މަމްދާނީ އަށް މޭޔަރުކަން ލިބިއްޖެ ނަމަ ނިއުޔޯކްގެ ކަންކަމަށް ޚަރަދުކުރަން އަޅުގަނޑަށް އުނދަގޫ ވާނެ – ޓްރަމްޕް

Loading

Facebook
Twitter
WhatsApp

ނޮވެމްބަރު 4 ވާ އަންގާރަ ދުވަސް، އާދެ މިއަދަކީ އެމެރިކާގެ އެންމެ ބޮޑު ސިޓީ ނިއުޔޯކްގައި މޭޔަރަކު ހޮވަން ބާއްވާ އިންތިޚާބް އޮންނަ ދުވަހެވެ. ނެގުނު އެކި ޕޯލްތައް ދައްކާގޮތުގައި އެންމެ ކުރީގައި ވާދަކުރައްވަމުން ގެންދަވާ ޒޮހްރާން މަމްދާނީ މިއިންތިޚާބް ކާމިޔާބް ކުރެއްވުމުގެ 85 އިންސައްތަ ޔަގީންކަން އެބައޮތެވެ.

އެހެން ވެއްޖެނަމަ ޒޮހްރާން މަމްދާނީ ވެގެންދާނީ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރަށެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ މަމްދާނީ ހޮވިއްޖެ ނަމަ ނިއުޔޯކްގެ ކަންކަމަށް ޚަރަދުކުރަން ފެޑަރަލް ފައިސާ ދޫކުރަން އޭނާއަށް އުނދަގޫ ވާނެ ކަމުގައެވެ.

މަމްދާނީ އަމިއްލަފުޅަށް ވިދާޅުވަނީ އޭނާއަކީ ޑިމޮކްރެޓިކް ސޯޝަލިޓެއް ކަމުގައެވެ. ނަމަވެސް ފެށުނީއްސުރެ ޓްރަމްޕްގެ ގޮތް ދޫނުކުރާ އުސޫލުގެ ދަށުން ވިދާޅުވަމުން ގެންދަވަނީ މަމްދާނީ އަކީ ކޮމިޔުނިސްޓެއް ކަމުގައެވެ.އަދި ކޮމިޔުނިސްޓަކު ނިއުޔޯކް ހިންގަން ހުންނަ އިރު، ތަންހިންގަން ފޮނުވާ ފައިސާ އާއި ގްރާންޓް ތައް މުޅިން ދާނީ އިޝްރާފް ވެގެން ކަމަށް ޓްރަމްޕް ދެއްވި އިންޓަރވިއު ގައި ވިދާޅުވެފައި ވެއެވެ.

މިހާރުން ފެށިގެންވެސް ޑިމޮކްރެޓިކްޕާޓީގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކަށް ފޮނުވާ ފައިސާ ކަނޑާލުމަށް ޓްރަމްޕްގެ ސަރުކާރުން އެތައް ފަހަރަކު މަސައްކަތް ކޮށްފައި ވެއެވެ. އަދި ކްރައިމް ގެ ކަންތައް ބަލަން ކަމަށް ބުނެ އެތައްފަހަރަކު ޑިމޮކްރެޓުންގެ މެޖޯރިޓީ އޮންނަ ސިޓީތަކަށް ނެޝަނަލް ގާޑް ސިފައިން ވެސްދަނީ ފޮނުވަމުންނެވެ.

ޒޮހްރާން މަމްދާނީ ކެމްޕެއިންތެރޭ ވިދާޅުވެފައިވާ ގޮތުގައި އޭނާ ހޮވިވަޑައިގަތުމަށްފަހު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގެންފިނަމަ ހައްޔަރު ކުރެވޭނެއެވެ. މަމްދާނީ އަށް ޓްރަމްޕް އެހާބޮޑަށް ނަފްރަތު ކުރައްވަނީ މިސަބަބަށްޓަކާ ކަމަށް ވެދާނެއެވެ.

މަމްދާނީގެ މިބަހުގެ ޖަވާބުގައި ނަތަންޔާހޫ ވިދާޅުވެފައިވަނީ އޭނާ ވަޑައިގަންވާނީ ޓްރަމްޕް ގެ އަރިހުގައި ކަމަށާ އޭރުން ޓްރަމްޕް އޭނާއަށް ހިމާޔަތް ދެއްވާނެކަމަށެވެ.

އާދީއްތަ ދުވަހު ދެއްވި އިންޓަރވިއުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ކުރިން ވަރަށް ދަށް ޕާފޯމަންސް އެއް ދެއްކެވި މޭޔަރެއްކަމަށްވާ ބިލް ޑެ ބްލާސިއޯ އަށް ވުރެވެސް މަމްދާނީ މޭޔަރުކަމަށް ގޯސްވާނެ ކަމުގައެވެ.އަދި ރިޕަބްލިކަން ޕާޓީގެ ޓްރަމްޕް ވަނީ މަމްދާނީއާއި ދެންވާދަ ކުރައްވާ ކެންޑިޑޭޓް، ހަމަ ޑިމޮކްރެޓިކްޕާޓީގެ މެމްބަރެއް ކަމަށްވާ ކުއޯމޯއަށް ތާއީދު ކުރައްވާފައެވެ. މިއީ ”ބޭޑް“ ޑިމޮކްރޭޓް އަކާއި ކޮމިޔުނިސްޓާކާ ދެމެދު އޮތް ވާދަވެރި ކަމެއް ކަމަށާ އެހެންވީމަ އޭނަ އިޚްތިޔާރު ކުރައްވާނީ ”ބޭޑް“ ޑިމޮކްރޭޓް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ބެކްގްރައުންޑް   

ޒޮހްރާން މަމްދާނީ އުފަންވެފައިވަނީ ޔުގަންޑާގެ ކެމްޕާލާގައި 18 އޮކްޓޯބަރު1991 ގައެވެ.މަންމަ އަކީ ފިލްމް އުފެއްދުންތެރިއެއްކަމަށްވާ މީރާ ނަޔަރު އެވެ.ބައްޕަ އަކީ އިލްމް ވެރިއެއްގެ ގޮތުން ފާހަގަ ކޮށްލެވޭ މަހްމޫދު މަމްދާނީއެވެ.

ޒޮހްރާންގެ އާއިލާ،އޭނާގެ އުމުރުން ހަތް އަހަރުގައި ނިއުޔޯކަށް ބަދަލުވުމުގެ ކުރިން ދެކުނު އެފްރިކާގައިވެސް ހަތަރު،ފަސް އަހަރު އުޅެފައިވެއެވެ.

މަމްދާނީ ޕްރައިމަރީ ތައުލީމް އުގެނިފައިވަނީ ނިއުކޯކްގެ ޕަބްލިކް ސްކޫލްތަކުންނެވެ.އޭގެ ފަހުން ބޯޑޮއިން ކޮލެޖުން،އެފްރިކާނާ ސްޓަޑީޒް އިން ގްރެޖުއޭޓް ވެވަޑައިގެންނެވިއެވެ.އެއީ 2014ވަނަ އަހަރުއެވެ.އޭނާ ”ނެޗުރަލައިޒްޑް“ އެމެރިކާ ރައްޔިތަކަށް ވެފައިވަނީ 2018ވަނަ އަހަރުއެވެ.

ގްރެޖުއޭޝަން އަށް ފަހު މަމްދާނީ ފުރަތަމަ މަސައްކަތް ކުރެއްވީ ހައުސިންގ ކައުންސެލާ އެއްގެ ގޮތުގައެވެ.މިގޮތުން ކަޅު ނަސްލުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދާ ދިނުމާއި އަދި ރެންޓްގެ މައްސަލަ ތަކުގައި މީހުންނަށް އެހީތެރިވެދެއްވާފައި ވެއެވެ. އޭނާވިދަޅުވެފައިވާ ގޮތުގައި ސިޔާސީ މަސައްކަތަށް ނިކުންނެވުމުގެ ޝައުގުވެރިކަން އުފެދުނީ އެމަސައްކަތުގެ ތެރެއިންނެވެ.

މަމްދާނީ ފާހަގަ ވެގެންދަނީ މަދުން އާމްދަނީ ލިބޭ މީހުންނާއި އަދި ފަލަސްތީންގެ ރައްޔިތުން ފަދަ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމަށް ތައްޔާރަށް ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

މަމްދާނީގެ ސިޔާސީ ކެރިއަރަށް ބަލާއިރު 2020ވަނަ އަހަރު އޭނާވަނީ ނިއުޔޯކްގެ ސްޓޭޓް އެސެމްބްލީ އަށް، 36ވަނަ ޑިސްޓްރިކްޓުން ކުރިމަތިލައްވާ ކާމިޔާބް ކުރައްވާފައެވެ.އޭނާގެ ޚިދުމަތުގެ ޓަރމް ފައްޓަވާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

މެނިފެސްޓޯ

ހޮވިވަޑައިގެންފިނަމަ ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާ ކަންތައްތަކުގެތެރޭގައި ސޯޝަލް ހައުސިންގ ހޯދައިދިނުން، ކުއްޔަށް އުޅޭ މީހުންގެ ހައްގުތައް ހޯދާދިނުން، ހިލޭ ޕަބްލިކް ޓްރާންސްޕޯޓް ފޯރުކޮށް ދިނުމުގެ ޕައިލެޓް ޕްރޮގްރާމެއްހިންގާ އެކަން ތައާރަފް ކުރަން މަސައްކަތް ކުރެއްވުން، އެންމެ މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުން، އަދި ވަޒީފާ އަދާ ކުރާ މީހުންނަށް ދިރިއުޅުމުގެ ޚަރަދު ކުޑަވާނެ ގޮތްތައް ތައާރަފް ކުރުން ހިމެނެއެވެ.

މަމްދާނީ އަކީ ނިއުޔޯކް ސްޓޭޓް އެސެމްބްލީގައި އޭނާގެ ޑިސްޓްރިކްޓުން ފުރަތަމަ ޚިދުމަތްކުރާ ދެކުނު އޭޝިޔާ ނަސްލުގެ މެމްބަރެވެ.

މަމްދާނީގެ މަގްބޫލުކަން ނިއުޔޯކްގައި އިތުރު ވެގެން ގޮސްފައިވުމުން ދައްކާދެނީ ޒުވާން ތާޒާ އަޑުތަކަށް ނިއުޔޯކްގެ ރައްޔިތުން ވަރަށް މަރުހަބާކިޔާފައިވާކަމެވެ.

Loading

2 Responses

  1. ޓުރަމްޕް ބޭނުންހާގޮތެއް އެމެރިކާގައެއް ނުވާނެއެވެ. ޓްރަމްޕް އެކަމާ ދެކޮޅަށް ނެށިވަރަކަށް މަމްދާނީ ރޭޓިން ދާނީ މައްޗަށެވެ.

  2. ދެން އުނދަގުވެގެން ހުންނަވާށެވެ. އެކަން ނިމިއްޖެއެވެ. ޖެނޮސައިޑް ސަޕޯޓަރ ޓްރަމްޕް ބަލިވީހުންހެއްޔެވެ.

Leave a Reply to މުޙައްމަދު މޫސާ Cancel reply

ފަހުގެ އަޕްޑޭޓް