އަސާސީ ބޭސްތައް ނެތް ބޭސްފިހާރަ ތަކަށް ފިޔަވަޅު އަޅަނީ

Loading

Facebook
Twitter
WhatsApp

އަސާސީ ބޭހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ބޭސްފިހާރަތަކުން ލިބެން ނެތް ނަމަ ފިޔަވަޅު އަޅަން ހެލްތު މިނިސްޓްރީން އިއްޔެ ނިންމަވައިފި އެވެ.

”ބޭހާއި ބެހޭ ގަވާއިދު“ގައި ބަޔާންކޮށްފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ އަސާސީ ބޭސްތައް ހުރިހާ ފާމަސީއަކުން ލިބެން ހުންނަން ޖެހޭނެ ކަމަށެވެ. ހެލްތު މިނިސްޓްރީން ނެރުނު އިއުލާނުގައި ވިދާޅުވެފައި ވަނީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ފާމަސީއެއްގައި އެއްވެސް އަސާސީ ބޭހެއް ނެތް ނަމަ މީގެ ފަހުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަސާސީ ބޭސްތަކުގެ ލިސްޓުގައި ޖުމްލަ 160 ބޭހެއް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ އަސާސީ ބޭސްތައް އަބަދު ވެސް ލިބެން ޖެހޭނެ ކަމަށާއި އަދި އެކަން ކަށަވަރު ކުރުމަކީ ބޭސް ވިއްކާ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ބޭސް ހުސްވުމުން ބަލި މީހުންނަށް ކުރިމަތިވާ ދަތިތައް ފާހަގަކުރައްވައި، އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ބޭހާއި ބެހޭ ގަވާއިދުގައި ހިމެނޭ ކަންކަމާ ހިލާފުވެއްޖެ ނަމަ، ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި ތިން ފިޔަވަޅެއް އެޅުމުގެ ބާރު އެމްއެފްޑީއޭ އަށް ލިބިދީފައިވެއެވެ.

އެއީ ނަސޭހަތް ދިނުމަށް ފަހު އިސްލާހުކުރަން މުއްދަތެއް ކަނޑައެޅުމުގެ ބާރުގެ އިތުރުން، 500-2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެމްއެފްޑީއޭ އިން ދޫކޮށްފައިވާ ހުއްދަ 14 ދުވަހަށް ސަސްޕެންޑްކުރުމުގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ބާރެވެ.

ބޭސް ސިޓީ ލިޔެ އުޅޭ އުސޫލު ބަދަލުކުރަން ހެލްތު މިނިސްޓްރީން މިހާރު ފަށައިފައިވާ ކަމަށާއި، އޭގެ ތެރޭގައި ވަކި ބްރޭންޑެއްގެ ބޭސް ބޭސް ސިޓީގައި ލިޔުމުގެ ބަދަލުގައި، އެ ބޭހެއްގެ ޖެނެރިކް ނަން ބަދަލުކުރުން ހިމެނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް