އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރޭގައި މަސްހުނި ކަންތައްތަކެއް

Loading

Facebook
Twitter
WhatsApp

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަން މިރޭ ޖުމުހޫރީ މައިދާނުގައި ބާއްވާ ޖަލްސާގައި މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް ދެއްވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަންނަވަނީ 20 ބޭފުޅަކަށެވެ. އެ ބޭފުޅުންނަށް ވެސް މިރޭ މެޑެލް ހަވާލުކޮށްދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެކެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް އެއް ވަނަ ދަރަޖައިގައި ފާސްވި ހަތަރު ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ވެސް މިރޭ 8.30ގައި ބާއްވާ ޖަލްސާގައި ދެއްވާނެއެވެ.

މި ރޭގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. އަދި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި އެ ކާރިސާގައި ގެއްލުނު މީހުންގެ ހަނދާނުގައި މިނެޓުގެ ސުކޫތެއް ގެނެވޭނެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން މި ޖަލްސާގައި ވާހަކަފުޅު ދައްކަވާނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

ރާއްޖެއަށް 2004ގައި ކުރިމަތިވި ސުނާމީ ކާރިޘާގައި ދިވެހިންގެ ތެރެއިން 82 މީހުން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި ސުނާމީ ކާރިޘާގައި އެކިވަރުގެ ގެއްލުން ރާއްޖޭގެ 190 ރަށުގެ އެތައްހާސް ބަޔަކަށްލިބުނެވެ.

”ސުނާމީގައި ގެއްލުން ލިބުނު އެހެން ބައެއް ޤައުމުތަކުގައި ހިނގައިދިޔަފަދަ، ނޭއްގާނީ ޢަމަލުތަކެއް ރާއްޖޭގައި ނުހިނގީ، އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނެގިފައިވާ، މަތިވެރި އިސްލާމީ ޢަޤީދާއިން ލިބުނު ކެތްތެރިކަމާއި ތަޙައްމަލުކުރުމުގެ މަތިވެރި ސިފައިގެ ސަބަބުން.“ މިދިޔަ އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް