އިންޑިއާގައި ނުރައްކާތެރި ބައްޔެއް ފެތުރި އެތައްހާސް އަސްދޫނި މަރުވެއްޖެ

40

އިންޑިއާގައި ނުރައްކާތެރި ބައްޔެއް ފެތުރި އެތައްހާސް އަސްދޫނި މަރުވެއްޖެއެވެ. އެކަމާގުޅިގެން އެ ސަރަހައްދުގެ ދަނޑުވެރިންނާއި ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް ފެތުރިފައެވެ.

ކެރެލާ ސްޓޭޓުގެ ކުއްޓަނާޑު އަވަށުގައި ގޮތް ނޭނގޭ ބައްޔެއްގައި އަސްދޫނިތައް މަރުވާންފެށީ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

މައިކްރޯ ވައިރޮލޮޖީ ޑިޕާޓްމަންޓުން ކުރި ޓެސްޓުތަކަށްފަހު އެތަނުން ހާމަކުރިގޮތުގައި އަސްދޫނިތަކަށް ޖެހިފައިވަނީ ދޫނި ރޯގާގެ ބާވަތެއްކަން ތަހުގީގަށް އަދި އެނގޭކަށްނެތެވެ.

“އަޅުގަނޑުމެން މިދަނީ އަސްދޫނިތައް މަރުވި ސަބަބުތައް ހޯދުމުގެ މަސައްކަތް ކުރަމުން.” އެތަނުގެ އިސްވެރިއަކު ވިދާޅުވިއެވެ.

އަސްދޫންޏަށް އާންމުކޮށް ޖެހޭ ބަލިބައްޔަށް ދޭ ބޭސް ދީގެން ބަލިޖެހުނު އަސްދޫނިތައް ރަނގަޅު ވާގޮތެއްނުވިއެވެ.

ކުއްޓަނާޑުގެ ކަމާބެހޭ އިސް މީހަކު ބުނިގޮތުގައި ބަލިޖެހި މަރުވި އަސްދޫނިތައް ޓެސްޓު ހެދުމަށް މިހާރު ވަނީ ބޯޕާލަށް ފޮނުވާފައެވެ. ދޫނި ބައްޔަށް ބޭސްފަރުވާކޮށް ތަހުލީލުކުރާ އެންމެ ބޮޑު މަރުކަޒު ހުންނަނީ ބޯޕާލުގައެވެ.

ކުއްޓަނާޑުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވެސް މީގެ ދެމަހެއްހާ ދުވަސްކުރިން ގިނައަދަދެއްގެ އަސްދޫނި މަރުވެފައިވެއެވެ.

ކެރެލާގެ މައި ސަރުކާރުން ވަނީ ދޫނިތައް މަރުވި ސަބަބު ހޯދުމަށާއި ދޫނިގެންގުޅޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.

ކެރެލާގެ ކުއްޓަނާޑުއަކީ އަސްދޫނި ގެންގުޅުމަށް މަޝްހޫރު އަވަށެކެވެ. އެ އަވަށުން ހަފުތާއެއްހާދުވަހުގެ ތެރޭގައި 22 ހާހަށްވުރެ ގިނަ އަސްދޫނި ވަނީ މަރުވެފައެވެ.

 

1 ހިޔާލު

  1. ސުބުޙާﷲ، ހާދަ ދެރައޭ. 2020 އަކީ ހުރިހާގޮތަކުންވެސް ވަރަށް ހިތާމަވެރި ހަލާކުގެ އަހަރެކެވެ. އިރާދަ ކުރެއްވިއްޔާ 2021 ބޮޑުތަނުން ރަނގަޅުވާނެއެވެ. އާމީން!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ