ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިޔާ ފްލޮރެސް އަސްކަރީ ބާރު ބޭނުންކޮށްގެން ގެންދިއުމަށްފަހު އެމެރިކާއިން ދެމުން ގެންދާ އިންޒާރު ތަކަށް ވެނެޒުއެލާއިން ރައްދު ދީފިއެވެ.
ވެނެޒުއެލާގެ ދައުލަތުގެ ޓީވީ އިން އާންމުކުރި ބަޔާނެއްގައި އަސްކަރިއްޔާ އިން ބުނީ ޤާނޫނު އަސާސީއަށް ވަފާތެރިވެ، ބޭރުގެ ނުރައްކާތަކުން ޤައުމުގެ އިސްތިޤްލާލް ދިފާޢުކުރަން ތައްޔާރަށް ތިބި ކަމަށެވެ.އޭގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މިގޮތުން،ވެނެޒުއެލާގެ ސަރުކާރުން އެމެރިކާއަށް އެއްބާރުލުން ނުދޭ ނަމަ އެމެރިކާއިން އެ ޤައުމަށް އަނެއްކާވެސް ޙަމަލާ ދޭން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އަދި މިވަގުތު ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ކުރީގެ ނާއިބް ރައީސް ޑެލްސީ ރޮޑްރިގޭޒް މިކަމުގައި ދައްކަވަން ޖެހޭނެ އަގަކީ، މަދޫރޯ ދެއްކެވި އަގަށް ވުރެ ބޮޑުއަގަކަށް ވެދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.ޓްރަމްޕް ގެ އިންޒާރު އައިސްފައިވަނީ މިއަދު ޑެލްސީ ރޮޑްރިގޭޒް ރައީސްކަމުގެ ހުވާކުރައްވަން ތައްޔާރު ވަމުންދާ ދަނޑިވަޅާ ދިމާކޮށެވެ.ޓްރަމްޕް ވިދާޅުވި ގޮތުގައި ”ރެޖީމް“ ބަދަލުވުމަކީ ވެނެޒުއެލާއަށް ހެޔޮބަދަލެއް ކަމުގައެވެ.ހުވާކުރެއްވުމުގެ ކުރިން ބޭއްވެވި ފުރަތަމަ ކެބިނެޓް ބައްދަލް ވުމުގައި ޑެލްސީ ރޮޑްރިގޭޒް ޓްރަމްޕަށް ވިދާޅުވީ އެސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވަނީ ސުލްހަޔާ ޑަޔަލޮގް ކަމުގައެވެ.ހަނގުރާމަ ނޫން ކަމުގައެވެ.ކުއްލި އަސްކަރީ ހަމަލާތަކެއްދީ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ސީލިޔާ ފްލޮރެސް ހައްޔަރުކޮށްގެން ޤައުމުން ބޭރަށް ގެންދިއުމަށްފަހު ޓްރަމްޕް ވަނީ އިންތިޤާލީ އިންތިޒާމުތައް ހަމަޖައްސައިދެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށް ވެސް ވިދާޅުވެފައެވެ.ނަމަވެސް މިކަން ކުރާނެ ގޮތެއް ޔަގީނެއް ނޫންކަމަށް ނޫސްރިޕޯޓްތައް ބުނެއެވެ.ވެނެޒުއެލާ ”އިސްލާހު“ ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އެ ޤައުމުގެ ސަރުކާރުން އެއްބާރުކުން ނުދޭ ނަމަ އަލުން ޙަމަލާ ދޭނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ ލެޓިން އެމެރިކާގެ ބައެއް އެހެން ޤައުމުތަކުން ވެސް އެ ފަދަ ފިޔަވަޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެ ގޮތުން ކޮލޮމްބިޔާއާއި މެކްސިކޯއިން އެމެރިކާއަށް އެތެރެވާ ޑްރަގް ގެ ޢަދަދު މަދު ނުވާ ކަމަށްވާނަމަ އެ ޤައުމުތަކާ ދެކޮޅަށް އެފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.ޓްރަމްޕް އިތުރަށް ވިދާޅުވީ ވެނެޒުއެލާގައި އައު ސަރުކާރެއް ޤާއިމް ކުރުމަށް ވަގުތުން ވަގުތަށް އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ވެނެޒުއެލާގެ ސަރުކާރާއެކު މަސައްކަތްކޮށް ޑްރަގް މައްސަލައަށް ޙައްލެއް ހޯދައި އެ ޤައުމުގެ ތެލުގެ ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމަށެވެ. އޭގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ ވެނެޒުއެލާގެ ތެލުގެ އިންފްރާސްޓްރަކްޗާ ގެ މައްޗަށް އެމެރިކާއިން ވެރިވާނެ ކަމުގައެވެ.މަދޫރޯ ”ޖަހައިގަނެގެން“ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޑިޓެންޝަން ސެންޓަރަކަށެވެ. ވެނެޒުއެލާގެ ސަރުކާރުން ބުނީ އެ ޤައުމުގެ ރައީސް އެމެރިކާއިން ވަގަށް ނަގާފައިވާ ކަމަށެވެ. ވެނެޒުއެލާގެ އަސްކަރިއްޔާއިން ބުނީ އެ ހާދިޘާގައި ގިނަ ޢަދަދެއްގެ ސިފައިންނާއި ޢާންމުން ހިމެނޭ ގޮތުން 40 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ޤައުމުގެ އިސްތިގުލާލު ރައްކާތެރި ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން މަސައްކަތް ކުރާނެ ކަމަށްބުނެފައި ވެއެވެ.އަނެއްކޮޅުން ޑްރަގްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރައްވަމުންގެންދަވާ ކަމުގެ ތުހިމަތުގައި ރައީސް މަދޫރޯ މިއަދު ނިއުޔޯކްގެ ކޯޓަކަށް ހާޒިރު ކުރެވޭނެއެވެ. މަދޫރޯ ގެންދަވަނީ މިކަމާ ދެކޮޅު ހައްދަވަމުންނެވެ.
![]()

One Response
އެމެރިކާ މަގުފޭރޭ ބަޔަކަށްވީމާ ދެން ދުނިޔެ އެފުށް މިފުށަށް ނުޖެހި ނުދާނެއެވެ. ހަމަ އެހެންބަޔަކު އަތުގައި އޭނާ އަތުގައި ނެތްވަރަށް ރަނާއި ތެލާ އެހެނިހެންވެސް މައުދަން ހުރީމާ ހަމަ ރޭވެފާ އަލިވާއިރަށް އެތަނަކަށް ގޮސް އެތަނެއް ފޭރިކަނެވޭނެ ކަމަށް އެމެރިކާ ދެކެއެވެ. ވީމާ މަގުފޭރޭ އަދި ކަނޑުފޭރޭ ބަޔަކާމެދު ޢަމަލުކުރެވޭނެ ފަރާތެއް ނެތުނީމާ ދެން އެނިމުނީ ނޫންހެއްޔެވެ. މިހާރު އެބުނަނީ ގްރީންލޭންޑްވެސް އެމެރިކާއަށް ލިބެން ޖެހޭނެ ކަމަށެވެ. ސަޅި ނޫންތޯއެވެ؟