ބޭރު ގައުމުތަކުގެ ދަތުރުވެރިން ޖަޕާނަށް އެރުން މަނާ ކުރަނީ

13

 

ބޭރު ގައުމުތަކުގެ ދަތުރުވެރިން ޖަޕާނަށް އެރުން މަނާ ކުރަން ނިންމައިފިއެވެ.

މިގޮތަށް ޖަޕާނުން ނިންމައިފައި މިވަނީ ޖަޕާނުން ކޮރޯނާވައިރަހުގެ އާ ބާވަތް ފެނުމާ ގުޅިގެންނެވެ. އެކަމާއި ގުޅިގެން މިއަދުން ފެށިގެން އެގައުމަށް ބޭރު ގައުމުތަކުގެ ރައްޔިތުން ދިޔުން މަނާ ވާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން ބުނެފައިވަނީ މިފެށޭ ޖެނުއަރީ މަސް ނިމެންދެން ބޭރު ގައުމުތަކުގެ މީހުންނަށް އެގައުމަށް ނުދެވުނު ނަމަވެސް ޖަޕާނުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް އެގައުމަށް ވަދެވޭނެ އެވެ. ނަމަވެސް އެ މީހުން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ އެވެ.

ޖަޕާނުން އެ ފިޔަވަޅު އެޅީ އެގައުމުގެ ހަ މީހެއްގެ ހަށިގަނޑުން ކޮރޯނާވައިރަހުގެ އާ ސްޓްރެއިން ފެނުމުންނެވެ. އޭގެ ތެރެއިން ފަސް މީހަކަށް ބަލި ޖެހުނީ އިނގިރޭސިވިލާތުން ޖަޕާނަށް ދިޔަ ފަހުން ކަމަށްވީ ނަމަވެސް ހަ ވަނަ މީހާ އެގައުމަށް ގޮސްފައެއް ނުވެ އެވެ.

އިނގިރޭސި ސަރުކާރުން ވަނީ އެ ސްޓްރެއިން އަކީ އާއްމުކޮށް ފެތުރޭ ސްޓްރެއިންއަށް ވުރެ މާ ބޮޑަށް ފެތުރޭ ބާވަތެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އޭތި ވެކްސިންއަށް ނުގުޑާނެ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި އެވެ.

ޖަޕާނުން މިހާތަނަށް 218،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އެބަލީގައި 3،062 މީހަކު ވަނީ މަރުވެފަ އެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ