ސިޔާސީ ގޮތުން މިފުކޯ މިނިވަން ކޮށްގެން މެނުވީ ރާއްޖެއިން ބާނާމަހަށް ރަނގަޅު އަގެއް ނުލިބޭނެ

Loading

December 12, 2025
profile
Facebook
Twitter
WhatsApp

ރާއްޖޭގެ މަސްވެރި ކަމުން ގައުމަށް ލިބޭ ނަފާ އިތުރުވެގެން ދާނީ މިފްުކޯ ސިޔާސީ ގޮތުން މިނިވަން ކޮށްގެންނެވެ.
ހުރިހާ ސަރުކާރު ތަކުންވެސް މިފުކޯ ބޭނުން ކުރަމުން ގެންދަނީ ވޯޓު ޗާޕުކުރާ މެޝިނެއްގެ ގޮތުގައެވެ. ނިމިދިޔަ ސަރުކާރުން ވެސް އަދި އޭގެ ކުރީ ސަރުކާރުންވެސް މިފުކޯ ބޭނުން ކޮށްފައިވަނީ މަސްވެރިންނާއި އެބައިމީހުންގެ ޢާއިލާތަކުގެ ވޯޓު ސަރުކާރަށް ހޯދުމުގެ ނާރެހެއްގެ ގޮތުގައެވެ.


އެހެން ކަމުން ދުނިޔޭގެ ބާޒާރުތަކުން ރާއްޖޭގެ މަހަށް ހަމައަގު ލިބޭނޭ ދޮރެއް ހުޅުވިގެން ނުދިޔައެވެ. މިފުކޯއަށް މަސްވެރިން ކިރުވާމަހުގެ ހަމައަގު ބައިނަލް އަގުވާމީ މަހުގެ ބާޒާރުން ލިބޭނީ މިފުކޯ ޕްރައިވަޓައިޒްކޮށް ބޭރުގެ މަސްގަންނަ ކުންފުނިތަކަށާއި ރާއްޖޭގެ ކުންފުނި ތަކަށް ހުޅުވާލައި ގެންނެވެ.


މިހާރު ރާއްޖޭގެ މަސްވެރިން ބާނާ މަސް މިފުކޯއިން ކިރުވަމުން ގެންދަނީ ތައިލެންޑުގެ ބާޒާރަށެވެ. އެވެސް މަސް ކުރުވުމުގައި ބޮޑެތި މަކަރު ހަދައި އެ މީހުނަށް ވިއްކާ މަހުގެ ކޮލިޓީ ދައްވެފައިވާ ކަމަށް ރާވައިގެން އެއްބަސްވެ އެތަކެއް ޓަނުގެ މަސް ނުއަގުގައި ވިއްކާ ކަޓް ނަގައިގެނެވެ. އެހެންކަމުން ރާއްޖޭގެ މަހަށް ހަމައަގު ނުލިބުމާއި ވައްކަން ކުރުން ބޮޑުވުމުގެ ސަބަބުން މިފުކޯއަށް އަބަދުމެ ދަނީ ބޮޑެތި ގެއްލުން ތައް ލިބެމުންނެވެ. ރާވައިގެން ވައްކަން ކުރަން ފެއްޓިފައިވަނީ މައުމޫނުގެ ޅިޔަނު އިލްޔާސް އިބުރާހިމް ގެ ދުވަސްވަރު މަޝާހޫރު އެފް.ޕީ.އައި.ޑީ ވައްކަމުންނެވެ. ދެން ހަމަ އަންނަ ކޮންމެ ސަރުކާރަކުންވެސް އެކުންފުނިން ވައްކަން ކުރުން އިތުރަށް ތަރައްގީކޮށް ރާވައިގެން ކުރިއަށް ގެންދެއެވެ.


މިފުކޯއިން ތައިލެންޑަށް މަސް ބޭރުކޮށްގެން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކާ ސަބުސިޑީގެ ގޮތުގައި އަހަރަކު ތިންސަތޭކަ މިލިއަނަށްވުރެ ގިނަރުފިޔާ ދައުލަތުން އެވަނީ މިފުކޯއަށް ދައްކަން ޖެހިފައެވެ. ނަމަވެސް ރާއްޖޭގެ މަސްވެރިން ބާނާމަސް ގަތުމުގެ ފުރުޞަތު ބޭރުގެ ކުންނިތަކަށާއި ދިވެހި ކުންފުނިތަކަށް ހުޅުވިގެންދާނޭ ސިޔާސަތެއް އެކުލަވާލައި ސިޔާސީ އައްޑަނައަކަށް މިފުކޯ ބޭނުންކުރުން ހުއްޓާލަން އުޅޭ ތަނެއް ނުފެނެއެވެ.

މި ދީންވެރިކަން ބޮޑު ސަރުކާރު ގެނައުމަށްޓަކާ ކެނޑި ސަޅިބައިސާގެ ތެރޭގައި މަސްކިލޯއެއް މިފުކޯއިން ގަންނަ އަގު ވިހިރުފިޔާއަށް ވުރެ ދަށް ނުކުރާނޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ސަރުކާރަށް އެއް އަހަރުފުރުނުއިރު މިފުކޯއިން މަސްކިލޯއެއް ގަންނައަގު ވަނީ ސޯޅަރުފިޔާ އަށް ތިރިކޮށްލާފައެވެ. އަނެއްކާވެސް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ވޯޓު ހޯދުމަށްޓަކާ މަސްވެރިންގެ ބޮލަށް އެރެވޭނޭ ގޮތެއް އެވަނީ ރާވަން ފަށާފައެވެ. އެގޮތން ރިޔާސީވަޢުދާއެއް ގޮތަށް މިފުކޯއިން ވިހި ރުފިޔާއަށް މަސްކިލޯއެއް ގަންނަން އުޅޭކަމުގެ ވާހަކަ ސަރުކާރުގެ ތެރޭގައި ދެކެވެން ފަށައިފިއެވެ.

ޑިސެމްބަރުމަހުގެ ދިހަވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހެވެ.

އެހެނަސް 2025 ވަނައަހަރުގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ކިޔަން ޖެހިފައިވަނީ ބިދޭސީ މަސްވެރިންނަށެވެ. ރާއްޖޭގެ މަސްވެރިން ތިބީ މިސަރުކާރުން ފުޅާކުރި ސިވިލްސާވަންޓާއި ބޭނުން ނުކުރެވޭ ސިޔާސީ މުއައްޒިފުންގެ ގޮތުގައި އަޅާ ފުރާލާފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް ތިންވަނަ ޖީލުގެ ބޮޑެތި މަސްދޯނި ފަހަރު ބަނދެ ރާއްޖޭގެ އޮޑިވެރިންވަނީ ދިވެހި މަސްވެރިކަމަށް އިންގިލާބީ ކުރިއެރުން ގެނެސް ދީފައެވެ. ނަމަވެސް ސަރުކާރުގެ ވެރިންނަށް ރާއްޖޭގެ ކަނޑު ރޯދީގެ ސިނާޢަތުގެ މުހިންމު ކަމާއި ރާއްޖޭގެ އިގްތިޞާދަށް މަސްވެރިކަމުގެ ނަފާވަންނާނޭ އެންމެދޮރެއްވެސް ހުޅުވާކަށް ނޭނގުނެވެ. ނުވަތަ ގަސްދުގައި ހުޅުވައެއް ނުދިނެވެ.
އެއްވެސް ވިޔާފާރިއަކީ ހިފަހަށްޓައި އޮބަހައްޓައިގެން ކުރިއަރައިދާ އެއްޗެއް ނޫނެވެ.

ރާއްޖޭގެ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށް ވީއިރު ރާއްޖޭގެ މަސްވެރިންބާނާ މަސް ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ބާޒާރާއި ހަމައަށް ފޯރާނެ ގޮތެެއް ސަރުކާރަށް ހޯދިފައެއް ނުވެއެވެ. އަދި ރާއްޖޭގެ މަސްވެރިން މަސްދޯނިފަހަރުން ބާލައި މަސްވެރިން އެވަނީ އެއްގަމުގެ ބޭކާރު ކެޔޮޅުނަށް ބަދަލު ކޮށްފައެވެ.

ރާއްޖޭގެ ބޮޑެތި މަސްދޯނި ފަހަރުން މަހަށްގޮސް ބާނާ މަސް ރައްކާ ކުރެވޭނޭ އެކަށީގެންވާ ވަސީލަތެއް ގާއިމް ކުރެވިފައި ނުވާއިރު ދުނިޔޭގެ މާރުކޭޓްތައް ތޮއްޖައްސާލެވޭ ވަރަށް ރާއްޖޭގައި މަސް ރައްކާ ކުރެވޭނޭ ނިޒާމެއްވެސް ގާއިމް ނުކުރެ ވުނެވެ. މީހެއްގެ ދުލުން ފަސްދޮޅަސް ހަތަރެއް ޕޮއިންޓް ދޭއް ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ފާސް ކޮށްފިއޭ ބުނެލަން ވަރަށް ފަސޭހަތާއެވެ. އެހެނަސް އެއީ ކިހާ ރުފިޔާއެއްކަން ވަޒަން ކުރަންވެސް ނޭނގެއެވެ.



މިދެންނެވި މިންވަރަކީ ރާއްޖޭގައި މިތިބަ ހަތަރު ލައްކަމީހުނަށް ބޯހިޔާވަހިކަން ދީ އެންމެން ޙައްޖަށްގޮސް ދިހައަހަރު ދުވަސް ވަންދެން މަސައްކަތެއް ނުކޮށް އަރާމާއި އުފަލުގައި ޔޫރަޕުން ބޭސް ފަރުވާ ކޮށްގެން އުޅެވާހާ ރުފިޔާއެވެ.

އެހެނަސް މިދެންނެވި ހުރިހާފައިސާ އެއް ހަމަސްދުވަހުގެ ތެރޭ އެ ހުސްކޮށްލަނީ ކިހިނެއް ކޮންކަމެއް ކޮށްގެން ކަން އެނގޭ ރައްޔިތަކު މިގައުމަކު ނުހުންނާނެއެެވެ. ރާއްޖެއަކީ އާބާދީ ކުޑަ ފުދުންތެރި ގައުމަކަށް ވީހިނދު ރައްޔިތުމީހާ ނުކައި ނުބޮއި ބޭސްފަރުވާ ނުކުރެވި ބޯހިޔާވަހިކަމެއް ނުލިބި މަގުމަތީގަ ނިދަންޖެހޭ ވާހަކައަކީ ބޮޑުވެގެންވާ ޖޯކެއް ނޫންހެއްޔެވެ. ގައުމެއްގެ ވެރިކަން ހަވާލު ކުރަންވާނީ ރައްޔިތުން ގެޙައްގުތައް ރައްޔިތުންނަށް ހޯދައި ދެވޭ ވަރުގެ ޢިލްމާއި ހުނަރު ލިބިގެންވާ އަމާނަތްތެރި މީހުނާއި އެެވެ. ވަގުންނަކާއެއް ނޫނެވެ.

ދެން އޮތް ގޮތަކީ ރާއްޖޭގައި އުފައްދާ މަސްދަޅުގެ މާރުކޭޓް ފުޅާކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ތަޢާރުފުކޮށް ވިއްކޭނޭ ގޮތް ހެދުމެވެ. އެވެސް މިހާރު ބޮޑުބައި ޕްރޮސެސް ކުރަނީ ތައިލެންޑް ގައެވެ. ޕްރޮސެސް ކުރުވައިގެން މޭޑް އިން މޯލްޑިވްސް ޖައްސައިގެން އެތެރެކުރަނީ އެވެ.
ރާއްޖޭގައި އުފައްދާ ދަޅުމަސް ގިނަޢަދަކަށް އުފެއްދޭނޭ މެކެނިޒަމެއް ގާއިމްކުރެވިއްޖެނަމަ ރާއްޖޭ އިގްތިޞާދަށް ހެޔޮބަދަލު ގެނެވޭ ވަރުގެ ފެންވަރުރަނގަޅު މަހެކެވެ. އެހެން ކަމުން ރާއްޖޭގެ ދަޅުމަސް އުފައްދާ ކާރުޚާނާގެ ކެޕޭސިޓީ އިތުރުކޮށް ގައުމުތަކަށް ބޭރުކުރެވޭނޭ ގޮތްތަށް ހޯދާ ރާއްޖޭގެ ދަޅުމަސް ކުރިއަރާފައިވާ ގައުމުތަކުގެ ބާޒާރުން ލިބޭނޭ ގޮތް ތަނަވަސް ކުުރުމުގެ މުހިންމުކަން ސަރުކާރަށް އެނގެންވެއްޖެއެވެ. މިޒަމާނަކީ މަސްގަންނަ ބޮޑެތި ބޯޓުފަހަރުގައި ޕްރޮސެސިން ފެކްޓަރީ ގާއިމުކޮށްފަ ހުރި ދުވަސްވަރެވެ. ވީއިރު މިވަރު ނޭއްގާނީ ވާކަށް ހެޔޮނުވާނެ އެވެ. ނުވަތަ ވައްކަން ކުރަންވެސް މިވަރު ހެޔޮނުވާނެ އެވެ.

Loading

2 Responses

  1. ކޮންމެހެން ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އަޅުވާކަށް ސިޔާސީ ބޭފުޅުން ނޫޅުއްވާނެ، އޭރުންރައްޔިތުންގެ ފުދުންތެރިކަންރަނގަޅުވެއްޖެއްޔާ ސިޔާސީ ބޭފުޅުންގެ ހެޔޮފުޅުކަމުން ދެއްވާއެތިކޮޅަށްސަލާމް ޖެހުމުގެޘަޤާފަތްނިމިދާނެ

Leave a Reply to ދަންޑަހިލު Cancel reply

ފަހުގެ އަޕްޑޭޓް