ފިއްތުންތަކާ ގުޅިގެން އެހީގެ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ ސަބަބުން ގެއްލުން ލިބުނު އެމެރިކާގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ކޮންގްރެސްއިން ފާސްކުރި ބިލް ތަސްދީގު ކުރެއްވުމަށް ދެކޮޅުހައްދަވައި އެތައް ބަހަނާތަކެއް ދެއްކެވުމަށް ފަހު އެންމެ ފަހުން އާދީއްތަ ދުވަހުގެރޭ އެބިލް ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފިއެވެ.

އެހީގެ ބިލް ކޮންގްރެސްއިން ފާސްކުރުމުން ރައީސް ޓްރަމްޕް ވިދާޅުވީ ބިލުގައި މައްސަލަތަކެއް އެބަހުރިކަމަށާއި ބިލް ތަސްދީގުކުރައްވަން ސޮއިނުކުރައްވާނެ ކަމަށެވެ.

އެހީގެ ޕެކެޖްގެ ބިލުގައި ސޮއި ނުކުރައްވާނެކަމަށް ވިދާޅުވެ ގޮތްދެއްކެވިކަމަށް ވިޔަސް ރައްޔިތުންގެ ފިއްތުންތައް ބޮޑުވެގެންގޮސް އެންމެ ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް 900 ބިލިއަންޑޮލަރުގެ ބިލު ފާސްކުރައްވަން ޖެހިވަޑައިގަތީ ސޮއިކުރައްވާށެވެ.

ޓްރަމްޕްގެ ސަރުކާރުން ހާމަކުރިގޮތުގައި ބިލު ފާސްކުރައްވަން ޓްރަމްޕް ސޮއިކުރެއްވީ އެމެރިކާގެ އެތައް ލައްކަ ބަޔަކު ވަޒީފާ ގެއްލިފައިތިބުމުން ސަލާމަތްކުރުމަށާއި ސަރުކާރު ހިންގުން ވަގުތީ ގޮތުން ނަމަވެސް ހުއްޓުނަ ނުދިނުމުގެ ބޭނުމުގައެވެ.

ޓްރަމްޕް ބިލްގައި ސޮއިކުރެއްވުމުން އެ ބިލު ގާނޫނަކަށްވެގެންދިޔައީއެވެ. ސޮއިނުކުރެއްވިނަމަ ކޮންގްރެސްއިން ބިލު ފާސްކޮށްފައި އޮތަސް އެއަށް ގާނޫނީ ސިފައެއް ނުގެނެވޭނެއެވެ.

ބިލު ތަސްދީގު ނުކުރައްވާނެކަމަށް ވިދާޅުވެ ޓްރަމްޕް ހާމަކުރައްވަމުންގެންދެވީ އެއަށްވުރެ އެހީގެ ބިލުގައިވާ އަދަދު ބޮޑުކުރައްވަން އޭނާ ބޭނުންފުޅުވާކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބިލު ތަސްދީގު ކުރެއްވުމަށް އޭގައި ސޮއި ކުރެއްވުމަށް ކޮންގްރެސްގެ ”ދެފަރާތުން“ ޓްރަމްޕަށް ފިއްތުންތަކެއް ކުރިމަތިކުރެއްވިއެވެ.

ބިލްގައި ރައީސް ޓްރަމްޕް ސޮއިނުކުރެއްވިނަމަ ކޮވިޑުގެ ސަބަބުން ވަޒީފާގެއްލުނު އެމެރިކާގެ އެތައްލައްކަ ބަޔަކަށް ބޮޑު ގެއްލުމެއް ލިބޭނެއެވެ. އަދި ސަރުކާރު ހިންގުމަށްވެސް ދަތިތަކަކާ ކުރިމަތިވީހެވެ.

ބިލު ތަސްދީގު ނުކުރައްވައި ޓްރަމްޕް ވިދާޅުވަމުން ގެންދެވީ އޭނާ ބޭނުންފުޅު ވަނީ އެ ބިލުގައި ދިނުމަށް ބުނެފައިވާ އަދަދަށްވުރެ ބޮޑު އަދަދެއް ކޮވިޑް-19ގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ދޭނޭ ގޮތެއް ހަމަޖެއްސެވުމަށްކަމަށެވެ. ބިލުގައިވާގޮތުން މީހަކަށް ޖެހޭ 600 ޑޮލަރުގެ ބަދަލުގައި 2000 ޑޮލަރު ދޭނެގޮތަކަށް ހެދުމަށްކަމަށެވެ.

އެމެރިކާގައި ކޮރޯނާވައިރަސް ފެތުރެން ފެށުމުން އެއީ މައްސަލައެއް ނޫންކަމަށް ވިދާޅުވެ ރައީސް ޓްރަމްޕު ގެންގުޅުއްވި ދޯހަޅި ސިޔާސަތުގެ ސަބަބުން އެބަލި އެމެރިކާގައި ކޮންޓްރޯލުނުވެ މުޅިގައުމަށް ފެތުރިގެންދިޔައެވެ. ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެމެރިކާއިންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް