މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން: ރައީސް

Loading

Facebook
Twitter
WhatsApp

މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން ދާ ކަމަށާއި އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ޞިނާޢަތު ބައްޓަންކުރުން.“ ދިވެހި ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ހޮނިހިރު ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ. ”އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ޙާލަތު. ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ. ވެއަތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސް.ޓީ.އޯ އިން މިފްކޯގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި 571 މިލިއަން ރުފިޔާ ވަނީ ދީފައި. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި.“

ރައީސް އިބްރާހީމް ވިދާޅުވިގޮތުގައި މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރެވެ. އެއީ، 48494 ޓަނުގެ މަހެވެ. އަދި މިފްކޯގެ މުޅި ޙަޔާތުގައިވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީވެސް މިދިޔަ 2019 ވަނަ އަހަރުކަމަށް ރައީސް ވިދާޅުވިއެވެ.

”އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައި.“ ރައީސް ވިދާޅުވިއެވެ. ”މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން. މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކޭނިންގ ފެކްޓްރީއަށް އެކަނި ބެލިކަމުގައިވިޔަސް، ބަދަލުތަކެއް އަންނަކަން ގަބޫލުކުރަންޖެހޭނެ.“

ރައީސް އިބްރާހީމް ވިދާޅުވިގޮތުގައި 2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަހެވެ. އަދި 2019 ވަނަ އަހަރު، ފެލިވަރަށް 9000 ޓަނުގެ މަސް ގަތްކަން ރައީސް ފާހަގަކުރެއްވިއެވެ.

”މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ފެލިވަރަށް ގަނެފި. މިއީ މިފްކޯ ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ގެންނަ ބޮޑެތި ބަދަލުތައް.“ ރައީސް ވިދާޅުވިއެވެ.

ފެލިވަރުން ހޯދާފައިވާ ކާމިޔާބީގެ ތަފާސް ހިސާބުތަކެއް ރައީސް ދެއްވިކަމަށްވިޔަސް ފެލިވަރު ހިންގާ ސަރުކާރުގެ މަސްކުންފުނީގެ ސިޔާސަތާމަދު ހިތްހަމަނުޖެހިން ފެލިވަރަށް އެންމެ ގިނައިން މަސްކިރާ ނައިފަރުގެ ގިނައަދަދެއްގެ މަސްވެރިން ވަނީ ހަފުތާއެއްހާ ދުވަސްކުރިން ފެލިވަރުގައި ބޮޑު މުޒާހަރާއެއްކޮށްފައެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ވަނީ މަސްވެރިންގެ ދުވަހު އާދެ! ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ބޮޑު އިހުތިޖާޖެއް ކޮށްފައެވެ.

”މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ. ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް.“ ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވިއެވެ.

”އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މި ޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި. ވަރަށް ގިނަ ލުއިތަކެއްވެސް ދިން. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން.“

މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ކޮށް މަސްވެރިންގެ ވަރަށް ބޮޑު ތާއިދާއެކު ވެރިކަމަށް އައި އެމްޑީޕީ ކޯލިޝަންގެ ވައުދުތައް ނުފުދި ގިނަދުވަސްތަކެއް ވަމުން ދާތީ ރާއްޖޭގެ އުތުރާއި ދެކުނުގެ ވަރަށް ގިނަ މަސްވެރިންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް