މަސްވެރިންނަށް ވީ ވައުދު ބަދަލުވަމުން ދަނީ ދޮގު ވައުދުތަކަކަށް

Loading

Facebook
Twitter
WhatsApp

ރައީސް ޔާމީނާ ވާދަކުރަން 2018 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއި އެހެން ސިޔާސީ ޕާޓީތައް ގުޅިގެން، ދިވެހި ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯ، ”ވައުދު ނާމާ“ގައިވެއެވެ.

”ދިވެހި އިޤްޠިޞާދުގެ ރޫފަ ހެޔޮކުރުމަށް މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑުކުރުން.

މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދިނުން.

މަހަށް ފުރުވުމުގެ ބޭނުމުގައި ފަށަންދަމައި ބަނދެގެން ބާލާފައިވާ އެންމެކުޑަ ބޮއްކުރާއިން ފެށިގެން ބޮޑެތި ބިޔަ ކަންނެލި އޮޑިފަހަރުވެސް މަހަށްނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއްނެތި ހަމައަގު ލިއްބައިދިނުން.

މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނުއެޅުމަށް ލުއިފަސޭހަ ލޯނު ސްކީމެއް ތަޢާރުފުކުރުން.

ދިވެހި މަސްވެރިން ބާނާ މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުފަހަރު ރާއްޖެ އައުމަށް ހުއްދަދީ، މެދުވެރިއެއްނެތި، ބޭރުގެ މަސްގަންނަ ފަރާތްތަކަށް މަސް ވިއްކޭނޭ މަގު ހުޅުވައިލުން.

ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި ޖާގަ ކުޑަ މަސްފެކްޓަރީ ބޭރުގައި ކިޔުހަދައިގެން ތިބެންޖެހުން ނިމުމަކަށް ގެނައުން.

މަސްވެރިކަން ތިޔާގިވުމާއެކު ބޭނިމަހުގެ އެއްބައި އުކާލަން ނުޖެހޭގޮތަށް ސީދާ ބޭރުގެ (ސިލޯނުފަދަ) މާކެޓްތަކަށް ވިއްކޭނޭ ނިޒާމެއް އެ ޤައުމުތަކާއި މެދު ވެވޭ އެއްބަސްވުމުގެ ދަށުން ޤާއިމްކުރުން.

ތެލާއި އައިސް އަދި އެހެނިހެން ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވާން ނުޖެހޭނެ އިންތިޒާމެއް ތަޢާރަފްކޮށް، ރާއްޖޭގެ މުޅި އިޤްޠިޞާދީ ސަރަޙައްދު ބޭނުންކުރެވޭނޭ މަގު ދިވެހި މަސްވެރީންނަށް ފަހިކޮށްދިނުން.

ރަށްރަށުގަޔާއި އަމިއްލަ ގޭގޭތެރޭގައިވެސް ކުދި މަސްޕްލާންޓް ހަދައި ހިންގޭނެފަދަ ހަމަތައް ތަޢާރަފްކުރުން.

މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރެވޭނެ ގޮތްތައް ބަލައި، މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެގޮތްތައް ހޯދުން.

ފަރުމަސްވެރިކަން ރަނގަޅުކޮށް އެ މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން ފަރުމަސް ކަލެކްޝަން ޕޮއިންޓްތައް އެކި ސަރަޙައްދުތަކުގައި ހެދުން.

މަސްމާރުކޭޓްތައް ރަނގަޅު ފެންވަރަކަށް ހެދުން.

މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެން ފެކްޓްރީ ޤާއިމްކޮށް، އެންވެރިކަން އާލާކުރުމުގެ މަސައްކަތް ފެށްޓުން.“

ކިހާ ފައްކާ ”ވައުދު ނާމާ“އެއްތޯއެވެ؟ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ފުއްދައި ދެވުނީ މަސްވެރިކަމުގެ ކިތައް ވައުދުތޯއެވެ؟

ވައުދުތައް ނުފުދި މަސްވެރިން ނޭވާހޮޅިއަށް އެޅުމުން މަސްވެރިން ވަނީ މި ޑިސެމްބަރު މަހުގެ ތެރޭގައި ދެ މުޒާހަރާކޮށްފައެވެ. ބޮޑުކަންނެލީގެ މަސްވެރިކަން ކުރާމީހުން މަސްވެރިންގެ ދުވަހު ކަނޑުމަތީގައެވެ. އުތުރުގެ މަސްވެރިން ފެލިވަރާއި ފެލިވަރު ފަޅުތެރޭގައި ޑިސެމްބަރު 22 ވަނަ ދުވަހުގައެވެ.

މުޒާހަރާ ކުރި މީހުން ބޭނުންވެގެން އުޅުނުކަމެއް އެމީހުންނަކަށް ހާސިލެއް ނުވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ފޯނުންވެސް ގުޅޭ ގޮތެއްނުވިއެވެ. މަސްކިލޯއެއް 20ރ އަށް ވުރެ ބޮޑުއަގުގައި ގަންނާކަށް މިފްކޯއިން އެއްބަހެއްނުވިއެވެ. މަސްވެރިން ބޭނުންވާގޮތަށް އައިސް ގަނެ، މަސްކިރުވޭނޭ ނިޒާމެއް ގާއިމުކުރެވޭ ގޮތެއްނުވިއެވެ.

މަސްވެރިންނަށް މަހުގެ ހަމައަގުދޭނޭކަމަށް އެތައް އަހަރެއް ވާނދެން އަޑުއުފުލި އެމްޑީޕީން ވަނީ މަހުގެ އަގު މިއިންޒަމާނެއްގައި ސަރުކާރުން ވަށްޓާނުލާވަރަށް އަގުދަށްކޮށްފައެވެ.

މަސްވެރިންގެ ހިމޭން މުޒާހަރާއާ ގުޅިގެން ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު މީޑިއާއަށް ދެއްވި މައުލޫމާތުން އެނގުނީ މިފްކޯ އޮތީ ހާލުގައި ކަމަށާއި މަސްވެރިން އެދޭގޮތަށް މަހުގެ އަގު މަތިކޮށްދެވެން ނެތްކަމަށެވެ. އޭގެ މާނައަކީ އެމްޑީޕީން އަޑުއުފުލަމުން އައި ހަމައަގުކަމަށް މަސްވެރިން ގަބޫލުކޮށްގެން ތިބި އަގު ނުލިބޭނޭކަމެވެ. އެމްޑީޕީ ވެރިކަމަށް އައިފަހުން މިފްކޯއަށް މަސްގަންނައަގު ވަނީ ކުޑަކޮށްފައެވެ. އެއީ އެއްވެސް މަސްވެރިއަކު އުއްމީދުކުރިކަމެއްނޫނެވެ. އެހެންވެ މަސްވެރިން ގަބޫލުކުރީ މަސްވެރިންނާ ޖެހި ސަރުކާރު ފޭލުވެއްޖެކަމަށެވެ. ކެމްޕޭނުގައި ވީ ވައުދުތައް، ދޮގު ވައުދުތަކަކަށް ބަދަލުވެއްޖެ ކަމަށެވެ. ވައުދު ނާމާއާ ޚިލާފުވެ މަސްވެރިންނަށް މަކަރާއި ދޮގު ހަދައިފިކަމަށެވެ.

ފެލިވަރުގައި މަސްވެރިން ކުރި މުޒާހަރާއާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާޢީލް ފައުޒީ ވިދާޅުވީ ފެލިވަރުގައި މަސްކިރުވުމުގެ އިންތިޒާމުތައް ދަށްކަމަށާއި މަސް ފިނިކުރަން ގުދަން ކުރާނެ އެކަށީގެންވާ ޖާގައެއްވެސް ނެތްކަމަށެވެ.

ކުރީގެ ސަރުކާރުން އެނިޒާމު ގާއިމުކޮށްފައި ނެތްކަމަށް ވާނަމަ އެވަސީލަތް ދެއަހަރެއްހާ ދުވަހުގެތެރޭގައި ގާއިމުކުކުރެވެންވީ ކީއްވެގެންބާވައެވެ!

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިގޮތުގައި ސަރުކާރަށް ވައުދުތައް ނުފުއްދިގެން މިއުޅެނީ އެއްވެސް ތާކުންތާކު ނުޖެހޭ ވައުދުތަކެއް ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާތީއެވެ. އޭނާ ވިދާޅުވިގޮތުގައި އެ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަމެއް ސަރުކާރަށް ލިބިގެނެއްނުވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވިގޮތުގައި ދިވެހި މަސްވެރި އާއިލާތައް މިހާރު ތަޙައްމަލު ކުރަމުންދާ ނިކަމެތި ހާލަތުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީންނެވެ.

އެމްޑީޕީ ކޯލިޝަން ސަރުކާރަށް ދެއަހަރު ފުރިގެންދިޔަ އިރު

މަސްވެރިކަމުގެ ގިނަ ވައުދުތައް ހުރީ އަމަލީ ސިފައެއް ނުގެނެވި ކަރުދާހުގައެވެ. މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަމޭ ކިޔައިގެން ދެއްކި ވާހަކަތަކުގެ ރާގު ބަދަލުވެ މިފްކޯ އުވާލަން ޖެހޭ ވާހަކަތަކުގެ އަޑު ގަދަވާން ފަށައިފިއެވެ.

މިފްކޯއަކީ ފައިދާ ހުރި ކުންފުންޏަކަށް ހަދަން އެމްޑީޕީގެ ބައެއް މީހުން އަޑުއުފުލަމުން ދާއިރު މިފްކޯ އުވާލުމަށާއި ފެލިވަރު ބަންދުކުރުމަށް ބާރުއަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ”އަބަދުވެސް ފާހަގަވެފައި އޮތީ މިފްކޯ ޖެހޭނީ އުވާލަން ކަމަށް. ފެލިވަރު ޖެހޭނީ ބަންދުކުރާން ކަމަށް،“ ނަޝީދު ވިދާޅުވި އެވެ.

މިފްކޯ އުވާލައި ފެލިވަރު ބަންދުކުރާ ވާހަކަ ދައްކަވަމުން ގެންދަވާއިރު މިފްކޯއާއި ފެލިވަރާ ގުޅުން ހުރި ބޮޑެތި ވައުދުތައް ސަރުކާރު ކޯލިޝަނުން ކުރަމުން ދަނީ ކީއްވެގެންބާވައެވެ! އެއީ ރައްޔިތުންނަށް އޮޅުވާލުމެއްކަމުގައި ނުވާނެތޯއެވެ؟ ”މިސަރުކާރުން މަސްވެރިންގެ އަޑުއަހާނެ. މި ސަރުކާރު އޮންނާނީ މަސްވެރިންނާއެކު“ މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ޒަހާގެ ވާހަކަ ގަބޫލު ކުރާނީ ރާއްޖޭގެ ކިތައް މަސްވެރިންބާވައެވެ!

މަހަށްފުރުވުމުގެ ބޭނުމުގައި ފަށަންދަމައި ބަނދެގެން ބާލާފައިވާ އެންމެކުޑަ ބޮއްކުރާއިން ފެށިގެން ބޮޑެތި ބިޔަ ކަންނެލި އޮޑިފަހަރުވެސް މަހަށްނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއްނެތި ހަމައަގު ލިއްބައިދިނުމުގެ ވައުދު ފުދެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟

ރަސްއައިންތަކުން ވަތް ފުރައި ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި ޖާގަ ކުޑަ މަސްފެކްޓަރީ ބޭރުގައި ކިޔުހަދައިގެން ތިބެންޖެހުން ނިމުމަކަށް ގެނެވުނީ ކިހައި މިންވަރަކަށް ހެއްޔެވެ؟

ރައީސް ނަޝީދު ތިން އަހަރު ވެރިކަން ކުރައްވާފައި އިސްތިއުފާދެއްވިއިރު ”މިފްކޯ“ އޮތީ ފޮތިފޮތިކޮށް ބައިބައިކޮށްފައެވެ. އެއީ މަސްވެރިން އަލުން ދެކެން ބޭނުން ދުވަހެއްނޫނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް