އަނިޔާވުމާއި ގުޅިގެން މިއަހަރު ބާސާ ކުޅޭ ފަހު މެޗުން މެސީ ނުފެންނާނެ ކަމަށް އެކުލަބުން ބުނެފިއެވެ.
ސްޕެނިޝް ލީގުގައި އެއިބާ އާއި ދެކޮޅަށް އަންނަ އަންގާރަ ދުވަހު ބާސެލޯނާ ކުޅޭ މިއަހަރުގެ ފަހު މެޗުގައި ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ކެޕްޓަން ލިއޮނަލް މެސީއަށް ނުކުޅެވޭނެކަމަށް އެ ކުލަބުން ބުނެފިއެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑު ހަ ފަހަރު ހޯދާފައިވާ މެސީގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެސީއަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫންކަމަށާއި ނަމަވެސް ބަލަންޖެހޭ އިތުރު ކަންކަން ހުރުމާއި، އެ އަނިޔާ އެއްކޮށް ރަނގަޅު ނުވާތީ އަންނަ އަންގާރަދުވަހު ކުޅޭ މެޗުގައި މެސީއަށް ނުކުޅެވޭނެ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެންމެ އަވަހަށްވެސް މެސީއަށް ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު ހުއެސްކާ އާއި ދެކޮޅަށް ބާސާ ކުޅޭ މެޗުގައެވެ.
މިދިޔަ ހަފުތާގެ އަންގާރަދުވަހު ރެއާލް ވަޔަޑޮލިޑް އަތުން 3-0 އިން ބާސާ މޮޅުވި މި މެޗަކީ ލީގުގައި މިހާތަނަށް ބާސާ ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވި 7 ވަނަ މެޗެވެ. މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
މެސީއާއެކު ބާސެލޯނާއިން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫންމަހު ހަމަވާނެއެވެ. ނަމަވެސް އެއްބަސްވުން އާކުރުމާއި މެދު މެސީ އަދި މިހާތަނަށް ވާހަކަދައްކާފައެއް ނުވެއެވެ.