންނާއި، އެއްގަމުންނާއި، ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލައިފަ އެވެ.

އެގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ އެގައުމުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށާއި، ސަރަހައްދީ ގޮތުން އެގައުމުތަކާ އެންމެ ވާދަވެރި އީރާނާ ގާތް ގުޅުންތައް ބާއްވާ ކަމަށް ބުނެ އެވެ.

ނަމަވެސް ޝޭހް ތަމީމް ގަލްފް ސަމިޓަށް ވަޑައިގެންފި ނަމަ އެ ވާނީ ގައުމުތަކުގެ ގުޅުންތައް ރަނގަޅުވަމުންދާ ކަމުގެ ނިޝާނަކަށް ކަމަށް ޙަބަރުތަށް ދިރާސާ ކުރާ މާހިރުން ވިދާޅުވެ އެވެ.

ކޮވިޑް-19 ބަލިމަޑުކަމަށް ފަހު އެގައުމުތަކުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ސަރަހައްދުގެ އިގުތިސާދީ ކުރިއެރުމަށާއި ފްރީ ޓްރޭޑާ ގުޅުން ހުރި މަޝްވަރާތަކަށާއި އެކުވެރި ގައުމުތަކާ އެކު ފައިދާ ހުރި ގުޅުންތައް ގާއިމު ކުރުމަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް