ރޭޑިއޯއަކީ ނެތިގެންދާނެ މީޑިއަމްއެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ރައީސް އިބްރާހީމް މުޙަައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން ”ބާއްޖަވެރި ހެނދުނެއް“ ޕްރޮގްރާމުގައި ވާހަކަފުޅުުދައްކަވަމުން އެންމެ ފުރިހަމަ ގޮތުގައި ޚަބަރާއި ޕްރޮގްރާމުތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
”ބާއްޖަވެރި ހެނދުނެއް“ މި ޕްރޮގްރާމުގައި ރައީސް އިބްރާހީމް މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް ބައްލަވާލެއްވިއެވެ.
ޤާނޫނު އަސާސީ އިސްލާހުކޮށް، މަރުކަޒީ އުސޫލުން ހިންގަމުންދިޔަ ނިޒާމަށް ބަދަލު ގެނެސް ލާމަރުކަޒީ އުސޫލުން އިދާރީ ދައިރާތައް ހިންގުމަށް ޤާނޫނު އަސާސީއަށް ގެނައި ބަލަދަކީ މިއަދު އަތޮޅުތަކަށް ތަރައްގީގެ ކުރިއެރުން ލިބުމުގައި އޮތް އެންމެބޮޑު ފުރުސަތު ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ލިބިވަޑައިގަތުމުގެ ކުރިން އިބްރާހީމް މުޙައްމަދު ޞާލިޙު ފަންސަވީހަކަށް އަހަރުދުވަސް ވާނދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވިއެވެ.
އެދުވަސްވަރު ކުރެއްވި އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ރައީސް އިބްރާހީމް ފާހަގަކުރެއްވީ ޤާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތެވެ.
”އެމަސައްކަތުގެ ތެރެއިންވެސް ވަރަށް އުފާވި ދުވަހެއް 18 އަހަރުވާ މީހުންނަށް ވޯޓް ލެވޭ ފުރުސަތު ލިބުން. “ ރައީސް އިބްރާހީމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒުކުރުން ކަމަށާއި މިވަގުތު އެންމެ އިސްކަމެއްދެއްވަނީ ސިއްހީ ދާއިރާ ތަރައްގީކުރައްވައި ލާމަރުކަޒު ކުރެއްވުމަށްކަމަށެވެ.