ބޮޑު ޙިޔާނާތާއި ގުޅިގެން ނިހާންގެ މައްޗަށް ދަޢުވާ ތަކެއް އުފުލައިފި

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީގެ ބޮޑު ޙިޔާނާތާއި ގުޅޭ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވައިފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޙިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގގެ ކުށްތަކާ ގުޅިފައިވާ ފައިސާ ކުރީގެ އެމްޕީ ނިހާނަށް ލިބުނު ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މި މަހުގެ މެދު ތެރޭގައެވެ.

މި މައްސަލައިގައި ނިހާނަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދުއެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދިން ރިޝްވަތު ހިފައި ޤަބޫލުކޮށް، އަދި އެކަމުން ލިބުނު ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ވަނީ ހޯދިފައެވެ.

2014 އިން ފެށިގެން 2019 އާ ދެމެދު ނިހާން ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައި އެފަދަ ފައިސާއެއް ލިބުނު ކަން ހިމަނުއްވައިފައިނުވެއެވެ.

މައްސަލާގައި އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ.

މައްސަލާގައި ހުށަހެޅުނު ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް ނިހާންގެ މައްޗަށް މަނީ ލޯންޑްރިންގެ އެއް ދައުވާ އާއި ރިޝްވަތުގެ ފަސް ދައުވާއެއް ވަނީ އުފުލައިފައެވެ.

މަނީ ލޯންޑްރިންގ ގެ ދައުވާ އުފުލީ ނިހާނަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކުކުރެވެންޖެހޭ ހާލަތުގައި، އަދީބު މެދުވެރިވެގެން 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު، އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަދީބު ގާތު އެދިފައިވާތީ އުފުލާފައި ވަނީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާއެވެ.

އަދި އެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދި އަދި އަދީބު ދިން ފައިސާގައި ހިފާފައި ވާތީ، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.

އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ވަނީ ހާޒިރުކޮށްފަ އެވެ. އަދި އޭނާ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް