އެމެރިކާއިން އެ ގައުމު ބަލަހައްޓާށެވެ. ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަން އަހަރެމެނަށް ދޫކޮށްލާށވެ. މިއީ ޖަޕާނަށްޓަކައި އަހަރެމެންގެ ނިންމުމެވެ.
މި ހިނގާ އޮކްޓޯބަރމަހު އިންތިޚާބު ކާމިޔާބު ކުރައްވައި ޖަޕާނުގެ ތާރީޚުގައި ފުރަތަމަފަހަރަށް ބޮޑުވަޒީރު ކަމުގެ މަގާމު ލިބި ވަޑައިގެންނެވި އަންހެން ބޭފުޅާ އުމުރުފުޅުން 64 އަހަރުގެ ސަނާއި ތަކައިޗީ އާއި ދޭތެރޭ ކުރިން ބެލެވިފައިއޮތީ އެކަމަނާ ވެގެންދާނީ ކޮންޒަވޭޓިވް އުސޫލުތަށް ތަބާވެ ވަޑައިގެންނަވާ އެކަމަކު ހުޅަނގުގެ ގައުމުތަކާއި ގާތް ސިޔާސަތެއް ގެންގުޅުއްވާނެ ބޭފުޅެއް ކަމަށެވެ. އަދި ޖަޕާނުގެ މިލިޓްރީ ބާރު ވަރުގަދަ ކުރުމަށްޓަކައި ވަކިން ޚާއްސަކޮށް އެމެރިކާއާއި ދެތެރޭ ވަރަށް ޚާއްސަ ގާތް ގުޅުމެއް ގެންގުޅުއްވާނެ އަދި ޗައިނާއާއި ދުރު ބޭފުޅަކަށް ވާނެކަމަށްވެސް ބެލެވުނެވެ.
އެހެންނަމަވެސް ބޮޑުވަޒީރު ކަމުގައި ފުރަތަމަފަހަރު ގައުމާ މުޚާތަބު ކުރައްވައި ދެއްވި ތަގްރީރުން ހާމަވެގެންދިޔައީ އެކަމަނާއަކީ އިންގިލާބީ ފިކުރެއް ގެންގުޅުއްވާނެ ލީޑަރެއްގެ ގޮތުގައެވެ. އެކަމަނާގެ ތަގްރީރުގައި ވަރަށް ސަރީޙަ ބަހުން ވިދާޅުވެފައިވަނީ އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅަމުންގެންދާ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ޖަޕާނުން ތާއީދު ނުކުރާނެ ކަމަށާއި އަދި އިގްތިސާދީގޮތުން ޗައިނާއަށް ފިއްތުން ކުރިމަތި ކުރުމަގައި ބައިވެރިއަކަށް ނުވާނެކަމަށެވެ.
ރައީސް ޓްރަމްޕްގެންގުޅުއްވާ ޓެރިފްގެ ސިޔާސަތަށް ފާޑު ވިދާޅުވެ އެ ސިޔާސަތަކީ 21 ވަނަ ގަރުނުގައި މިހާތަނަށް އިޢުލާން ކުރެވެމުންދާ އެންމެ ނުރައްކާތެރި އިގްތިސާދީ ސިޔާސަތު ކަމަށްވެސް ވިދާޅުވެފާވެއެވެ. އެކަމަނާގެ ބަސްފުޅުތައް ވެގެންދިޔައީ އެމެރިކާއަށް ހޮނުއެޅުންފަދައި ކަމަށް މީޑިތަކުގައި ބުނެފާވެއެވެ. އެކަމަނާގެ ބަސްފުޅުތަކުން އެމެރިކާއަށް ލިބިގެންދިޔައީ ކުއްލި ޙައިރާންކަމެއް ކަމުގައި ރޮއިޓާރސް އިން ސިފަކޮށްފައި ވެއެވެ. ޖަޕާނުގެ ބަސްމަގު މިގޮތަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް އެމެރިކާއިން އުންމީދެއް ނުކުރެއެވެ. އެކަމަނާގެ ކެމްޕޭނުގެ ވާހަކަފުޅު ތަކުންވެސް އުންމީދު ކުރެވިފައިވަނީ ޖަޕާނުން އެމެރިކާއާއެކު މި ވެރިކަމުގައިވެސް އިތުރަށް ގުޅުން ވަރުގަދަކުރާނެ ކަމަށެވެ.
ސަނާއި ޓަކައިޗީ ވެރިކަމާ ޙަވާލުވެ ވަޑައިގަތުމާއި އެކު ޖަޕާނުގެ މިޓްސުބިޝީ ކޯޕަރޭޝަނާއި ޓޮޔޯޓާ އަދި ސޮނީ ފަދަ އެންމެހާ ބިޔަ ކުންފުނިތަކާއި އެކު ސިއްރު ބައްދަލުކުރެއްވުމެއް ބޭއްވެވިއެވެ. އެބޭފުޅުންގެ ރައުޔުގައިވެސް އިތުރު އިގްތިސާދީ ދެކޮޅުވެރި ކަމެއްގައި ޖަޕާނަށް އެއްވެސް ފައިދާއެއް ނުކުރާނެކަމަށް ބޮޑުވަޒީރަށް ދެންނެވިކަމަށް ވެއެވެ. އޮފީހާ ޙަވާލުވެ ވަޑައިގަތްތާ އެންމެ ހަފުތާއެއްގެ ތެރޭގައި އެކަމަނާ އެޅުއްވި ފިޔަވަޅުތަކަކީ ޖަޕާނުގެ ރައްޔިތުންވެސް ހީނުކުރާ ”ފުރަތަމަ ޖަޕާން“ ސިޔާސަތުގެ ފިޔަވަޅުތަކެކެވެ.
އެގޮތުން ޗައިނާއަށް ވިޔާފާރީގެ ގޮތުން ތާއީދުކުރާކަން ހާމަކުރެއްވުން ވެގެންދިޔައީ އިކޮނޮމިސްޓުންގެ ނަޒަރުގައި ޖަޕާނުގެ ތާރީޚުގައިވެސް ދެވަނަބޮޑު ހަނގުރާމައަށްފަހު އެންމެ އާދަޔާ ޚިލާފް ޚާރިޖީ ސިޔާސަތު ކަމުގައެވެ. ނިކީ އޭޝިޔާއިގެ މުޙައްލިލުން ބުނެފައިވަނީ ޖަޕާނުގެ މި ނިންމުމަކީ ވަރަށް މާނަހުރި ނިންމުމެއް ކަމަށެވެ. ޖަޕާނުގެ އިގްތިސާދު ބިނާވެފައި އޮންނަނީ އެކްސްޕޯރޓްގެ މައްޗަށް ބިނާވެފައިކަން ޓަކާއިޗީއަށް ވަރަށް ރަނގަޅަށް ވިސްނި ވަޑައިގަންނަވާކަން އެކަމަނާގެ މި ސިޔާސަތުން އެނގިގެން ހިނގައްޖެ ކަމަށެވެ.
ޗައިނާއަކީ ޖަޕާނުގެ އެންމެ ބިޔަ އެކްސްޕޯރޓް މާރކެޓްއެވެ. 2024 ވަނައަހަރު އެކަނިވެސް ޖަޕާނުން ޗައިނާއަށް އެކްސްޕޯރޓްކުރި މުދަލުގެ އަގު 180 ބިލިއަން ޑޮޅަރަށް އަރައެވެ. އަދި ޗައިނާގެ ކުންފުނިތަކުން ޖަޕާނުގައި ކޮށްފައިވާ އިންވެސްޓްމެންޓްތައް %40 ވަނީ އިތުރުވެފައެވެ.
އެހެންކަމުން އެމެރިކާއިން ޗައިނާއާއި ދެކޮޅަށް އިޢުލާންކުރާ ޓެރިފްގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކީ ޖަޕާނެވެ. ޖަޕާނުގެ ބޮޑެތި ވިޔަފާރި ކޯރޕަރޭޝަންތަކުން ޗައިނާއާއެކު ކުރިއަށް ގެންދާތާ ވިޔަފާރިއަށް ޒަމާންތަކެއްވަނީ ވެފައެވެ. އެމެރިކާއިން %100 ޓެރިފް އިޢުލާން ކުރުމުން ޖަޕާނުގެ ވިޔަފާރި އެމެރިކާއާއި ޗައިނާއާ ދޭތެރޭ ފިތިބާރުވެ ޖަޕާނުގެ އިގްތިސާދަށް ގިނަގުނަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވާނެއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާއަކީ އެންމެގާތް އިގްތިސާދީ ބައިވެރިޔާ ކަމުގައި ބަލައިގެން އުޅުމަށްފަހު ޓޯކިޔޯއިން މިފަހަރު ކަނޑައަޅާފައި މިވަނީ ޖަޕާނުން ޖަޕާނަށްޓަކައި ދިރިތިބުމުގެ ފަލްސަފާއެކެވެ. ޓަކާއިޗީގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ޖަޕާނަކީ ކުރިއަށް އޮތް ތަނުގައި އެހެން ބައެއްގެ ރާޒުވާ ކުޅިބައިގެ މަނަލަކަށް ނުވާނެ ކަމަށާއި ޖަޕާނުން އެމެރިކާއަށް އިޙުތިރާމް ކުރާ ބީދައިން ޗައިނާއަށްވެސް އިޙުތިރާމް ކުރާނެ ކަމަށެވެ.
ޖަޕާނުގެ ސިޔާސަތަށް މިއައި ބަދަލުވުން ތަޖްރިބާކާރުން ސިފަކުރަމުން ގެންދަނީ އޭޝިއާގެ އުދަރެހުން ދައްކާލި މުޅިން އާ ޒަމާނެއްގެ ފެށުން ކަމުގައެވެ.
އެހެނަސް އެމެރިކާއަށް ޖަޕާނުގެ މި ސިޔާސަތު ބަލައެއް ނުގަނެވުނެވެ. ޖަޕާނުން މިނިވަން ވިޔަފާރީގެ އުސޫލުތައް އޮޅުވާލައިފި ކަމަށާއި އަދި ޖަޕާނާ އެކު މިހާތަނަށް ކުރެވިފައިހުރި ހުރިހާ އެއްބަސްވުންތައް އަލުން ދިރާސާ ކުރައްވާނެކަމަށް ރައީސް ޓްރަމްޕް ރައްދު ދެއްވިއެވެ.
އެމެރިކާގެ މީޑިއާތަކުން ޖަޕާނަށް ނުރުހުން ފާޅުކުރަމުން ގެންދާއިރު ސީ އެން އެން އިން ސިފަކޮށްފައިވަނީ ޖަޕާނުން އެމެރިކާގެ ބުރިކައްޓަށް ފަހަތުންއައިސް ވަޅިހެރީ ކަމަށެވެ. އަދި ޖަޕާނާއި އެކު އެމެރިކާއިން ކޮށްފައިވާ ދިފާއީ މުއާޙަދާއިންވެސް ވަކިވުމުގެ ބަހުސްތައް ކޮންގްރެސްގައި ފެށިގެން ދާކަމަށް ވެއެވެ.
ޖަޕާނުގެ އިލެކްޓްރޯނިކް ސާމާނާއި އާއި ކާރު ފަދަ އެއްޗެތި އެމެރިކާއަށް އެކްސްޕޯރޓް ކުރާ ކުންފުނިތަކާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ނިންމުމަށް އިގްތިސާދާބެހޭ ވުޒާރާއަށް ރައީސް ޓްރަމްޕް އަންގަވައިފާ ކަމަށާއި އެކަމަކު ރައީސް ޓްރަމްޕްގެ މި އަމުރާގުޅިގެން އެތެރެކޮއިލުގައިވެސް ހިތްހަމަނުޖެހުން އުފެދިފައިވާ ކަމަށް ޕޮލިޓިކޯ އިން ބުނެފައިވެއެވެ.
މިހާރު ފެންނަމުން މިދަނީ 2 ވަނަ ބޮޑު ހަނގުރާމައަށް ފަހު ފުރަތަމަފަހަރު ޖަޕާނާ އެމެރިކާގެ ގުޅުން ހީނަރު ވެގެންދާ ކަމުގެ ނިޝާންތަކެވެ. ޖަޕާނުން އެމެރިކާގެ ހިޔަނިން ބޭރަށް ނުކުތުމުން ޖަޕާނުގެ މާރކެޓް އޭޝިއާގެ ފަރާތަށް ބުރަވެގެންދާނެ ކަމަށް ސްޓޭޓް ޑިޕާޓްމެންޓުގެ މުޙައްލިލަކު ބުނެފައިވެއެވެ. އަދި މި ބަދަލުތަކުން ޖަޕާނުގެ ޒުވާން ޖީލު ދެކޭގޮތްވެސް ސާފުވެގެންދާ ކަމުގައެވެ.
ޖަޕާނުގެ މަސްރަހުން ފެންނަނީ ޒަމާންވީ އެމެރިކާގެ ސެކިއުރިޓީ ގަރަންޓީއަށް ވުރެންބޮޑަށް މިނިވަންކަން ބޭނުންކަމުގެ ކުލަވަރުތަކެވެ. އެން އެޗް ކޭ އިން ޚިޔާލު ހޯދުމަށް ނެގުނު ވޯޓުގައި ޖަޕާނުގެ ރައްޔިތުންގެ %60 ޓަކައިޗީގެ ސިޔާސަތަށް ތާއީދުކުރެއެވެ. އެމެރިކާއަށް ބުރަވެގެން އޮތުމަށް އިންކާރު ކުރެއްވުން ފާހަގަކޮށް ޖަޕާނުގެ ޒުވާނުން މިހާރު އެކަމަނާއަށް ޒުވާން ޖީލުގެ ބޮޑުވަޒީރުގެ ނަން ވަނީ އަރުވާފައެވެ.
ސިޔާސީ ގޮތުން މިއައި ބަދަލުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފިކަހަލައެވެ. ޔެންގެ އަގުވެސް އުފުލި ޗައިނާގެ ޔުއާންވެސް އުފުލިއްޖެއެވެ. ހަމައެއާއި އެކު ޖަޕާނާއި އަދި ޗައިނާގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު ކުޑަކޮށް ދަށަށް ގޮސްފައެވެ. ޖަޕާނާއި ޗައިނާ އަދި ދެކުނު ކޮރެއާއިން އޭޝިއާގެ ތެރޭގައި ކުރެވޭ މުޢާމަލާތުތަކަށް ބޭނުންކުރާނެ އާންމު ފައިސާގެ ޒޯނެއް އުފެއްދުމާ ބެހޭ ވާހަކަތަކެއް ފެށިއްޖެކަމަށް ބުލޫމްބާރގުގެ އިކޮނޮމިސްޓުން ބުނެފިއެވެ. އޭގެ ސަބަބުން އެ ގައުމުތަކުގެ ބާޒާރުގައި އެމެރިކާ ޑޮލަރ ބޭނުންކުރުން މަދުވެގެންދާނެއެވެ.
ނިކީ އޭޝިއާގެ މުޙައްލިލުން ދެކޭގޮތުގައި ޓަކައިޗީގެ ސިޔާސަތަކީ ހުޅަނގުން އެއްކިބާވެ އޭޝިއާގެ މިނިވަން ވިޔަފާރިއަކާ ދިމާލަށް މިސްރާބު ޖެހުންކަމަށް ބެލެވެއެވެ.
ކޮންމެވެސް ސަބަބަކާހުރެ މިހާތަނަށް ޗައިނާއަކީ ނުރައްކަލެއް ކަމުގައި ބަލަމުން ގެންދިޔަ ޖަޕާނުން ކުއްލިއަކަށް ޗައިނާއަކީ ބައިވެރިއަކަށްވުން އެކިއޯޑޯ ނިއުސް ގައި ޖަޕާނުގެ ގިނަ ރައްޔިތުން ބޭނުންވަނީ ވަކި ގައުމަކަށް ލެނބިގެން ތިބުމުގެ ބަދަލުގައި އަދި މާދުރުން ބައިވެރިން ހޯދުމުގެ ބަދަލުގައި އޭޝިއާއިން ބައިވެރިން ހޯދުމަށް ތާއީދު ކުރުން ކަމުގައި ފާހަގަކޮށްފައި ވެއެވެ.
ޗައިނާއާއި ޖަޕާނާ ދެކޮޅަށް އެމެރިކާއިން މިހާތަނަށް އަޅާފައިވާ ޓެކްސް ފިޔަވަޅުތަކުންވެސް އެމެރިކާގެ ވިޔަފާރިއަށް ގެއްލުން ދައްކަން ފަށައިފިއެވެ. ޖަޕާނުގެ ކޯރޕޮރޭޝަންތަކުން މިހާރު މަސައްކަތްކުރަމުންގެންދަނީ ހުޅަނގު އެއްފަރާތްކުރުމަށްފަހު އޭޝިއާގެ މާރކެޓަށް ވަނުމަށެވެ.
ޓަކައިޗީގެ ބަސްފުޅު ވަރަށް ސާދާއެވެ. އެމެރިކާއިން އެމެރިކާ ރައްކާތެރި ކުރާށެވެ. ޖަޕާނުން ޖަޕާން ރައްކާތެރި ކުރާނެއެވެ. މިއީ ރަޝިޔާގެ ކޮޅަށް ނުވަތަ ޗައިނާގެކޮޅަށް ބުރަވުމެއް ނޫނެވެ. މިއީ ޖަޕާނަށްޓަކައި ޖަޕާނުން އިޚްތިޔާރު ކުރި މަގެކެވެ. އެކަމަކު އެކަމަނާގެ ބަސްފުޅުން ޗައިނާއާއި އެކުގައި މަސައްކަތް ކުރުމުގެ ވިސްނުންފުޅު ހުރިކަން ދޭހަވެއެވެ. އަދި މިކަމުން ނިކުމެދާނެ ނަތީޖާއާ ދޭތެރޭ އައި އެމް އެފް އިން މިހާރު ބަހުސް ކުރަން ފަށައިފިކަމަށް ބުނެފައި ވެއެވެ.
ޖަޕާނާއި ޗައިނާއިން ފައިސާއާއި އުފެއްދުން ތެރިކަމުގެ ބާޒާރުގައި އެއްބައިވަންތަކަން އިޚްތިޔާރު ކޮށްފިނަމަ އެހިސާބުން އެމެރިކާ ޑޮލަރުގެ އަގު %50 ދަށަށް ވެއްޓޭނެކަމަށް ބުލޫމްބާރގް އިންޓެލިޖެންސުން ބުނެފައި ވެއެވެ.
އެމެރިކާގެ ހިޔަނީގެ ތެރެއަށް ޖަޕާން ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރަމުން ގެންދާއިރު ޓަކައިޗީ ގެންދަވަނީ ގައުމުގެ ތެރޭގައި އެކަމަނާގެ ތަސައްވުރުގައި ކުލަ ޖައްސަވަން މަސައްކަތް ކުރައްވަމުންނެވެ. މާޒީވެ ދިޔަ ލީޑަރުންނަށް ވުރެން އެ ކަމަނާގެ މަގްބޫލުކަން އިތުރުވެ އެ ކަމަނާއަށް މިހާރުވެސް ޖަޕާނުގެ މާރގްރެޓް ތެޗަރ ގެ ނަމުން މުޚާތަބް ކުރެވެން ފަށައިފިއެވެ.
ޖަޕާނުގެ އިދިކޮޅު ޕާރޓީތަކުންވެސް ބުނަމުން ގެންދަނީ ޖަޕާނުން ޖަޕާނގެ ނަމުގައި ފުރަތަމަ ފަހަރު ވާހަކަ ދައްކަން ފަށައިފިކަމަށެވެ. މިހާތަނަށް ފެނިފައިވަނީ ޖަޕާނުން އެމެރިކާގެ ނަމުގައި ވާހަކަ ދައްކާތަނެވެ.
ޓަކައިޗީ ވިދާޅުވަމުން ގެންދަވަނީ އޭޝިއާއިން އެކުގައި މަސައްކަތް ކޮށްގެން މެނުވީ އޭޝިއާކުރިއަށް ނުދާނެ ކަމަށެވެ. ގްލޯބަލް ޓައިމްސް އިން ބުނެފައިވަނީ އެ ކަމަނާއަކީ ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއްކަން މިހާރުވެސް ހާމަ ވެއްޖެ ކަމަށެވެ.
މިހާރުވެސް ޗައިނާއިން ޖަޕާނުގެ ބޮންޑް ގަންނަން ފަށައިފިއެވެ. އަދި ޖަޕާނުގެ ސްޓޮކް މާރކެޓް ހީނުކުރާ މިންވަރަށް އުފުލެމުން ދާކަން ފާހަގަކުރެވެން ފަށައިފިއެވެ. މިހާރުވެސް ޓަކައިޗީ އަކީ ޗައިނާގައި އިޙްތިރާމް ލިބިވަޑައި ގެންފައިވާ ބޭފުޅަކަށް ވެއްޖެއެވެ. އެކަމަކު އެމެރިކާގެ މޫނުމަތިން ފެންނަމުންދަނީ ފޫހި ކަމެވެ. ޖަޕާނާއި ޗައިނާއިން ގާތްވަމުން ދިޔަވަރަކަށް އެމެރިކާއިން އޭޝިއާއާއި ދޭތެރޭ ގެންގުޅޭ ސިޔާސަތު ވަޅުޖަހަމުންދާނެ ކަމަށް ސީ އެސް އައި އެސް ގެ ރިޕޯރޓްރެއްގައި ބުނެފައިވެއެވެ.
![]()
