އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް އަންނަ ދިވެހިންނާއި ވާކް ވިސާ އޮންނަ މީހުން 10 ދުވަސް ވަންދެން ކަރަންޓީން ކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ މާދަމާ އިން ފެށިގެން ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެޤައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ރައްކާތެރިވުމުގެ ގޮތުން މި ފަރާތްތައް ރާއްޖެ އަންނަތާ ފަސް ދުހަށްފަހު އަދި 10 ދުވަހަށް ފަހު ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓު ހަދަން ވެސް ވަނީ ނިންމާފައެވެ. ޢަދި އިނގިރޭސިވިލާތުން އަންނަ އެންމެން ވެސް ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ ގެންނަން ޖެހޭނެ އެވެ.
އިނގިރޭވިލާތުގައި ކޮވިޑްގެ ވޭރިއަންޓެއް ފެތުރެމުން އަންނާތީ ދުނިޔޭގެ 40 ޤައުމަކުން ވަނީ އެގައުމާއެކު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީގޮތުން ކަނޑާލާފައެވެ.
އިނގިރޭސިވިލާތުން އަންނަ ދިވެހިންނާއި ވޯކް ވިސާ އޮތް މީހުން ކަރަންޓީން ވާގޮތައް އުސޫލު ބަދަލުކުރި ނަމަވެސް އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް މިހާރު އޮތް އުސޫލަށް ބަދަލެއް ގެނެސްފައެއް ނެތެވެ. އެހެންކަމުން އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންނަށް އެއްވެސް ހުރަހެއް ނެތި މިހާރު ވެސް ރާއްޖެ އަށް އެތެރެވެވޭނެއެވެ.